ވިޔަފާރި

ހިއްސާ ވިއްކާނީ އަންނަ އަހަރު، އެންމެނަށް ވެސް ގަނެވޭނެ: އުރީދޫ

  • 2017 ދެވަނަ ކުއާޓާގައި ހިއްސާ ވިއްކާނެ
  • އެކަށީގެންވާ އަދަދެއް ވިއްކަން ނިންމާފައިވޭ
  • ހިއްސާގެ ބާޒާރަށް އައި ބޭރުގެ ފުރަތަމަ ކުންފުނި

އުރީދޫ މޯލްޑިވްސް، ގެ ހިއްސާ ވިއްކަން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށާއި، ހުރިހާ ފެންވަރެއްގެ ބަޔަކަށް ވެސް ހިއްސާ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ފުރަތަމަ މަލްޓިނޭޝަނަލް ކުންފުނީގެ ހިއްސާ ވިއްކަން ފެށުމާބެހޭ ގޮތުން ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސުގައި އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް އަރުޝީ މުހައްމަދު ވިދާޅުވީ ހިއްސާ އާއްމުންނަށް ވިއްކުމަށް ވާން ޖެހޭ ތައްޔާރީތައް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.

"ހިއްސާ ގަތުމަށް ވަކި ރެސްޓްރިކްޝަންސް ތަކެއް ނެތް. ދިވެހިންނަށާއި، ދިވެހި ކުންފުނިތަކަށް ބޭރު ކުންފުނިތަކަށް ވެސް ގަނެވޭނެ،" އަރުޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަ ވެގެން މީހަކަށް ހިއްސާ ގަނެެވޭނެ އަދަދު އަންނަ އަހަރުގެ އޭޕްރިލް މަހު އާއްމު ކުރާނެ ކަމަށެވެ. އަދި އެ މައުލޫމާތު އާއްމުކުރާތާ 14 ދުވަސް ފަހުން އާއްމުކޮށް ހިއްސާ ގަންނަން ހުޅުވާލާނެ ކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވާހަކަ ދެއްކެވި، ފާތުމަތު ލަމްހާ ވިދާޅުވީ އުރީދޫން ފުދޭ ވަރެއްގެ ބޮޑު އަދަދެއް ހިއްސާގެ ގޮތުގައި ވިއްކާނެ ކަމަށެވެ.

"ސްޓޮކް އެކްޗޭންޖުގައި ލިސްޓުކުރި ފުރަތަމަ މަލްޓިނޭޝަނަލް ކުންފުނި މިއީ. އަޅުގަނޑުމެންނަށް ވަރަށް އިތުބާރު އެބައޮތް ހުރިހާ ބޭފުޅުންނަށް އެކަށީގެންވާ ރޭންޖެއްގައި އުރީދޫން ފްލޯޓް ކުރަން ގަސްތު ކުރައްވަނީ،" ލަމްހާ ވިދާޅުވި އެވެ.

އުރީދޫ ގްރޫޕަކީ ޓެލެކޮމް ދާއިރާ ދުނިޔޭގައި އެންމެ ފުންނާބު އުސް އެއް ކުންފުންޏެވެ. މި ކުންފުނިން އެފްރިކާ އާއި މެދުއިރުމަތީގައި ހިދުމަތް ދެމުން ގެންދެ އެވެ. މިގޮތުން އޮމާން އާއި ފަލަސްތީން އަދި އިރާގުގެ ހިއްސާގެ ބާޒާރުގައި ވަނީ ލިސްޓް ކޮށްފަ އެވެ.