ވިޔަފާރި

"މިނިވަންކަން ނުގެއްލޭ ގޮތަށް ކުރިއަރާ ދެވިދާނެކަން ރާއްޖެ ދައްކައިފި"

  • ދެ އަހަރުތެރޭ މާކެންޓައިލް މޫވްއެއް ގެނެސްދީފި
  • އަޅުވެތި ނުވެ، ރާއްޖޭން ދަނީ ކާމިޔާބު ހޯދަމުން
  • އުރީދޫ ފަދަ ކުންފުނިތައް ތިބުން ދައްކުވައިދެނީ ހަމަޖެހުން

ގައުމުގެ މިނިވަންކަމާއި، ދީނާއި އިސްތިގުލާލު، ގެއްލުވާ ނުލައި، ގައުމު ކުރިއަރައި ދެވިދާނެކަމުގެ ޔަގީންކަން ރާއްޖޭން ދައްކާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އުރީދޫ އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީ ކޮށް ހިއްސާ ވިއްކަން ފެށުން އިއުލާން ކުރުމަށް ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ސައީދު ވިދާޅުވީ "މާކެންޓައިލް މޫވް" އެއް ރާއްޖޭގައި ގާއިމް ކުރެވިއްޖެކަން ދެ އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ދައްކަވައި ދެއްވާފައިވާ ކަމަށެވެ. އަދި ގައުމު ކިތަންމެ ކުޑަ ނަމަވެސް މިނިވަންކަމުގެ ތެރެއިން ކުރިއަރައި ދެވޭނެކަން ރާއްޖޭން ދައްކަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވިޔަފާރީގެ ދާއިރާގައި ކުރިއަރައި ދިނުމަށް، އަޅުގަނޑުމެންގެ ގައުމު ކިތަންމެ ކުޑަ ނަމަވެސް، އަޅުގަނޑުމެންގެ ރައިޓްފުލް ޕްލޭސް އަށް. އަޅުގަނޑުމެންގެ އިސްތިގުލާލް ނުގެއްލޭ ގޮތަށް، ދީނީ އަސާސްތައް ނުގެއްލޭ ގޮތަށް. އަޅުގަނޑުމެންގެ ފަންޑަމެންޓަލް ރައިޓްސް އަޕްލޯޑު ކުރަމުން، ދުނިޔޭގެ ކުރިއަރަމުންދާ ގައުމުތަކާ ވާދަކޮށް އިރާދަކުރެއްވިއްޔާ އިގްތިސާދީ މިނިވަންކަމުގެ ތެރެއިން އަޅުގަނޑުމެންގެ މާދަމައިގެ ޖީލުތަކަށް މި ގައުމު ސަސްޓެއިން ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭކަން ޔަގީންވުން އެއީ އެންމެ ބޮޑު ނަސީބަކީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުރީދޫ ފަދަ ކުންފުނިތައް ރާއްޖޭގައި ގާއިމްވެ، ތިބެނީ ރާއްޖޭގައި ހަމަޖެހުން އޮތްކަން ޔަގީވާތީ ކަމަށެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި ހިއްސާ ވިއްކަން ފެށުމަކީ އޭގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު ގައުމުގެ ހަމަޖެހުން އޮންނަ އޮތުން މިއީ އުރީދޫ ފަދަ އެތައް ކުންފުންޏެއް މާކެންޓައިލް މޫވް އަކަށް އަންނަ ސަބަބު. ރާއްޖެ އަށް ފޮރިން އިންވެސްޓްމަންޓް، އަދި ދިވެހި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓުގެ ދައުރު ފުޅާކޮށް އެ ބޭފުޅުންގެ ވިޔަފާރި ފުޅާ ކުރުމަކީ ހައްގު ޝުކުރު އަދާކުރަން ޖެހޭ ކަމެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސޮވެރިން ކްރެޑިޑް ރޭޓިންގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެކަން އިންވެސްޓަރުންގެ ދުލުން ބުނަމުންދާ ކަމަށެވެ. އަދި އުރީދޫ ނޫނަސް ސްޓޮކް އެކްސްޗޭންންޖްގައި ލިސްޓް ކުރާ ކުންފުނިތައް އިތުރު ވެގެން މިދަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ މާލީ ދާއިރާ ކުރިއަރާ ކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ.

"މިއަދު ގަތަރުގެ ސަރުކާރުން ދެއްވި ހަދިޔާއަކީ ވެސް ރައީސް ޔާމީން އަރަބި ގައުމުތަކާ، އެކުވެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ. ޒުވާނުން ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ،" ސައީދު ވިދާޅުވި އެވެ.