ލައިފްސްޓައިލް

ކާމިޔާބު، އުފެއްދުންތެރި މީހެއްގެ ސިފަތައް!

ކާމިޔާބު މީހަކަށްވުމަށް ތީގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ. ދެކެމުން އަންނަ ހުވަފެންތަކާއި އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާނެ އެވެ. އެކަމަކު އެކަމަށް ހުރަހެއް އެޅުނީ ހެއްޔެވެ؟ އަމާޒުތައް ހާސިލުކުރުމަށް އުފެއްދުންތެރި މީހަކަށް ނުވެނީ ހެއްޔެވެ؟

މިއީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ކިތަންމެ އުއްމީދުތަކެއް ހުރި ނަމަވެސް އެ އުއްމީދުތަކަށް ވާސިލުވުމަށް މަސައްކަތްތަކެއް ނުކުރެވެ އެވެ. އުފެއްދުންތެރި މީހަކަށް ނުވެވެ އެވެ. ކާމިޔާބު މީހަކަށްވުމަށް ހުރަސް އެޅެނީ އެވެ.

މިހެންވާނަމަ ތިރީގައި މިވާ ކަންކަން ކުރުމަށް އިސްކަން ދޭށެވެ. އެއީ ކާމިޔާބު މީހުން އުފެއްދުންތެރިވުމަށް ކޮންމެ ދުވަހަކު ވެސް ކުރާ ކަންކަމެވެ.

ކުރާ މަސައްކަތަށް ލޯބިކުރާނެ

މާކް ޒަކަބާގް ނޫނީ ހިލަރީ ކްލިންޓަނަށް މިހާރު ލިބިފައި އެވާ ކާމިޔާބީ، އެމީހުންގެ މަސައްކަތް ދެކެ ލޯބިނުކުރިނަމަ ލިބުނީސްކަން ގަބޫލުކުރަން ހެއްޔެވެ؟ ނޫނެކެވެ. ނުލިބުނީހެވެ. ކާމިޔާބު މީހުން، އެމީހުންގެ މަސައްކަތް ދެކެ ލޯބިވާނެ އެވެ.

ރިސާޗެއް ބުނާ ގޮތުން މުވައްޒަފުން އުފަލުގައި ތިބޭނަމަ އެތަނެއްގެ އުފެއްދުންތެރިކަން 12 ޕަސެންޓް އިތުރެވެ. މިކަމުން އެނގެނީ މަސައްކަތުގެ ތަސައްލީއަކީ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެއް ކަމެވެ.

މަސައްކަތް ދެކެ ފޫހިވެ، ކުރާ ހިތުން ނުކުރާނަމަ އުފެއްދުންތެރިކަމެއް ނުނެރެވޭނެ އެވެ.

ފަތިހާ ހޭލާނެ

ބުރަ މަސައްކަތުން ކާމިޔާބީގެ އެންމެ އުސްމިނާ ހަމައަށް ވާސިލުކޮށްފައިވާ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާއަކީ ވަރަށް ފަތިހާ ހޭލައްވާ ބޭފުޅެކެެވެ.

ފަތިހާ ނިދައިން ހޭލުމަކީ އެފަދަ ކާމިޔާބު އެހެން ވެސް ގިނަ ބޭފުޅުންގެ އާދައެކެވެ.

މިކަމުން އެނގިގެން ދަނީ ފަތިހާ ހޭލުމަކީ ކާމިޔާބު މީހުންގެ ސިފައެއް ކަމެވެ. ފަތިހާ ހޭލުމަކީ ތިމާ އުފެއްދުންތެރިކަން އިތުރުވާނެ ކަމެކެވެ. ސަބަބު ވަރަށް ވެސް ސާފެވެ. ފަތިހާ ހޭލުމުން ހަކަތަ އިތުރުވެ އަމިއްލަ ނަފްސްގެ ކޮންޓްރޯލް ބޮޑުވެ އެވެ.

އުފެއްދުންތެރި ހެނދުނަކަށް ހަނދާނީ ކިހިނެއް؟ މިއީ ވެސް އުފެދިދާނެ ސުވާލެކެވެ. ޝެޑިއުލެއް ހަދާށެވެ. ހޭލުމަށްފަހު 15 ވަރަކަށް މިނެޓް ކަރަސްތުކޮށްލާށެވެ. އެއަށްފަހު ފެންވަރާލައި ކޮފީ ތަޓެއް ބޯލާށެވެ. އޭރަށް ތިމާގެ ދުވަސް ވަރަށް ވެސް ހިތްގައިމުވާނެ އެވެ.

އަމިއްލަ ނަފުސަށް ކަމޭހިތާނެ

ކާމިޔާބު މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބަޔެއް ކަމަށް ހިތާނެ އެވެ. އެމީހުންނަށް އަމިއްލަ ނަފުސާމެދު ވިސްނާލާނެ ނުވަތަ އެކަމަށް ވަގުތު ވެސް ނުދެވޭނެއޭ ވެސް ހިތައިދާނެ އެވެ.

އެކަމަކު ތި ވިސްނުން ގޯހެވެ. ކަން ހިނގަނީ އެއާ މުޅިން ހިލާފަށެވެ.

ދުނިޔޭގެ ކާމިޔާބު މީހުންގެ ލިސްޓަށް ބަލާއިރު، އެމީހުންގެ ވަނަވަރުން އެނގޭ ގޮތުގައި އެމީހުންނަކީ އަމިއްލަ ނަފުސަށް ކަމޭހިތާ ބައެކެވެ. އަދި އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ލޯބި ވެސް ކުރާ ބައެކެވެ.

އުފެއްދުންތެރިކަން ނެރެވޭނީ ތިމާގެ ސިއްހަތު ރަނގަޅުނަމަ އެވެ. އެހެންކަމުން ކާމިޔާބު މީހުން ނުވަތަ ކާމިޔާބުވުމަށް މަސައްކަތްކުރާ މީހުން އަމިއްލަ ސިއްހަތަށް ހާއްސަ ސަމާލުކަމެއްދެ އެވެ.

ލަނޑުދަނޑިތައް ހަނދާން ބަހައްޓާނެ

ލަނޑުދަނޑިތަކެއް ކަނޑަ ނާޅައި އެ ހާސިލުކުރުމަށް ވަރަށް އުނދަގޫވާނެ އެވެ. ކާމިޔާބު މީހުންނަކީ އަބަދުވެސް ލަނޑުދަނޑިތަކެއް ކަނޑައަޅައި އޭގެ ފަހަތުން ދުވާ ބައެކެވެ.

އެއްވެސް ހަމައެއްލަމައެއް ނެތި، ނޫނީ އަމާޒެއް ނެތި މަސައްކަތްކުރާނަމަ ތިޔައީ ކާމިޔާބު މީހެއްގެ ސިފައެއް ނޫނެވެ. އަވަހަށް ބަދަލުވެ، ލަނޑުދަނޑިތައް ކަނޑައަޅާށެވެ.

ލަނޑުދަނޑިތައް ކަނޑައަޅާނީ ހަމައެކަނި އަހަރަކަށް ވެސް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ ދުވަހަކަށް ކޮންމެ ހަފުތާއަކަށް ކޮންމެ މަހަކަށް ވެސް ލަނޑުދަނޑިއެއް ކަނޑައަޅާށެވެ. އަދި އެ ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރާށެވެ. ކާމިޔާބު އޮތީ އޭރަށެވެ.

އެއް ފަހަރާ ގިނަ މަސައްކަތް ނުކުރާނެ

އެއް ފަހަރާ ގިނަ މަސައްކަތްތައް ނުވަތަ ގިނަ ޓާސްކްތައް ފުރިހަމަ ކޮށްލުމަކީ މޮޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކިދާނެ އެވެ. މޮޅު ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެއީ ކާމިޔާބު، އުފެއްދުންތެރި މީހުންގެ ސިފައެއް ނޫނެވެ.

އުފެއްދުންތެރި މަސައްކަތެއް ކުރާ މީހުން އެއް ފަހަރާ ގިނަ މަސައްކަތްތަކެއް ނުކުރާނެ އެވެ. އެމީހުން ފޯކަސް ކުރާނީ އަބަދުވެސް އެއް ކަމަކަށެވެ. އެއް މަސައްކަތަށެވެ. އުފެއްދުންތެރިކަން ނިކުންނާނީ ވެސް އޭރަށެވެ.

ޔުނިވާސިޓީ އޮފް ލަންޑަނުން ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި ވެސް އެއް ފަހަރާ ގިނަ މަސައްކަތްތަކެއް ކުރާ ނަމަ، އެއީ މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.