ރިޕޯޓް

އަދިވެސް އަންނާނަން: އަލީ ބުނަނީ ރާއްޖެ ވަރެއް ނެތްކަމަށް

  • އަލީ ރާއްޖެއައި މިއީ ފުރަތަމަ ފަހަރު
  • އަލީ ރާއްޖެ އައީ ހަނީމޫނަށް
  • އޭނާއަށް ހިލޭ ޗުއްޓީއެއް ރާއްޖޭން ދީފި

ރައްޓެހި ވެގެން އުޅުނުއިރު ދެ ލޯބިވެރިންގެ ހުވަފެނީ މަންޒިލަކީ ވެސް ރާއްޖެ އެވެ. އޭރުއްސުރެ، ހުވަފެނަކީ ރާއްޖެ އައުމެވެ. ބޭނުންވަނީ ކައިވެންޏަށް ފަހު، ރާއްޖޭގައި ހަނީމޫން ހަދާށެވެ. އަލީ ސާގަރާއި އެލީފިޔާގެ އަބަދުގެ ވެސް އުންމީދަކީ އެއީ އެވެ. އެހެންމެ ފަހުން، އެ މީހުންގެ ހުވަފެނުގައި ކުލަ ޖެހުނީ އެވެ. މިއާއެކު، ލިބުނީ އިތުރު އުފަލެވެ. މި ދެމަފިރިން ވެގެންދިޔައީ މި އަހަރު ރާއްޖޭގެ އެއް މިލިއަން ވަނަ ޓޫރިސްޓު ކަޕްލްއަށެވެ.

"އަހަރެން ހަމަ ހަގީގަތުގައިވެސް ހައިރާން ވެއްޖެ! ރާއްޖޭން އަހަރެމެންނަށް ތިޔަކީ ހޫނު މަރުހަބާ އިން،" މި އަހަރުގެ އެއް މިލިއަން ޓޫރިސްޓުގެ ގޮތުގައި ހޮވުނު އިންޑިޔާގެ، އަލީ ބުންޏެވެ.

އިންޑިޔާގެ، ގުޖަރާތަށް އުފަން ދެމަފރިނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އިންޑިޔައަން އެއާލައިންސް އިން މެންދުރު 12:30 ގައި މެދެމަފިރިން ރާއްޖެ އައުމާއެކު ބޮޑު ބެރުގެ ސަގާފީ އައިޓަމެއް ވެސް އެރައިވަލްގައި ވަނީ ބާއްވާފަ އެވެ. އަދި ބޮޑުބެރުގެ "ފުރިހަމަ އިއްޒަތުގައި" ވީއައިޕީ ލައުންޖުން ވަނީ ސަރުކާރުގެ އިސްވެރިންނާއި އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ބައްދަލު ކުރައްވާފަ އެވެ.

ވީއައިޕީ ލައުންޖުގައި ވާހަކަ ދައްކަމުން އަލީ ބުނީ ދިވެހި ސަރުކާރާއި ދިވެހިން އެ ދެމަފިރިންނަށް ކިޔާފައިވާ ހޫނު މަރުހަބާ ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

"އަބަދު ވެސް ބޭނުވި ރާއްޖެ އަންނަން. އެންމެ ފަހުން މި އާދެވުނީ،" އަލީ ބުންޏެވެ. "އަހަރެން ދުނިޔޭގެ ހުރިހާ މީހުންނަށް ބުނެލަން ބޭނުންވަނީ ހުރިހާ މީހުން ރާއްޖެ އަންނާށޭ. މިވަރެއް ހަމަ ނެތޭ،"

ސަން އައިލޭންޑްގައި ޗުއްޓީ ހޭދަރަންދާ އަލީ ބުނީ ރަހުމަތްތެރިންގެ ކައިރީގައި ވެސް ރާއްޖެ އަންނަން ބުނާނެ ކަމަށެވެ.

އުފަލުން ފޮޅިފައި ހުރެ، ވާހަކަ ދައްކަމުން އަލީގެ އަންހެނުން، އެލީފިޔާ ބުނީ ރާއްޖެއަކީ ދުނިޔެމަތީ ސުވަރުގެ ކަމަށެވެ.

"ހުރިހާ މީހުންނަށް ވެސް ޝުކުރު އަދާކުރަން ބޭނުންވޭ. ހޫނު މަރުހަބާއަށް،" އޭނާ ބުންޏެވެ.

އެމްއެމްޕީއާރުސީން ވަނީ އެއް މިލިއަން ވަނަ ޓޫރިސްޓަށް ރިސޯޓެއްގައި އެއް ހަފުތާ ހުރުން ދީފަ އެވެ.