ޓެކްނޯލޮޖީ

ކޮންމެ ޑިވައިސް އަކަށް، ކޮންމެ ބްރޭންޑަކަށް މިއީ ފައްކާ ކީބޯޑެއް!

ޓަޗް ސްކްރީންގެ ޒަމާނާ އެކު ކީބޯޑު ވެސް ހިމެނިގެން ދާނީ ޑައިނަސޯގެ ގިންތީގައި ކަމަށް ހީކުރެވުނެވެ. އިނގިލި ކުރިން ކޮއްޓާލައިގެން ޑިވައިސްތަކާ މުއާސަލާތުކޮށް ލިޔެ އުޅެވެން ފެށުމުން އެއްކަލަ ބޮޑެތި ޕްލާސްޓިކް ކީބޯޑަކީ ކީއްކުރާ އެއްޗެއްހޭ ހީކުރި ނަމަވެސް އަލުން މި ވަނީ އެކި ސިފަތައް ޖެހިގެން ކީބޯޑްތައް އެނބުރި އަންނަން ފަށައިފަ އެވެ. މީގެ ތެެރެއިން ވެސް މައިކްރޮސޮފްޓްގެ އާ ކީބޯޑް އުޅޭނީ އެތައް ގުނައެއް ކުރީގައިކަން ޔަގީނެވެ.

ކުދި ސްކްރީންތަކުގައި ޓަޗްކޮށްގެން ބޮޑެތި ލިޔުންތައް ލިޔުމަކީ ފަސޭހަ ކަމަކަށް ނުވާތީ އަދިވެސް ކުރީގެ މުސްކުޅި ކީބޯޑްގެ ބޭނުން ހިފަން ޖެހެ އެވެ. މައިކްރޮސޮފްޓުން އަލަށް މި ހެދީ "ޔުނިވާސަލް ފޯލްޑަބްލް ކީބޯޑް" އެވެ. އިއްޔެ ދައްކާލި މި ކީބޯޑަކީ މައިކްރޮސޮފްޓުގެ ވިންޑޯސްގެ އިތުުރުން އެޕަލް އާއި އެންޑްރޮއިޑްގެ އާލާތްތަކާ ވެސް ގުޅޭ ޔުނިވާސަލް ކީބޯޑެކެވެ. މެދުން ފަތްޖަހާލުމުން އޮންނަނީ ދަބަހަށް ލެވޭ ގޮތަށް ވަރަށް ހިތްގައިމުކޮށެވެ. ކީބޯޑް ހުޅުވާލުމުން އަމިއްލަ އަށް ޕަވަ އޮން ވާނެ އެވެ. ޑިވައިސްތަކާ ގުޅާލާނީ ބްލޫޓޫތުންނެވެ. އެންމެ ފަހަރަކު ޗާޖްކޮށްލުމުން މި ކީބޯޑްގެ ޗާޖް ތިން މަސް ދުވަހު ހިފަހައްޓާނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

މި ކީބޯޑް ޖުލައި މަހު ވިއްކަން ފަށާނެ އެވެ. އަގަކީ 99.95 ޑޮލަރެވެ.