އަންނަ މަހުގެ ފަހުކޮޅު ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވަން ނިންމާފައިވާ ކެންސަރަށް ފަރުވާދޭ ސެންޓަރަށް ބޭނުންވާ ނަރުހުން އިންޑިއާގައި ތަމްރީނުކުރަން ފަށައިފި އެވެ. ތަމްރީނަށް ފުރަތަމަ ބުރުގައި އިންޑިއާއަށް ފޮނުވާފައިވަނީ އެ ސެންޓަރަށް ތަމްރީންކުރާ ހަ ނަރުހުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރާ ކެންސާ ސެންޓަރަކީ އިންޑިއާގެ މަޝްހޫރު މަނިޕާލް ހޮސްޕިޓަލާ ގުޅިގެން ހަދާ ތަނެކެވެ. ސަރުކާރުގެ ހޭދައެއް ނެތި މަނިޕާލް ހޮސްޕިޓަލްގެ އިސްނެގުމާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރާ އެ ސެންޓަރުގައި ފުރަތަމަ ތިން މަސް ދުވަހު ފަރުވާ ދޭނީ މަނިޕާލް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ. އެ ދުވަސްތަކުގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ފަރުވާދޭ ގޮތުގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަ ޖެހިފަ އެވެ. މީހުން ތަމްރީން ކުރަނީވެސް މަނިޕާލް ހޮސްޕިޓަލުންނެވެ. ސެންޓަރު ހުޅުވުމުން އިތުރު ނަރުހުންނާއި ޑޮކްޓަރުން ތަމްރީނު ކުރާނެ އެވެ.
އާސަންދަ ހިދުމަތް ވެސް ލިބޭ އެ ސެންޓަރާ ބެހޭގޮތުން އެންސްޕާގެ ސީއީއޯ މުޖުތަބާ އަލީ ޖަލީލް ވިދާޅުވީ، ހުޅުމާޅެ ހޮސްޕިޓަލްގެ ކެންސަރަށް ފަރުވާދޭ މަރުކަޒުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެ ސެންޓަރު ގާއިމްކުރުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތަކާއި އެހެނިހެންވެސް ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށާއި ސެންޓަރަށް ބޭނުންވާ މެޝިންތަކަށް ބޭރަށް އޯޑަރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި މަހުގެ ފަހުކޮޅާ ހަމައަށް މެޝިނަރީސްތައް ގެނެވި، ހޮސްޕިޓަލްގައި އިންސްޓޯލް ކުރުމަށްފަހު އަންނަ މަހުގެ ފަހުކޮޅު ހިދުމަތް ފަށައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެންސަރަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔަކަށް ވާއިރު، މިދިޔަ އަހަރު އެކަނިވެސް އާސަންދައިގެ ދަށުން ކެންސަރަށް ފަރުވާކުރުމަށް 60 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެންސްޕާއިން ވަނީ ބުނެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލަކީ ކެންސަރަށް ފަރުވާ ހޯދުމަށް ބޭރަށް ދަތުރުކުރަންޖެހޭ ނިސްބަތް ދަށްކޮށް ކީމޯ ތެރަޕީ ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ގޮތް ފަހި ކުރުމަށް ހުޅުވަން ނިންމާފައިވާ ސެންޓަރެކެވެ.
ހުޅުމާލެ ކެންސަރު ސެންޓަރުގައި ދޭނީ ކެންސަރު ޖެހުމުން ކުރާ އޮޕަރޭޝަންތަކަށްފަހު ދޭ ކީމޯ ރޭޑިއޭޝަން ތެރަޕީތަކެވެ. އެ ސެންޓަރު ފަށަން ނިންމާފައިވަނީ 10 އެނދާ އެކު އެވެ.