ހަބަރު

ކުރީގެ ރައީސުންގެ އިނާޔަތް ދޭން އުސޫލެއް ކަނޑައަޅައިފި

ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި ގެޒެޓްކޮށްފި އެވެ.

މި އުސޫލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަން ދިނުމުގައި ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ޒިންމާދާރު ގޮތުގައި ހަރަދުކުރުމަށް ބާރު އެޅުން ކަމަށެވެ.

އުސޫލުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ ބޭފުޅަކު ދިރިއުޅޭ ތަނަކަށް ހިންގާ އެންމެހައި ހަރަދުތައް ހަމަހެއްސުމަށްޓަކައި ކޮންމެ މަހަކު ބަޖެޓުން ފައިސާ ދޫކުރެވޭނެ އެވެ. އެއީ މަގުބޫލު ސަބަބަކަށްޓަކައި ކުއްޔަށް ރާއްޖޭގެ ތަނެއްގައި ދިރިއުޅޭނަމަ ދިރިއުޅޭނެ ތަނުގެ ކުއްޔަށް މަހަކު 20،000 ރުފިޔާ އާއި ދިރިއުޅޭ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރާ ހަރަދުފަދަ ހަރަދުތަކަށް މަހަކު ގިނަވަގެން 10،000 ރުފިޔާ އެވެ.

ރައީސްކަން ކޮށްފައިވާ ބޭފުޅަކަށާއި އެ ބޭފުޅެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންޖެހެ އެވެ. މި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނީ އުސޫލުގައިވާ ގޮތުން އެމްއެންޑީއެފްގެ ފެންވަރަށް އެ ފޯސްއިންނެވެ.

އުސޫލުގައިވާ ގޮތުން ދަތުރުފަތުރު ވެސް ދައުލަތުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. ރައީސްކަން ކުރެއްވި ބޭފުޅާގެ ރާއްޖޭގެ އެތެރޭގެ ކަނޑާއި ވައިގެ މަގުންކުރާ ދަތުރުފަތުރުތަކުގެ ހަރަދު ދޭން ޖެހޭނެ އެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ހޮސްޕިޓާތަކުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިލޭ ބޭސް ފަރުވާ ހޯދޭނެ އެވެ. އަދި ރާއްޖޭގެ ހޮސްޕިޓާތަކާއި ދެކުނު އޭޝިއާގެ ހޮސްޕިޓަލްތަކުން ސަރުކާރުގެ ހާއްސަ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. އެއީ ގިނަވެގެން އަހަރަކު 24،000 ރުފިޔާއާ ހަމައަށެވެ.

އެ ހޮސްޕިޓާތަކުން ފަރުވާ ނުކުރެވޭވަރުގެ ބައްޔަކާހުރެ ދުނިޔޭގެ އެހެން ހިސާބަކަށް ފަރުވާއަށް ދާން ޖެހިއްޖެނަމަ އެފަދަ ހާއްސަ ހާލަތްތަކުގައި އެކަށީގެންވާ ރަނގަޅު ފެންވަރުގައި ބޭސްފަރުވާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

މީގެއިތުރުން އޮފީސް ހިންގުމަށް ވެސް ހަރަދުކުރަން ވަކި އަދަދުތަކެއް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.

އޮފީސް ހިންގުމުގެ ހަރަދު

  • ކުލި، މަހަކު ގިނަވެގެން 30،000 ރުފިޔާ
  • ބިލްތައް އަދާކުރުމަށް، މަހަކު ގިނަވެގެން 8،000 ރުފިޔާ
  • އިދާރޫ ހިންގުމަށް، މަހަކު ގިނަވެގެން 8،00 ރުފިޔާ

އޮފީހުގެ މުވައްޒަފުންގެ ހަރަދު

  • އިސް މުވައްޒަފު، މަހަކު ގިނަވެގެން 10،000 ރުފިޔާ
  • އިސް މުވައްޒަފުގެ އެހީތެރިޔާ، މަހަކު ގިނަވެގެން 10،000 ރުފިޔާ
  • ދެ ސަޕޯޓް ސްޓާފް، މީހަކަށް ގިނަވެގެން 8،000 ރުފިޔާ