- ރާއްޖޭގެ ހިއްސާގެ ބާޒާރުގެ އިތުބާރު ބޮޑުވާނެ
- އާއްމުންގެ ޝައުގުވެރިކަން އިތުރުވޭ
- ހިއްސާގެ ބާޒާރު މިހާރަށް ވުރެ އެކްޓިވް ވާނެ
"މި ފަހަރު ހިއްސާ ގަންނަން ވާނެ ދޯ؟" މި ބަސް އަނގައިގައި އޮއްވައި، ރަހުމަތްތެރިޔާ ބުނީ "ތިޔަކަމުން އޮތީ ކޮން ފައިދާއެއް! ތީ ހަމަ ބޭކާރު ކަމެއް" މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރާ މެދު ގިނަ މީހުން ދެކޭގޮތަށްވުން ވަރަށް ގާތެވެ. މިކަން މިހެންވުމުގައި ސަބަބުތައް ވެސް މަދެއްނޫނެވެ. އެއް ސަބަބަކީ ކުރިން ހިއްސާ ވިއްކި ކުންފުނިތަކުން ރަނގަޅު ފައިދާއެއް ނުލިބި އެތައް ބަޔަކު މާޔޫސްވެ، ހިއްސާ ވިއްކާ ކުންފުނިތަކާ މެދު އާންމުންގެ އިތުބާރު މުޅިން ކެނޑިގެންދިޔުމެވެ. އެއް ދުވަސްވަރެއްގައި ހިއްސާ ގަންނަން ދިވެހިން ފޯރިއޮތަސް، އެފަދަ ކުންފުނިތަކުން މި ފަހުން ބާއްވާ އަހަރީ އާންމު ޖަލްސާތަކުގެ ހާޒިރީ އިން އެ މާޔޫސްކަން އެ އޮތީ ރަނގަޅަށް ފެންނާށެވެ.
ނަމަވެސް، އެކަން މުޅިން ބަދަލުވާން އުޅޭ ކަމުގެ ނިޝާންތައް މި ވަނީ ފެންނަން ފަށައިފި އެވެ. އެއީ މަލްޓިނޭޝަނަލް ޓެލެކޮމް، ކުންފުނި "އުރީދޫ" އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރަން މިހާރުއްސުރެ ދުރާލައި ތައްޔާރުވުމެވެ. ސުވާލަކީ އުރީދޫގެ ސަބަބުން ރާއްޖޭގެ ހިއްސާގެ ބާޒާރަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟
"އުރީދޫ ލިސްޓު ކުރުމުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ ހިއްސާގެ ބާޒާރަށް އިތުބާރު ލިބިގެން ދިއުން،" ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮފް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާމަން އަހުމަދު ނަސީރު "އަވަސް" އަށް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް އަރުޝީ މުހައްމަދު ވިދާޅުވީ އުރީދޫން ރާއްޖޭގެ އިތުރުން އޮމާން އާއި ފަލަސްތީން އަދި އިރާގުގެ ހިއްސާގެ ބާޒާރުގައި ވަނީ ލިސްޓް ކޮށްފައިވާ ކަމަށާއި، މިއީ ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހަ ކުންފުންޏެއް ލިސްޓުކޮށްފައިވެ އެވެ. މި ކުންފުނިތަކަކީ ގައުމީ ބޭންކް ބީއެމްއެލް އާއި އެސްޓީއޯ އަދި އެމްޓީޑީސީގެ އިތުރުން ދިރާގާއި އެޗްޑީއެފްސީ އަދި އަމާނާ ތަކަފުލް އާއި ދާދި ފަހުން ލިސްޓުކޮށް ހިއްސާގެ ވިއްކުމަށް ތައްޔާރުވަމުން ގެންދާ ސްޕެކްޓްރާ ކުންފުންޏެވެ.
މި ކުންފުނިތަކުގެ ތެރެއިން ހިއްސާ ވިއްކަމުން ގެންދަނީ ބީއެމްއެލް އާއި ދިރާގު އަދި އެސްޓީއޯގެ އިތުރުން އެޗްޑީއެފްސީ އާއި އަމާނާތަކަފުން އަދި އެމްޓީޑީސީ އެވެ. އަދި އެންމެ ފަހުން ހިއްސާ ވިއްކަން ފެށުމަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތް ފަށާފައިމިވަނީ އުރީދޫ އެވެ.
އުރިދޫ ރާއްޖޭގެ ހިއްސާގެ ބާޒާރުގެ ބައިވެރިއަކަށް ވުމުން އޮތް އެންމެ ބޮޑުތަފާތަކީ، އެ ކުންފުންޏަކީ ގަތަރު ސަރުކާރުގެ ހިއްސާ އޮންނަ، މަލްޓިނޭޝަނަލް ކުންފުންޏަކަށްވުމެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ވަރުގަދަ އެއް ޓެލެކޮމް ކުންފުންޏަށްވުމަކީ ވެސް މީގެ އެއް ސަބަބެވެ. މި ކުންފުނިން އެފްރިކާ އާއި މެދު އިރުމަތި އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ހިދުމަތް ދެމުން ގެންދެ އެވެ. މި ކުންފުނީގެ "ދަރިއެއް" ގެ ގޮތުން ރާއްޖޭގައި ހިދުމަދްދޭ އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ 2005 ވަނަ އަހަރު އެވެ. ކުންފުންޏާއެކު ރާއްޖޭގެ ޓެލެކޮމް ހިދުމަތަށް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. އަދި މިދާއިރާ ތަރައްގީ ކުރުމަށް ގާތްގަނޑަަށް 250 މިލިއަން ޑޮލަރު އެ ކުންފުނިން ވަނީ އިންވެސްްޓްކޮށްފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަންސް އަރުޝީ މުހައްމަދު ވިދާޅުވީ އުރީދޫން ރާއްޖޭގެ އިތުރުން އޮމާން އާއި ފަލަސްތީން އަދި އިރާގުގެ ހިއްސާގެ ބާޒާރުގައި ވަނީ ލިސްޓް ކޮށްފައިވާ ކަމަށާއި، މިއީ ކުރިއެރުމެއް ކަމަށެވެ.
"ހިއްސާ ވިއްކުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އަރުޝީ ވިދާޅުވި އެވެ.
އެ ކުންފުނިން ހިިއްސާ ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.
އަރުޝީ ވިދާޅުވީ ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަ ވެގެން މީހަކަށް ހިއްސާ ގަނެެވޭނެ އަދަދު އަންނަ އަހަރުގެ އޭޕްރިލް މަހު އާއްމު ކުރާނެ ކަމަށެވެ. އަދި އެ މައުލޫމާތު އާއްމުކުރާތާ 14 ދުވަސް ފަހުން އާއްމުކޮށް ހިއްސާ ގަންނަން ހުޅުވާލާނެ ކަމަށެވެ.
އާއްމުން ބޭނުންވަނީ އަވަސް ފައިދާ
ދުނިޔޭގެ އެހެން ގައުމުތަކުގެ ހިއްސާގެ ބާޒާރުތަކާ ރާއްޖެއާ ވަރަށް ތަފާތެވެ. ދެހާސް ދެވަނަ އަހަރު އުފެދިފައިވާ ރާއްޖޭގެ ހިއްސާގެ ބާޒާރުން ހިއްސާ ގަންނަ އާއްމުން އާއްމުކޮށް ހިއްސާ ފޮރުވަނީ އެވެ. އަދި ކުންފުނިން ކޮންމެ އަހަރަކު ބަހާ އެތިކޮޅު ނަގައިގެން ތިބެނީ އެވެ. ހިއްސާ ގަންނަ މީހުން ބޭނުންވަނީ އެންމެ ރަނގަޅު އަގު ލިބުމެވެ. އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް މިއީ އެވެ.
ރާއްޖޭގެ ބޮޑު ކުންފުންޏަކުން ހިއްސާ ގަނެފައިވާ މޫސާ ރަމީޒު 37އ، ބުނީ ހިއްސާގެ ފައިދާ ދަށްވުމަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
"ހިއްސާއަކަށް އަހަރުން އަހަރަށް ލިބޭ އެތިކޮޅު މަތިވުން މިއީތާ ބޭނުމަކީ؟ މިއީ މައްސަލަ ޖެހޭ ހިސާބަކީ،" ރަމީޒު ބުންޏެވެ.
ސީއެމްޑީއޭގެ ޗެއާމަން ނަސީރު ވިދާޅުވީ އުރީދޫއަކީ މަލްޓިނޭޝަނަލް ކުންފުންޏަކަށްވެފައި، ބޮޑު ކުންފުންޏަކަށްވުމަކީ އާއްމުންގެ އުންމީދު އިތުރުވާނެ ސަބަބެއް ކަމަށެވެ.
"ބޮންޑެއް ނޫނީ ސުކޫކެއް ވެސް އާއްމުން މި ގަންނަނީ އޭގެން ފައިދާ ހޯދުމަށް. ރާއްޖޭގައި އެހޭ ހަރަކާތްތެރި ސްޓޮކް އެކްސްޗޭންޖެއް ނޫން މިއޮތީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިނގާ. ނަމަވެސް ރާއްޖޭގައި ހިއްސާ ގަނެފައި ބާއްވަނީ،" ނަސީރު ވިދާޅުވި އެވެ.
"އެންމެންނަށް ވެސް އެނގޭ ޓެލެކޮމް ދާއިރާއަކީ ރަނގަޅު ފައިދާއެއް ލިބޭ ދާއިރާއެއްކަން. އެހެންވީމަ އުންމީދު ކުރެވެނީ އުރީދޫން ރަނގަޅު ފައިދާ ލިބޭނެކަން. މީގެން ރައްޔިތުންނަށް ފައިދާ ކުރާނެ. މީގެ ސަބަބުން ކެޕިޓަލް މާކެޓާ މެދު ދެކޭ ގޮތް ބަދަލުވާނެ."
ކޮންމެއަކަސް އުރީދޫން މިވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފަ އެވެ. މި ލިސްޓިންނާއެކު ހިއްސާގެ ބާޒާރަށް އަންނާނެ ބަދަލެއް އެނގޭނީ އަންނަ އަހަރު އުރީދޫގެ ހިއްސާ ވިއްކާނެ ގޮތަކުންނެވެ. ނަމަވެސް އުރީދޫއާއެކު މިހާރު ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ހިއްސާގެ ބާޒާރާމެދު އޮތް އިތުބާރު ބޮޑުވުމެވެ.