ހަބަރު

ޕީޕީއެމްގެ މައްޗަށް ކުރި ހުކުމާ މެދު އެމެރިކާ އިންތިހާއަށް ކަންބޮޑުވެއްޖެ

ޕީޕީއެމް ހިންގުމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުޅެދިފައިވާތީ، އެ މަގާމު މަސްއޫލިއްޔަތު އަދާކުރުން އެ ޕާޓީގެ މުޝްތަސާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން، އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ބިސްވާލް ރޭ ކުރެއްވި ޓްވީޓެއްގައި އޭނާ އެ ހުކުމް ސިފަކުރެއްވީ، އިދިކޮޅު ސިޔާސީ ލީޑަރުންނާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ފުނޑުފުނޑު ވެގެންދާނެ ކަމުގެ ބިރު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ނިޝާ ވިދާޅުވި އެވެ.

ނިޝާގެ އިތުރުން އެމެރިކާއިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އިއްޔެ އަތުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ހަރަކާތްތެރިވެވޭ ޑިމޮކްރަޓިކް ނިޒާމެއް ރާއްޖޭގައި ގާއިމުވެފައިވާއިރު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމާއި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ގިނަ ބަޔަކު ކުރާ އުއްމީދު އޭނާ ވެސް ހިއްސާކުރައްވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އެމެރިކާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ ހުކުމް ގަބޫލުނުކުރައްވައި އިސްތިއުނާފަށް ވަޑައިގަތުމަށް ހުކުމް ރައްދުވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫން ވަނީ ނިންމަވާފަ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވެސް ވަނީ އެ ހުކުމަށް ފާޑުވިދާޅުވެފަ އެވެ. އަދި މައުމޫންގެ އަމަލުތައް ބަހައްޓަވަނީ އެ ހުކުމަށް ގޮންޖަންސަވާ ގޮތަށެވެ.

ހުކުމުގައި ޕާޓީގެ ހިންގުން މުސްތަޝާރަށް ހަވާލުކުރުމަށް އަމުރުކޮށްފައިވާއިރު، އެ އަމުރާ އެއްގޮތަށް ރޭ ވަނީ ޕާޓީގެ ރައީސްއާ ނުލައި މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ކައުންސިލް ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ކައުންސިލްގެ ފަރާތުން މެންބަރުން ކަނޑައަޅަން ޖެހޭ ތަންތަނަށް މެންބަރުން ވަނީ ކަނޑައަޅައިފަ އެވެ.