ވިޔަފާރި

އެމްޓީސީސީ މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓު ކުރަން މަޝްވަރާކޮށްފި

  • މޮރިޝަސް ބާޒާރުގެ އަގު 5 ބިލިއަން ޑޮލަރަށްވުރެ މަތި
  • މޮރިޝަން ބާޒާރުގައި ބޮޑެތި ކުންފުނިތައް ހިމެނޭ
  • މަޝްވަރާކުރި، ނަމަވެސް ލިސްޓު ނުކުރަން ވަނީ ނިންމާފައި

ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ، އެމްޓީސީސީއިން މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓް ކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގައި މަޝްވަރާ ކޮށްފި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ހިއްސާގެ ބާޒާރެއްގައި ދިވެހި ކުންފުންޏެއް ލިސްޓު ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މަޝްވަރާ ތަކަށްފަހު އެ ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ލިސްޓު ކުރުމުގެ މަސައްކަތް ކުރި އަށް ނުގެންދިއުމަށެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު ވިދާޅުވީ ސްޓޮކް އެކްސްޗޭންޖް އޮފް މޮރިޝަސް (ސެމް) ގައި ލިސްޓު ކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުން ކުރިން މަޝްވަރާކުރި ކަމަށާއި، ނަމަވެސް، ލިސްޓު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ލިސްޓު ކުރުމަށް މަސައްކަތް ތަކެއް ކުރަން ބޯޑުގައި މަޝްވަރާ ކުރީ. ނަމަވެސް ފަހުން ބޭއްވި ބައްދަލުވުމުގައި އެކަން ނުކުރުމަށް ވަނީ ނިންމާފައި،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިސްޓު ކުރުމަށް މަޝްވަރާ ކުރީ ކުންފުނިން ހިންގާ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ހޯދުން ކަމަށާ ނަމަވެސް ގޮތެއް ނުނިންމާ ކަމަށެވެ.

އެމްޓީސީސީ އިން މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ރާއްޖޭގެ ސްޓޮކް އެކްސްޗޭޖް (އެމްއެސްއީ) އާއި ސްޓޮކް އެކްސްޗޭންޖް އޮފް މޮރިޝަސް (ސެމް) އާ ދެމެދު ވެފައިވާ ކްރޮސް ބޯޑާ ލިސްޓިން އަށް މަގު ފަހިކުރުމަށް މިދިޔަ އަހަރުވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

މޮރިޝަސް ހިއްސާގެ ބާޒާރު އުފެދިފައިވަނީ 1988 ވަނަ އަހަރު އެވެ. މިހާރު 40 އަށްވުރެ ގިނަ ކުންފުނި ލިސްޓުކޮށްފައިވާ މެސްގައި ހިމެނޭ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ގްރީންބޭ ޕްރޮޕަޓީސް އާއި އެމްސީބީ ގްރޫޕް އަދި މޮރިޝަސް އޮއިލް ރިފައިނަރީ ކުންފުނީގެ އިތުރުން މޮރިޝަސް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި ދަ މޮރިޝަސް ޑިވްލޮޕްމަންޓް އިންވެސްޓްމަންޓް ޓްރަސްޓް ކުންފުނި ހިމެނެ އެވެ. އަދި މޮރިޝަސް ހިއްސާގެ ބާޒާރުގެ ރައުސުލްމާލުގެ އަގު 5.3 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.

އެމްޓީސީސީން މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްގެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވިސްނަމުންދާއިރު، ރާއްޖޭގައި މިހާރު ވެސް ދެ ބިލިއަން ރުފިޔާގެ އަގު ހުރި މަޝްރޫއު ހިންގަމުންދެ އެވެ. އަދި ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް ފައިދާގެ ގޮތުގައި 30 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.