ހަބަރު

އޭބީޔޫ ފެސްޓިވަލަށް މިފަހަރު ލައިޝާ

އޭޝިއާ ޕެސެފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ މި އަހަރުގެ ސޯންގް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލައިޝާ ޖުނައިދަށް ލިބިއްޖެ އެވެ. މިއީ މި ފެސްޓިވަލްގައި ރާއްޖެ ބައިވެރިވާ ތިންވަނަ ފަހަރެވެ.

މޯލްޑިވިއަން އައިޑޮލްގައި ވާދަކޮށް ގިނަ ބައެއްގެ ބޮޑު ތަރުހީބަކާއެކު އެ ޝޯ ކާމިޔާބުކުރި ލައިޝާ ވަނީ އޭނާ އެ ފުރުސަތު ލިބުނުކަން ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފަ އެވެ. ލައިޝާ ބުނީ އެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި އަދި އެ ފުރުސަތު ދިން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. ލައިޝާއަށް މި ފުރުސަތު ދީފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ.

އޭބީޔޫ ސޯންގް ފެސްޓިވަލަކީ ވާދަވެރި މުބާރާތެއް ނޫނެވެ. މި އަހަރު މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. މިއީ މި ފެސްޓިވަލް ބާއްވާ ފަސްވަނަ އަހަރެވެ. އިންޑޮނޭޝިއާގެ ބާލީގައި ބާއްވާ މި ފެސްޓިވަލްގައި އޭބީޔޫގެ މެންބަރު 13 ގައުމެއްގެ ފަންނާނުން ބައިވެރިވާނެ އެވެ.

ރާއްޖެއިން މި ފެސްޓިވަލްގައި 2014 ވަނަ އަހަރު އެންމެ ފުރަތަމަ ބައިވެރިވެރިވިއިރު ރާއްޖެ ތަމްސީލްކުރީ މޫޝާން މުބާރިކެވެ. އޭނާ މި ފެސްޓިވަލްގައި ހުށަހަޅައިދިނީ "ރަންނަމާރި" މި ލަވަ އެވެ.

މިދިޔަ މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރީ މަރިޔަމް އުނޫޝާ އެވެ. އުނޫޝާ ހުށަހަޅައިދިނީ އިނގިރޭސި އާއި ދިވެހި ބަހުން ގަތާލެވިފައިވާ "ދަ މޯލްޑިވްސް ސޯންގް" އެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ވެސް ރާއްޖެއިން މި އަހަރު ބައިވެރިވި އެވެ. އެ ފެސްޓިވަލްގައި މި އަހަރު ރާއްޖެ ތަމްސީލް ކުރީ ޒުވާން ލަވަ ކިޔުންތެރިޔާ ބަތޫލެވެ. ޗައިނާގެ ބެއިޖިންގައި ބޭއްވި މި ފެސްޓިވަލްގައި އޭނާ ޕާފޯމްކޮށްފައިވަނީ އަމިއްލަ ރާގެއް ކަމުގައިވާ "އުނިކަމެއް" އެވެ.