މޯލްޑިވިއަން އައިޑޮލް 2

ކެޓިޔަސް ހަމްދާން ހުރީ ވަރުގަދަ އަޒުމެއްގައި

ގަދަ ރައުންޑް ފެށި މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ފޯރި އެންމެ ގަދަވި ހިސާބުން ޝޯއާ ވަކިވާން ޖެހި، ހިތް ކުދިކުދިވެފައިމިވަނީ މުހައްމަދު ހަމްދާންގެ އެވެ. ގާލާ ރައުންޑްގެ ފުރަތަމަ އެލިމިނޭޝަންގެ ޝިކާރައަކަށްވެފައިވަނީ ޖަޖު އައްފާންގެ "ވަޅުގަނޑަކަށް ޗަކަ ޗަކަ" ކިޔައިގެން އޮޑިޝަނުގައި ނަން ވިދާލި މުހައްމަދު ހަމްދާން އެވެ.

ހިތްގައިމު ރީތި ލަވަތަކެއް އަމިއްލަ ސްޓައިލެއްގައި ތިއޭޓާ ރައުންޑް އަދި ޕިއާނޯ ރައުންޑްގައި ހަމްދާން ހުށަހަޅައިދިންއިރު ގާލާ ރައުންޑްގެ ފުރަތަމަ ޝޯގައި ހަމްދާން ހުށަހަޅައިދިނީ ފަލާހުގެ "ކަލާވީ ބޭވަފާ" އެވެ. ކަންދިމާކުރި ގޮތުން އެ ލަވަ ބެލުންތެރިނަށާއި ޖަޖުންނަށް އެހާ ކަމަކު ނުދިޔަ އެވެ. ޝޯއިން އޭނާއަށް ވަކިވާން ޖެހުނީ އެހެންވެ އެވެ.

ޝޯއިން ވަކިވިޔަސް ހަމްދާންގެ ހުނަރުވެރިކަމާއި އެ އަޑު އަދިވެސް އިވިގެންދާނެ އެވެ. އައިޑޮލްގެ ދަތުރަކީ އޭނާއަށް ކުރު ދަތުރަކަށްވި ނަމަވެސް މި ދާއިރާގައި އޭނާ ދާން އޮތް މަންޒިލް ދުރެ އެވެ. ދަތުރު ވެސް އެހާ ދިގެވެ. އެ ދަތުރަށް ފުރުމަށް ހަމްދާން ވަނީ އަޒުމު ވަރުގަދަ ކޮށްފަ އެވެ.

އައިޑޮލްއާއެކު މިޔުޒިކީ ދާއިރާގައި ތަރި ދިއްލާލި ހަމްދާންގެ އުއްމީދަކީ ސަޕޯޓަރުން ލޯބިކުރާ ރާއްޖޭގެ ފެންވަރުގައި ނަން ހިނގާ، މޮޅު އާޓިސްޓަކަށްވުމެވެ. އެ އަޒުމުގައި އޭނާ މިވަނީ ދަތުރު ފަށާފަ އެވެ.

"ލަވަ ކިޔުމުގެ ދާއިރާއިން ކުރިއަށް ދާން ހަމްދާން ޗޫސްކުރީ އައިޑޮލް، އަދި މި ނިމުނީއެއް ނޫން، އަދި މި ފެށުނީ އިރާދަކުރެއްވިޔާ، ކުރިއަށް އޮތްތާވެސް އިރާދަކުރެއްވިއްޔާ ސްޓޭޖް މަތިން ފެންނާނެ،" ހަމްދާން ބުންޏެވެ.

"ކުރިއަށް އޮތްތާ ބަލާނީ ރާއްޖޭގެ ފެންވަރުގެ މޮޅު އާޓިސްޓަކަށްވުން، މަސައްކަތް ކޮށްފިޔާ ކޮންމެ މީހަކަށް ވެސް ވެވިދާނެ ކަމަށް ގަބޫލުކަން، މަސައްކަތް ކޮށްގެން ހަމްދާންއަށް ވެސް ވެވިދާނެ ކަމަށް ގަބޫލުކުރަނީ،"

މި ދާއިރާއިން ދެވެން އޮތް އެންމެ ދުރަށް ދިޔުމަށް އަޒުމު ހިފާފައިވާ ހަމްދާން ވަނީ އޭނާގެ ދެރަވެފައިވާ ސަޕޯޓަރުންނަށް ވަރަށް ވެސް އުފާވެރި ހަބަރެއް ދީފަ އެވެ. އެއީ ހަމްދާންގެ އަމިއްލަ ޅެންތަކެއްގައި އަމިއްލަ ރާގުގެ ލަވަތަކެއް އިވިގެންދާނެ ހަބަރެވެ. ހަމަ ގައިމު ވެސް އެއީ އޭނާގެ ސަޕޯޓަރުންނަށް މިވަގުތު ދެވޭނެ އެންމެ ރަނގަޅު ހަދިޔާ އެވެ.

"މިޔުޒިކްގެ ދާއިރާއިން ކުރިއަށް ދާން ހަމަ ވިސްނާފަ ހުރީ، ދެވެން އޮތް އެންމެ ދުރަކަށް ދިޔުމަށް އަދިވެސް ހަމަ މަސައްކަތް ކުރާނަން، އިރާދަކުރެއްވިޔާ ކުރިއަށް އޮތްތާ ފެނިގެން ދާނީ ހަމްދާންގެ އަމިއްލަ ޅެން އަމިއްލަ ރާގުގެ ލަވަތައް،" ހަމްދާން ބުންޏެވެ.

ލަވަ ކިޔުމުގައި އައިޑޮލްގައި ހޭދަކުރި ކުރު ދަތުރަކީ ހަމްދާނަށް ވަރަށް ބޮޑު ދަތުރެކެވެ. އެތައް ކަމެއް ދަސްވެ، އެތައް ކަމަކަށް ލޯހުޅުވުނު ދަތުރެކެވެ. އައިޑޮލްއިން މިޔުޒިކީ އެތައް ކަމެއް ދަސްވިއިރު ދިރިއުޅުމަށް ބޭނުންވާ އެތައް އެހެން ކަންތައްތަކެއް ވެސް އޭނާއަށް ވަނީ ދަސްވެދަ އެވެ.

"އައިޑޮލް ޓޮޕް 16 އާއެކު އުޅެވުން މިއީ ހަމްދާންގެ ލައިފްގެ ލަވަ ކިޔުމުގަ ކޮށްލެވުނު އެންމެ ތަފާތު އެއް ކަންތައް، މޮޅެތި 16 ތެރޭގައި ހިމެނިގެން އެ ކުދިންނާއެކު މިޔުޒިކް ތެރޭގަ އުޅި، ލަވަކިޔުމުގެ ސަބަބުން ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވެގެން ދިޔަ، އަސްލު ލަވަ ކިޔުމުގައި ވަރަށް ބޮޑު އެއްޗެއް އައިޑޮލްއަށް އައިފަހުން ދަސްވެއްޖެ،" ހަމްދާން ބުންޏެވެ.

އައިޑޮލްގެ ސަބަބުން އޭނާ ދިރިއުޅުމަށާއި ހުނަރަށް ލިބުނު ކުރިއެރުމުގެ ސަބަބުން ހަމްދާންގެ ޝުކުރުގެ ލިސްޓް ވެސް ކުރެއް ނޫނެވެ.

"މި ޖާނީގައި އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ ޓޮޕް 16 އަށް އަދި ޕީއެސްއެމްއަށް، ދެން ފޭސް އެންޑް ފެމިލީ އަދި ހަވާސް ބޮޑުބެރު ގުރޫޕަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ،" ހަމްދާންގެ ޝުކުރުގެ ލިސްޓް މި އެވެ.