ހަބަރު

"ވިޝްކާ"ގެ މައްސަލަ ކޯޓުން ބޭރުކޮށްފި

މިހާރު ޝްވެކް ސިނަމާގައި ދައްކަމުންދާ "ވިޝްކާ"ގެ މިލްކްވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލާގައި ފިލްމްގެ ޕްރޮޑިއުސާ އަދި ބަތަލާ އައިޝަތު ރިޝްމީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ވެއްދީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ހަސަން ހަލީމް (ކޮކޯ ހަސަން) އެވެ. މައްސަލާގައި ކޮކޯ ހަސަން ރިޝްމީގެ މައްޗަށް ދައުވާކޮށްފައި ވަނީ "ވިޝްކާ" އަކީ އޭނާގެ މިލްކުވެރިކަމުގެ ދަށުގައި އޮތްވައި ހުއްދަ ހޯދުމެއް ނެތި ރިޝްމީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް ކަމަށް ބުނެ އެވެ.

މި މައްސަލާގެ ޑިސްޕިއުޓް މަރުހަލާ ނިމިފައިވާއިރު، މިއަދު އެ މައްސަލާގައި ތާވަލުކުރި އަޑުއެހުމަށް ކޮކޯ ހަސަން ހާޒީރެއް ނުވެ އެވެ. މައްސަލަ ކޯޓުން ބޭރުކޮށްލީ އެހެންވެ އެވެ. މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.

ހަސަން މިއަދު ކޯޓަށް ހާޒިރުނުވި ސަބަބެއް ސާފެއް ނުވެ އެވެ.

ކޮކޯ ހަސަންގެ ދައުވާއަށް ރިޝްމީ އިންކާރު ކޮށްފައިވާއިރު ހަސަން ވަނީ ފިލްމް އެޅުމުން މަޑު ޖައްސާލުމަށް އަމުރަކަށް ވެސް އެދިފަ އެވެ. ނަމަވެސް އެ އަމުރު ކޯޓުން ނުނެރެދިނެވެ. ފިލްމް މިހާރު ވެސް ދަނީ ޝެޑިއުލާ އެއްގޮތަށް ދައްކަމުންނެވެ.

ކޮކޯ ހަސަން މީގެކުރިން ބުނެފައިވަނީ "ވިޝްކާ" ގެ އޮރިޖިނަލް ވާހަކަ ލިޔުނު ފަރާތުން އެ ވާހަކައިގެ ހުރިހާ ރައިޓްސްއެއް އޭނާ އަށް ސިޓީއަކުން ދީފައިވާއިރު ފިލްމުގެ ސްކްރިޕްޓްގެ މިލްކުވެރިކަން ވެސް އޭނާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ރިޝްމީ ބުނަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށެވެ.

މި މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އިހްތިރާމްކުރާނެ ކަމަށް ކޮކޯ ހަސަން ބުނެފައިވާއިރު ބަލިވެއްޖެ ނަމަ ރިޝްމީގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.