ހަބަރު

ޕީޕީއެމަށް ދެ ނައިބު ރައީސުން މައުމޫން ކަނޑައަޅުއްވައިފި

ޕީޕީއެމްގެ ދެ ނައިބު ރައީސްއަކު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ އައްޔަން ކުރައްވައިފި އެވެ. އެ ބޭފުޅުން އައްޔަންކުރެއްވީ ޕީޕީއެމް އޮފީހުގައި މިރޭ މައުމޫން ބޭއްވެވި ކުއްލި ކައުންސިލް ބައްދަލުވުމެއްްގަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް މިރޭ އައްޔަންކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) އެވެ.

ދެ ނައިބު ރައީސްއެއްގެ އިތުރުން ޕީޕީއެމްގެ ސްޕޯކްޕާސަންގެ މަގާމަށް ވެސް މިރޭ ވަނީ ބޭފުޅަކު އައްޔަންކުރައްވާފަ އެވެ. އެ މަގާމަށް މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި އައްޔަންކޮށްފައިވަނީ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ސުޖާއު އެވެ.

މިރޭ މައުމޫން ކައުންސިލް ބައްދަލުވުމެއް ބާއްވާފައިމިވަނީ ސިވިލް ކޯޓުން އެ ޕާޓީގެ ހިންގެވުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް އަންގަވާފައިވަނިކޮށެވެ. އަދި އިލެކްޝަން ކޮމިޝަނުން ވެސް ކުރިޔަށް ދާނީ ކޯޓް އަމުރާ އެއްގޮތަށް ކަމަށް ބުނެފައި ވަނިކޮށެވެ. ކޯޓުގެ އަމުރު ގަބޫލު ނުކުރައްވައި އިސްތިއުނާފަށް ވަޑައިގަތުމަށް މައުމޫން ގެންދަވަނީ ތައްޔާރުވަމުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުލް ރަހީމް އަބްދުﷲ މައުމޫން ވަނީ ކައުންސިލްގެ މަޝްވަރާއާ ނުލައި ވަކިކޮށްފަ އެވެ.