ރިޕޯޓް

ޕާޓީތައް މަތިން ފޫހިވެއްޖެ! އަމިއްލަ ކެނޑިޑޭޓުންނަށް ފުރުސަތު ބޮޑު!

  • ޕާޓީތަކުގެ ތެރޭގައި އެތައް މައްސަލަތަކެއް
  • ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި ކުޑަ
  • އަމިއްލަ ކެންޑިޑޭޓުންގެ އުންމީދުތައް ބޮޑު

ލާމަރުކަޒީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް، ބާއްވާ ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބު މިވަނީ ބޯމަތިވެފަ އެވެ. އިންތިހާބަށް ޕާޓީތަކުން ތައްޔާރުވަމުންދާ އަޑުތައް ވެސް މި ދަނީ އިވެމުންނެވެ. ފޯމް ހުށަހަޅަން ވެސް ފުރުސަތު މިއޮތީ ހުޅުވާލާފަ އެވެ. އެހެންނަސް ޕާޓީތަކުގެ މެންބަރުންނަށް އެޔެއް މިއެއް ވަކިނުވާ ހިސާބަށް ޕާޓީތަކުގެ އިސް ފަރާތްތަކުގެ އަމަލުތައް ވަނީ ގޯސްވެފަ އެވެ. ޕާޓީތަކުގެ އެތެރޭގެ ކޯޅުންތަކުގައި ހުޅު ހިފައި އާންމު މެންބަރުން ފިހޭ ހިސާބަށް ހުޅުގަނޑު ވަނީ ބޮޑުވެފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ އަދި މިހާރު ރާއްޖޭގައި މެންބަރު އެންމެ ގިނަ އެއް ޕާޓީ ކަމަށްވާ ޕީޕީއެމްގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި، ހިޔާލު ތަފާތުވުންތައް ވަނީ ގިނަވެފަ އެވެ. އެއް ފެކްޝަނުން ނިންމާ ނިންމުންތަކަށް އަނެއް ފެކްޝަނުން ތަބާނުވާއިރު ބަހުގެ ހަމަލާތައް ދެމުން ގެންދަނީ އިދިކޮޅަށް ރައްދުކުރާ ބަހުގެ ހަމަލާތަކަށް ވެސް ހޫނު ކޮށެވެ. ހަމައެހެންވެ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް އެފަދަ ކޯޅުންގަނޑެއް އެބަ އޮތެވެ. ޕާޓީގެ ބައެއް މެންބަރުން ގޮވަމުން ދަނީ އެ ޕާޓީ ހިސޯރުކޮށްފައިވާ ކަމަށެވެ. އިސްލާހުކުރަން ޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި ވެސް ވަރުގަދަ ހަނގުރާމައެއް އެބަ އޮތެވެ.

ކޯޅުންތައް އިންތިހާ، ނަތީޖާއަކީ ކޮބާ؟

ޕީޕީއެމްގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކުގެ ސަބަބުން އެ ޕާޓީގެ ތެެރެއިން އުފެދިފައިވާ ދެ ފެކްޝަނުން ކުރެ އެއް ފެކްޝަނަށް ގެއްލުން ނުލިބުނު ނަމަވެސް މުޅި ޕާޓީއަށް މި ކޯޅުންގަނޑުން ގެއްލުންވާނެ އެވެ. މައްްސަލާގައި ހުޅުހިފާފައިވާ ގޮތާއި ވަޔާއި ފެން ހުރި ގޮތުން ހުޅުގަނޑު އަވަހަށް ނިންވާލެވޭނެއޭ ވެސް ހިތެއް ނުބުނެވެ.

މިއީ އިންތިހާބަށް ގަދައަޅާ ތައްޔާރުވާން ޖެހޭ އެންމެ މުނާސަބަތު ވަގުތެވެ. ޒުވާން އާ ލީޑަރުންތަކެއް ނެރެ، ކައުންސިލް އިންތިހާބަށް އަތުކުރި އޮޅަންވީ ވަގުތެވެ. އެހެނަސް ފެންނަނީ ޕާޓީގެ ހިންގުން އަތުލުމަށް ދެ ފެކްޝަނުން ހަނގުރާމަކުރާ ތެނެވެ. އެއް ޕާޓީއެއްގެ ދެ އޮފީހެއް ހެދި، ދެ އޮފީހަކަށް ފޯމް ހުށަހަޅަން ޖެހިފައިވާ ތަނެވެ. މި ގަހު ކޭލެއް އެ ގަހު ކޭލެއް އާންމު މެންބަރުންނަކަށް ހިލާ ވަތްކެއް ނުވެ އެވެ. މިވަރުން ޕީޕީއެމްއަށް ކައުންސިލް އިންތިހާބުގައި އެއްވެސް ނަތީޖާއެއް ނެރެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

"ޕާޓީ ތެރޭގައި މި އޮތް ކޯޅުންގަނޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެގެން ދާނީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް، ފޯމް ލާންވީ އޮފީހެއް ވެސް ސާފުނުވާއިރު، ޓިކެޓް ލިބޭނެ ކަމާއި އެ ޓިކެޓްގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފެދޭ ދަރަޖާގައި މިތިބީ،" ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ފޫގަޅާފައި ހުރި މެންބަރަކު ބުންޏެވެ.

ޕީޕީއެމްގެ މެންބަރުން މި ހާލެއްގައި ތިބިއިރު، އެމްޑީޕީ މެންބަރުން ތިބި ހާލެއް ވެސް ވަކި ދެރައެއް ނޫނެވެ. އެމްޑީޕީއަކީ ކައުންސިލް އިންތިހާބުގައި މިހާތަނަށް އެންމެ ވަރުގަދަ ނަތީޖާތަކެއް ނެރުނު ޕާޓީ އެވެ. ސިޓީ ކައުންސިލްތަކުގެ އަގުލަބިއްޔަތު މިހާތަނަށް އެ ޕާޓީގެ އަތުން ގެއްލިފައެއް ނެތެވެ. އެ އިންތިހާބަށް އެންމެ ފޯރި ނަގާ ޕާޓީއަކަށް ވެސް އެމްޑީޕީ ވާނެ އެވެ. އެމްޑީޕީގެ ސަރުކާރުން ގެނައި ނިޒާމަކަށް ވުމުން ކަމަށް ވެސް ވެދާނެ އެވެ.

އެހެން ނަމަވެސް މިފަހަރުގެ އިންތިހާބަށް އެ ފޯރި އެ ޕާޓީގެ ތެެރެއިން ވެސް އަދި ފެނިގެން ނުދެ އެވެ. އަދި ޕްރައިމަރީއަކާ ހިސާބަށް ވެސް ނުދާތީ ކަމަށް ވެދާނެ އެވެ.

އެމްޑީޕީގެ ތެރޭގައި ވެސް އޮތް ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކައުންސިލް އިންތިހާބުގައި ކުރިން ނެރުނު ނަތީޖާ ނެރެވިދާނެ ކަމަށް މިހާރު ސުވާލު އުފެދެ އެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގިނަ އަހަރުތަކަކަށް ޖަލަށްލުމާއެކު ޕާޓީގެ ތެރެއަށް މާޔޫސްކަން ވަދެ، އަބަދުހެން މަސައްކަތް ކުރެވެމުންދަނީ އެމަނިކުފާނު ސަލާމަތްކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށެވެ. އެހެން ކަންކަމުން އެ ޕާޓީގެ ފޯކަސް ކުރިން އޮތް މިންވަރަށް މިހާރަކު ނެތެވެ. އެ ޕާޓީ އޮތީ ދުވަހަކު ހީނަރު ނުވާ ވަރަށް ހީނަރުވެފަ އެވެ. އެ ޕާޓީޖެ ޖަލްސާތަކާއި ރެލީތަކަށް އެއްވާ މީހުންގެ އަދަދުން އެކަން ވަރަށް ސާފެވެ.

މިފަދަ މައްސަލަތަކާ ހުރެ އެ ޕާޓީގެ ކުރީގެ ލީޑަޝިޕްގައި ވަރަށް އިސްކޮށް އުޅުއްވި ބައެއް މެންބަރުން ވަނީ އިސްލާހީ އެޖެންޑާއަކާއެކު އެމްޑީޕީ ހަމަ މަގަށް އެޅުވުމަށް ކަމަށް ބުނެ ހަރަކާތްތަކެއް ވެސް ފަށާފަ އެވެ. މިކަމާ ހުރެ ވެސް މަދު ބައެއް ނަމަވެސް މިހާރުގެ އެމްޑީޕީގެ ލީޑަޝިޕާ ދެކޮޅުވާނެ ކަމަށް ބެލެވެ އެވެ.

އޭގެއިތުރަށް ހިތުގައި ރީނދޫ ކުލަ ޖެހިފައިވާ އެމްޑީޕީގެ އަސްލު މެންބަރުން ދުވަހަކު ވެސް ހިތް ހަލާސް ނުދޭނެ ބައެއް ބޭބޭފުޅުން އެމްޑީޕީއާ ގުޅި ލީޑަޝިޕްގެ އިސް ސަފުން ފެނިގެން ދިޔުމަކީ ވެސް އެ ޕާޓީގެ ބައެއް އާންމު މެންބަރުން "ވައި"ވެ ޕާޓީގެ ތާއިދު ކުޑަވާން އޮތް ސަބަބެކެވެ.

"ލީޑަޝިޕްގައި ވެސް އެބަހުރި މައްްސަލަ، ހިތް ނުހުރޭ މީހުން ވެސް އެބަތިބި، އެހެންވެސް މައްސަލަތައް އެބަހުރި، ޕާޓީގެ ރައީސް އާއި ޗެއާޕާސަން ވެސް ނެތް މެންބަރުންގެ އަރިހަކު، މަގުން ކައްސާލަމުން ޕާޓީ އަސްލު ދަނީ، މިހާރު އިންތިހާބެއް ބޯމަތިވެފައި އޮތްވާ އެކަމާ ގުޅިގެން އިންތިހާބުން އެއްވެސް ނަތީޖާއެއް ނެރެވިދާނެ ކަމާމެދު ޝައްކު އަސްލު،" އެމްޑީޕީގެ އާންމު މެންބަރެއްގެ ހިޔާލު ހުރީ މިހެނެވެ.

އަމިއްލަ ކެނޑިޑޭޓުންނަށް ފުރުސަތު ބޮޑު!

އެމްޑީޕީގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުން އެންމެ އެސްއެމްއެސްއަކާއި ޓްވީޓަކުން ވެސް ހާހުން އެއްކުރަމުން އައި ޕާޓީއެކެވެ. އެއީ އެހެން ޕާޓީއަކަށް މިހާތަނަށް ކުރެވުނު ކަމެއް ވެސް ނޫނެވެ. އެހެނަސް މިހާރު އެމްޑީޕީއަށް ވެސް އެކަން ނުވެ އެވެ. އަޑުގަދަކުރާއިން ގޮވައި ސޯޝަލް މީޑިއާގައި ވައި ހިއްޕާލިއަސް އެމްޑީޕީގެ އެއްވުންތަކަށް މިހާރު ދަނީ ނިސްބަތުން މަދުބައެކެވެ. ހަމަގައިމު ވެސް މެންބަރުން ކޮންމެވެސް ގޮތަކުން ފޫހިވެއްޖެ އެވެ.

ހަމައެހެންވެ ޕީޕީއެމްގެ ކޯޅުންގަނޑާއި ބައެއް ސިޔާސަތުތަކުގެ ސަބަބުން އެ ޕާޓީގެ މަތިން ވެސް ބައެއް މެންބަރުން ތިބީ ފޫހިވެފަ އެވެ. ޕާޓީތަކުގެ އާންމު މެންބަރުން ހަރަކާތްތެރިވުން ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

އިންތިހާބެއް މިހާ ކައިރިވެފައިވީއިރު ވެސް ބޮޑު ދެ ޕާޓީންކުރެ އެއް ޕާޓީއަށް ވެސް މާލޭގައި ކީއްކުރަން އާބާދީ ކުޑަ ރަށެއްގައި ވެސް ބޮޑު ހަރަކާތެއް ބޭއްވިފައެއް ނުވެ އެވެ. ރަށްތަކުގައި ޕާޓީ ވާދަވެރިކަން ވެސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ވަނީ ކުޑަވެފަ އެވެ. ޕާޓީއަކީ އެހާ ބޮޑު އިސްކަމެއް ދޭ އެއްޗަކަށް މިހާރު އަމުންދުން ގިނަ ޒުވާނުންނަށް ނުވެ އެވެ.

ކަން މިހެން އޮތް ނަމަވެސް ކައުންސިލް އިންތިހާބަށް ގިނަ ޒުވާނުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ހާއްސަކޮށް ރަށްރަށުން މިފަހަރު ކައުންސިލް އިންތިހާބަށް ނިކުންނާނީ ވަރަށް ޒުވާނުން މޫނުތަކެއް ކަމަށް ބެލެވެ އެވެ. އެ ޒުވާނުންގެ ވިސްނުން ވެސް ބޮޑަށް ހުރީ އަމިއްލަ ގޮތުން ކުރިމަތިލައި، ތަފާތު ޕާޓީތަކުގެ މެންބަރުންގެ ވެސް ސަޕޯޓް ހޯދައި ރަށަށް ހިދުމަތް ކޮށްދޭށެވެ. ޕާޓީގެ ރޫހުގައި ޖެހިގެން މިފަހަރުގެ ކައުންސިލް ކާމިޔާބުކުރެވިދާނެކަމާމެދު ސުވާލު އުފެދޭ ހިސާބަކީމި އެވެ.

އެހެން ޕާޓީތައް ކޮބާ؟

މިހާތަނަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފަ އެވެ. އަދާލަތުން ކުރިމަތިލަނީ ވަރަށް މަދު ދާއިރާއަކަށެވެ. އެ ޕާޓީ ނިކުންނަނީ އިދިކޮޅު އިއްތިހާދުގެ ތެެރެއިން ބޮޑު އެމްޑީޕީއާއެކު އެވެ. އެހެންކަމުން ބޮޑު ޕާޓީއެއްގެ ހިޔަނި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ވަނީ އެޅިފަ އެވެ. އެއީ އެޕާޓީއަށް އޮތް އެޑްވާންޓޭޖަކަށް ވެސް ވެދާނެ އެވެ. އެކަމަކު އެ ޕާޓީގެ ސަޕޯޓްސް ބޭސްއާ ދޭތެރޭ އަބަދުވެސް ސުވާ އުފެދެ އެވެ. މާޒީގައި ވެސް އެ ޕާޓީއަށް ހޯދުނު ކާމިޔާބެއް ނެތެވެ.

އިންތިހާބު ބޯމަތިވެފައިވަނިކޮށް ޖުމްހޫރީ ޕާޓީން ވަނީ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ހުސްވެފައިވާތާ އެތައް ޒަމާނެއްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަދި ކިރިއާ އެވެ. ޕާޓީއާގެން އުޅެންވެން ފެށީ އިންތިހާބެއް އައުމުންނެވެ. ޕާޓީ ހަރުދަނާކުރުމަށްފަހު އިންތިހާބަށް ފުރިހަމައަށް ތައްޔާރުވުމަށް އެ ޕާޓީއަށް ފުރުސަތު ލިބޭނެ ކަމެއް ނޭނގެ އެވެ. އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. މާލީ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުން ވެސް ޖޭޕީގައި ކުރިން އޮތްވަރުގެ ސްޓްރެންތެއް މިހާރު އޮތްހެނެއް ހިއެއް ނުވެ އެވެ.

ހަމަގައިމުވެސް ޕާޓީ މިހާރު އޮތް ހާލަތަށް ބަލާފައި ކައުންސިލުން އިންތިހާބުން ރަނގަޅު ނަތީޖާއެއް ނެރުމަށް އެ ޕާޓީ ވަަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ އެވެ. އެކަމަކު އެ މަސައްކަތް ކުރަން މިހާރު ލަސްވެއްޖެ ކަމަށް ބުނެވިދާނެ އެވެ.

ދެން އޮތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭ އެވެ. މިހާތަނަށް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެ އެވެ. ޕީޕީއެމްގެ ނިވަލުގައި އޮތް އެމްޑީއޭއަށް ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ އަސަރު ސީދާ ގޮތެއްގައި ވަނީ ކޮށްފަ އެވެ.

ޕީޕީއެމްގެ އެއް ފެކްޝަނާއެކު އެއް ޕާޓީ އޮތްއިރު އަނެއް ފެކްޝަނުން އެމްޑީއޭއާއެކު އިންތިހާބަށް ނިކުންނަން ދެކޮޅު ހަދާފާނެ ކަމަށް ބެލެވެ އެވެ. ފަހަރުގައި މިހާތަނަށް އެމްޑީއޭއިން އެއްވެސް އިޝާރާތެއްް ނުކޮށް އޮތީ ޕީޕީއެމްގެ އާންމު މެންބަރުންނެކޭ އެއް ފަދައިން އެ ޕާޓީއަށް ވެސް ނަގާނެ ކޮޅެއް ނޭނގި އޮތުމުން ކަމަަށް ވެދާނެ އެވެ.

މިއަދުގެ ސިޔާސީ މަސްރަހު މިގޮތަށް އޮތްއިރު ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ރަނގަޅު ނަތީޖާއެއް ނެރެވެން އޮތީ ޕާޓީތައް ވީއެންމެ އަވަހަކަށް އިސްލާހުކޮށް މައްސަލަތައް ވެސް ހައްލުކޮށްގެންނެވެ. އަދި ޕާޓީތައް ޑިމޮކްރަސީގެ އުސޫލަށް ރުޖޫއަވެ ރައްޔިތުންގެ ތަނަކަށް ޕާޓީޔތައް ވެގެންނެވެ. އެހެން ނޫނީ ކައުންސިލް އިންތިހާބުގައި ޕާޓީތައް ބޮޑު ފެއިލުން ފޭލް ވާނެ އެވެ.