ހަބަރު

އެމްޕީ އިލްހާމް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ޕީޕީއެމް ގުޅިވަޑައިތުމަށް ނިންމައިވައިފި އެވެ. އިލްހާމަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއްވެސްމެ އެވެ.

ރައީސް ޔާމީނަށް ތާއިދުކުރައްވާ ޕީޕީއެމްގެ އިސްވެރިޔަކު މިރޭ "އަވަސް"އަށް ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމަށް މަޖިލިސް ތެރެއިންނާއި އެހެންވެސް ގޮތްގޮތުން މަސައްކަތް ކުރެއްވުމަށް ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އިލްހާމް އަމިއްލަފުޅަށް ނިންމަވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުގެ ކުރިން އިލްހާމް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްއެއްގެ ގޮތުގަ އެވެ. އަދި ޕީޕީއެމް އުފެއްދުމަށް އެންމެ ފުރަތަމަ އިސް ނެންގެވި ފަސް މެންބަރުންގެ ތެރޭގައި ވެސް އިލްހާމް ހިމެނިވަޑައިގަންނަވަ އެވެ.

"އިލްހާމް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމެވީ ތަރައްގީއަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކަށް ހިތްވަރު ދިނުމަށާއި އެއްބާރުލުން ދިނުމުގެ ބޭނުމުގައި، އަދި ރައީސް ޔާމީނާއެކު ކުރިއަށް ވަޑައިގަތުމުގެ ބޭނުންފުޅުގައި،" އިސްވެރިޔާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ ކޯލިޝަން ހެދުމުގައި ވެސް އިލްހާމް ބޮޑު ދައުރެއް އަދާކުރައްވާފައިވެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވައިގެން ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއިދުކުރައްވައި، އެމަނިކުފާނަށް އެއްބާރުލުން ދެއްވާފައިވެ އެވެ.