ހަބަރު

އިބްތިހާލުގެ މާމަ އުޅޭތަން ނޭނގޭތީ ވާރިސުންގެ ބަހެއް ނުނެގުނު

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، މުހައްމަދު އިބުތިހާލްގެ މާމަ ދިރިއުޅޭ ތަނެއް ނޭނގިގެން ވާރިސުންގެ ބަސް ޝަރީއަތަށް ނެނގޭ ގޮތެއް ނުވެއްޖެ އެވެ.

އިބްތިހާލުގެ މާމަ ވާރިސެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިބްތިހާލުގެ މަންމަގެ މައްޗަށް އޭނާ މަރާލިކަމުގެ ދައުވާ އުފުލިފައިވާތީ، އަދި އާފިޔާގެ ބައްޕަ އަދި ކާފަ ވެސް ދުނިޔޭގައި ނެތުމުންނެވެ.

ވާރިސުންގެ ބަސް ނެގުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ، މުހުތާޒު ފަހުމީ ވިދާޅުވީ، އާފިޔާގެ މަންމަ ދިރިއުޅޭ ތަނެއް ނޭނގުނު ކަމަށެވެ. އޭނާ، އޭނާގެ ރަށުގައި ދިރިނޫޅޭ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވަނީ މަންމަ ދިރިއުޅޭތަން އެނގޭތޯ އާފިޔާއާ ސުވާލުކޮށްފަ އެވެ. އާފިޔާ ބުނީ މަންމަ ދިރިއުޅޭނީ މާލޭގައި ކަމަށާއި ނަމަވެސް އެއީ ކޮން ގެއެއްގައި ކަމެއް ނޭނގޭ ކަމަށެވެ.

މި މައްސަލާގައި އާފިޔާ ކުށަށް އެއްބަސްވެފައިވީ ނަމަވެސް ދައުލަތުން ވަނީ 13 މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އެ އެންމެންނަކީ ވެސް އާފިޔާ ދަންނަ އާފިޔާގެ ރަށް، ރަކީދޫގެ މީހުންނެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އާފިޔާ މުއްދަތު މަޖިލީހުގައި ދީފައިވާ ބަޔާނާއި ތަހުގީގަށް ދީފައިވާ ބަޔާނާއި ސީން އޮފް ކްރިމް ރިޕޯޓާއި އެ ތައްޔާރުކުރި ފަރާތާއި ރަކީދޫ ހޮސްޕިޓަލްގެ ލިޔުމަކާއި އައިޖީއެމްއެޗްގެ ލިޔުމަކާއި ސީޓީ ސްކޭން ރިޕޯޓް ވެސް ހުށަހަޅާފަ އެވެ.

ދައުލަތުން ހުށަހަޅާނެ ކަމަށް ބުނެފައިވާ އާފިޔާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު އަދިވެސް ހުށަނާޅާތީ ގާޒީ ވަނީ ދައުލަތާ ސުވާލުކޮށްފަ އެވެ. ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، އެ ރިޕޯޓް އަދިވެސް ދިރާސާކުރަމުންދާ ކަމަށާއި ވީއެންމެ އަވަހަކަށް ރިޕޯޓް ހުށަހަޅާނެ ކަމަށެވެ.

އަންނަ އަންގާރަ ދުވަހަށް އެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ.

އާފިޔާގެ ދޮން ބައްޕައަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވަނީ އިތުބާރުހުރި މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އެވެ. އެ މައްސަލާގައި ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ.