އަވަސް އެހީ

މުޅި ހަޔާތް ނުހިނގޭ ފިރިމީހާއަށް، ލޯބީގެ މިސާލެއް!

ރަހުމަތްތެރިޔާއާއެކު ދުއްވާލަން ނިކުތް އިރު ލައިގަންނަނީއަކީ ކިހާ ބޮޑު ތޫފާނެއް ކަމެއް ނޭނގެ އެވެ. އެ ތުފާނުގައި ޖެހި އުފާވެރި ދިރިއުޅުން ވިއްސިވިހާލިވެގެން ގޮސްދާނެ ކަމަށް ކުރިން ހީވެސްވެފައެއް ވެސް ނެތެވެ.

އެއީ، ގދ. ތިނަދޫއަށް އުފަން އަހުމަދު އަފްރާހަށް ރައްޔިތުންގެ މަޖިލީހުން ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ ހަމަޖެހި، ތިން މަސްވެ ވަޒީފާ ދާއިމީވި ދުވަހުގެ ރެއެކެވެ. އެ ރޭ އޭނާ އިނީ، އެކުވެރިއެއްގެ ސައިކަލް ފަހަތުގަ އެވެ. ކުރި މަތިން ކުއްލިއަކަށް އައި ސައިކަލެއްގެ ސަބަބުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލްގެ ބެލެންސް ގެއްލި، ބޮޑު އެކްސިޑެންޓެއްގެ ޝިކާރައަކަށް އަފްރާހުވި އެވެ. ވިއްސައިގެން ދިޔައީ އަފްރާހެވެ. ވިއްސިވިހާލިވީ ވެސް އޭނާގެ ހުވަފެންތަކެވެ. އެއީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ.

އެކްސިޑެންޓަށްފަހު އަފްރާހުގެ މެއިން ތިރި ވާގިނެތުނެވެ. ހިނގުމުގެ ނަސީބު ގެއްލި، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން މަޖުބޫރިވި އެވެ. އުމުރުން 28 އަހަރުގެ އަފްރާހްގެ ހަޔާތް މިހާރު ބަރޯސާވެފައިވަނީ ފުރޮޅުލީ ގޮނޑީގެ މައްޗަށެވެ.

އަފްރާހްގެ ހަޔާތަށް ކުއްލިއަކަށް އައި ވިލާގަނޑާއެކު ވެރިވި އަނދިރި ކަމުގެ ތެރެއަށް އުފާވެރިކަން ގެނެސްދިނީ، ކ. ތުލުސްދޫއަށް އުފަން އައިޝަތު ފަރާހާ (ފަރާ) އެވެ. އަފްރާހުގެ ހަޔާތުގެ މިހާރުގެ ބައިވެރިޔާ އެވެ. އޭނާގެ ހަޔާތުގެ ދިރުމަކީ އެއީ އެވެ.

އަފްރާހާއި ފަރާ ބައްދަލުވެފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފޭސްބުކުންނެވެ. ފޭސްބުކް މެދުވެރިކޮށް އައި އަފްރާހުގެ ފްރެންޑް ރިކުއެސްޓް ފަރާ ގަބޫލުކުރި އެވެ. އެ ހިސާބުން ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެން ފެށި، ގާތްކަން އުފެދިގެން ދިޔަ އެވެ. އޭރު އަފްރާހުގެ ހަގީގަތެއް ފަރާއަކަށް ނޭނގެ އެވެ. ނަމަވެސް އަފްރާހު ދިޔައީ ބޮޑު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނަމުންނެވެ. އެ ވާހަކަ ދިޔައީ ފަސްވަމުންނެވެ.

ދެ މީހުންގެ ދެމެދު ގާތް ގުޅުމެއް އުފެދިފައިވަނިކޮށް، އަފްރާހު، ފަރާއާ ދުރަށް ދިޔަ އެވެ. ވާހަކަ ދެއްކުން މަދުކުރި އެވެ. މިކަމާ ފަރާ ވަރަށް ކަން ބޮޑުވި އެވެ. އެއީ "ފިރިހެނުންގެ ވައްތަރުބާއޭ" ހިތަށް އަރައި ހިސާބަކަށް ރުޅި ވެސް އައެވެ. ފަރާ ކުރި މަސައްކަތުން އަފްރާހާ ވާހަކަ ދެއްކޭ ގޮތްވި އެވެ. އަފްރާހު އެ ދުވަހު ފަރާ ގާތު ބުނީ، އެ ގުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށާއި އެއީ ކުރިމަގެއް ނެތް ގުޅުމެއް ކަމަށެވެ. އޭރު ވެސް އެ ދެ މީހުން ބައްދަލެއް ނުވެ އެވެ. ފަރާގެ އެދުމުގެ މަތިން ގުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށް އަފްރާހު ބުނާ ސަބަބު އޭނާ ގާތުން އޮޅުންފިލުވި އެވެ. އަފްރާހުގެ އެ ބޮޑު ސިއްރު އޭނާ ހާމަކުރި އެވެ. ފަރާއަށް ވީގޮތް ވެސް ނޭނގުނެވެ. އަފްރާހަކީ ނުހިނގޭ މީހެއްކަން ފަރާއަށް އެނގުމުން ލިބުނު ހިތާމަ ވަރަށް ބޮޑެވެ. ކުރި އުއްމީދުތައް ކުދިކުދި ވެގެން ދިޔައީ ކަމަށް ދެކެވުނެވެ. ފަރާއަށް ރޮވުނެވެ. ވަރަށް ދެރަވެސްވި އެވެ. އެހެނަސް ހިތްވަރު ދެރަކޮށް، ފަހަތަށް ބަލަން އޭނާ ބޭނުމެއް ނުވި އެވެ.

އަފްރާހުގެ ނުކުޅެދުންތެރިކަމާއެކު ވެސް ފަރާ ބޭނުންވީ، އަފްރާހާއެކު ގުޅުން ކުރިއަށް ގެންދާށެވެ. އަފްރާހާ ފުރަތަމަ ފަހަރަށް ބައްދަލުކުރުމަށް 10 ދުވަހުގެ ޗުއްޓީއެއް ނަގައިގެން ތިނަދޫއަށް ފަރާ ދިޔަ އެވެ. އަފްރާހާ ބައްދަލުކޮށް އޭނާ ނިންމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. ޔޫރޯ ސްޓޯރްގައި އަދާކުރަމުންދިޔަ މުސާރަ ރަނގަޅު ވަޒީފާ ވެސް އަފްރާހަށްޓަކައި ދޫކޮށްލައި، މާލޭގައި އުޅުމުގެ ބަދަލުގައި ކައިވެނިކޮށްގެން ތިނަދޫއަށް ބަދަލުވާން އޭނާ ނިންމީ ހިތާއި ރުހުމުންނެވެ.

ފަރާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އެކި މީހުންނަށް މިންވަރު ކުރާނީ އެކި ގޮތެވެ. އެއީ، އޭނާއަށް މިންވަރުވެފައި އޮތް ގޮތެވެ. މިހާރު ދަތީގައި އުޅެން ޖެހުނަސް މުސްތަގުބަލު އުޖާލާވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަފްރާހް ބައްދަލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނި ކުރުމަށް ފަރާ ނިންމީ ވެސް އެ ސަބަބާ ހުރެ އެވެ. ފަރާ ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ. އެކަން އަފްރާހުގެ ފަރާތުން އޭނާއަށް ލިބެ އެވެ.

އަފްރާހާ ކައިވެނިކުރުމަށް އެންމެ ބޮޑު އެއްބާރުލުމަކާއި ހިތްވަރެއް ފަރާއަށް ދިނީ އޭނާގެ އާއިލާއިންނެވެ. ނުހިނގޭ މީހަކާ ކައިވެނި ކުރުމަށް އޭނާގެ މަންމަ ހުރަހެއް ނޭޅި އެވެ. ދިނީ ހިތްވަރެވެ. އެކަމުގައި ކުރިއަށް ދިޔުމަށް އެދި ދިނީ ނަސޭހަތެވެ. އާއިލާގެ އެހެން މެންބަރުން ވެސް ދެކުނީ އެގޮތަށެވެ. އެންމެން އަޅާލަ އެވެ. އެހީތެރިވެދެ އެވެ.

ކުރިން އަފްރާހް ވަނީ އެހެން ކައިވެންޏެއް ކޮށްފަ އެވެ. ހަތަރު އަހަރުގެ ދަރިއެއް ވެސް އެބަހުއްޓެވެ. ފަރާ ވެސް ކުރިން ކައިވެންޏެއް ކުރި އެވެ. ރޫޅުނު ދެ ކައިވެނި އިބްރަތަކަށް ބަލައިގެން އެ ދެމަފިރިން ދިރިއުޅުން ބައްޓަން ކޮށްފައިވަނީ މުސްތަގުބަލަށް ވިސްނަގައިގެންނެވެ. ވަކިން ދިރިއުޅެމުންދާ އެ ދެމަފިރިން ހަރަދު ބެލެހެއްޓުމަށް ހިތާ ދެކޮޅަށް ވެސް ފަރާއަށް ވަނީ ވަޒީފާއަށް ދާން މަޖުބޫރުވެފަ އެވެ. ރަށުގެ އެޕޯލޯ މާޓްގައި ވަޒީފާ އަދާކުރަމުންދާއިރު، ފަރާގެ އާއިލާގެ އެންމެ ބޮޑު އެހީތެރި ކަމަކީ އެތަނެވެ. ފަރާއަށް އެތަނުން ހާއްސަ ސަމާލުކަމެއްދެ އެވެ. އެކަމާ އޭނާ ޝުކުރުވެރިވަނީ ހިތުގެ އަޑިންނެވެ.

މި ކުޑަކުޑަ ދިރިއުޅުމަށް މިހާރު އެޅިފައިވަނީ އެންމެ ހިޔަންޏެކެވެ. އެއީ، އަފްރާހުގެ ބަލި ހާލެވެ. އަފްރާހުގެ ހާލު ގޯސްވެ މިހާރު ވެސް ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެކްސިޑެންޓްވީ ފާރުގަނޑު ބޮޑުވެ، އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ފައިގައި ވާގި ނެތުމުން ފާރުގަނޑު ރަނގަޅެއް ނުވެ އެވެ. އެކަމަށް އައިޖީއެމްއެޗުން ފަރުވާ ކުރެވިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިހާރު ވެސް ހާލު ދެރަވެފައިވާ އަފްރާހާ މެދު ފަރާގެ އުއްމީދުތައް ވަރަށް ފޮންޏެވެ. ފަރާއަށް އަފްރާހްގެ އިސްކޮޅު ފެނުނީ ހަމަ އެންމެ ދުވަހަކު އެވެ. އެއީ އޭނާގެ ހަޔާތަށް ވެސް އައި އެންމެ އުފާވެރި އެއް ދުވަހެވެ. އެއީ މިދިޔަ ރޯދަ މަހުން ދުވަހެކެވެ. ގޮނޑީގައި ހިފައި އަފްރާހު ކޮޅަށް ތެދުވި އެވެ.

އެކްސިޑެންޓްވިއިރާ ބަލައި، މިހާރު އަފްރާހަށް އަމިއްލައަށް ފައި ހަރަކާތް ކުރެވޭ މިންވަރު އިތުރެވެ. އެއީ، އަފްރާހު ރަނގަޅުވެދާނެ ކަމުގެ ނިޝާނެކެވެ. ދިވެހި މޮޅު ބޭސްވެރިޔަކު ވެސް ވަނީ އަފްރާހަށް ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވާނެ ކަމަށް ބުނެފަ އެވެ. މިހާރު ވެސް އޮޕަރޭޝަނެއް ކޮށްފައިވާ އަފްރާހު އިތުރު އޮޕަރޭޝަނެއް ކޮށްފިނަމަ އެއްކޮށް ރަނގަޅުވެދާނެ ކަމުގެ އުއްމީދު އިންޑިއާގެ ހޮސްޕިޓަލަކުން ވެސް ވަނީ ދީފަ އެވެ.

އެ އުއްމީދު އެބަ އޮތެވެ. ޒުވާން އުމުރުގައި އަދިވެސް ކޮޅަށް ތެދުވެ، އަމިއްލަ ފައި މައްޗަށް ތެދުވެ ހިނގުމުގެ އުއްމީދު އަފްރާހަށް އަދިވެސް އެބަ އޮތެވެ. ނަމަވެސް ނެތީ އެ އުއްމީދުތައް ކުލަކުރާނެ ފައިސާ އެވެ. އެކަނިވެރި ދެމަފިރިންނަށް ބޭނުންވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމެވެ.

އަފްރާހު އެއްކޮށް ރަނގަޅުވާން އަންނަނީ އޮޕަރޭޝަން ކުރުމަށްފަހު ދިގު މުއްދަތަކަށް ބޭސްފަރުވާ ވެސް ކޮށްގެންނެވެ. އެހެންކަމުން ފަރާ ބޭނުން ވަނީ ވެސް ދިރިއުޅުން ބޭރަށް ބަދަލުކޮށް، އަފްރާހަށް ފަރުވާ ދިނުމަށެވެ. އެކަމަށް ފަރާ އުއްމީދު ކުރަމުން އަންނައިރު އެހީތެރިކަމަށް އޭނާ ދަނީ އެދެމުންނެވެ. ލޯބިވާ ފިރިމީހާ ކޮޅަށް ހުންނަ މަންޒަރު ބެލުމަށް އެ އޯގާތެރި އަނބިމީހާ ހުރީ ކެތްމަދުވެފަ އެވެ. ނަމޫނާ އަނތްބަކު ފިރިމީހާއަށްޓަކައި ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ދޭން ބޭނުންނަނަމަ:

އެކައުންޓް ނަންބަރު: 101 239617 7703 Ahmed Afrah Rushdee
ފޯނު ނަންބަރު: 7733509 / 7511808