ހަބަރު

ދައުވާއަކީ އުނި ދައުވާއެއް، އިސްތިއުނާފާމެދު ސުވާލު އުފެދޭ: މައުމޫން

ޕީޕީއެމާގުޅޭ ގޮތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ސިވިލް ކޯޓުގައި ކުރި ދައުވާއަކީ އުނި ދައުވާއެއް ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވިދާޅުވެއްޖެ އެވެ. މައުމޫންގެ ބަދަލުގައި ކޯޓަށް ވަޑައިގެންފައިވަނީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރި ފަރާތުގެ ނިޔަތާމެދު ވެސް މައުމޫންގެ ފަރާތްޕުޅުން ވަނީ ސުވާލު އުފައްދާފަ އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މައްސަލާގައި ޝަރީއަތް މިއަދު ފެށިއިރު މައުމޫން ވަނީ މައްސަލާގެ ތެރެއަށް ތަދުއްހުލްވެފަ އެވެ.

މި މައްސަލާގައި ހައިކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އައްބާސްގެ ފަރާތުން އޭނާގެ ވަކީލް އާދަމް އާސިފް ވަނީ އެ މައްސަލަ އިސްތިއުނާފުކުރި ދެ ނުކުތާ ފާހަގަ ކުރައްވާފަ އެވެ. އެ ދެ ނުކުތާއަކީ ސިވިލް ކޯޓު ހުކުމްގައި މައުމޫން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ގާނޫނު އަސާސީގެ ކޮން މާއްދާއެއް ކަމެއް ބުނެފައިނުވާ ކަމަށެވެ. އަދި، އަސާސީ ގަވައިދާ ހިލާފަށް މައުމޫން އަމަލުކުރައްވާފައިވާ ކަމަށް ބުނެފައިވާއިރު އެއީ އަސާސީ ގަވައިދުގެ ކޮން މާއްދާއެއް ކަމެއް ވެސް ހުކުމުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

ޕާޓީގެ ރައީސްގެ ނުގަބޫލްގައި މުސްތަޝާރަށް ޕާޓީގެ ހިންގުން ދެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އައްބާސްގެ ފަރާތުން ފާހަގަކުރި އެވެ.

މި މައްސަލާގައި ދައުވާ ރައްދުވާ ދެ ފަރާތް ކަމަށްވާ މެންބަރު ޝާހިދާއި ޝިޔާމްގެ ވަކީލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ، އެ ފަރާތުން ކުރި ދައުވާގައި މައުމޫން ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ބުނެފައިނުވާނެ ކަމަށެވެ. އެ ފަރާތުން ދައުވާގައި މައުމޫން ހިލާފުވެފައިވާ އަސާސީ ގަވައިދުގެ މާއްދާތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. އެ މާއްދާތަކަކީ އަސާސީ ގައިވަދުގެ 37 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ އެވެ.

ގަވައިދުގެ 37 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީގެ އެންމެހައި ގުނަވަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި 39 ވަނަ މާއްދާއަކީ ރައީސް އެކުލަވާލައި މަޝްވަރާގެ މަޖިލީހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު އެކުލަވާލަން ޖެހޭ މަޖިލީހެއް ކަމަށެވެ.

މި މައްސަލާގެ ތެރެއަށް ތަދުއްހުލްވި މައުމޫންގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރުމުގެ އެއްވެސް ހައިސިއްޔަތަށް އައްބާސްއަށް ލިބިފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެއީ ކޮން މަގުސަދެއް ހާސިލުކުރުމަށް އޭނާ ކޮށްގެން އުޅޭ ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި މައްސަލަ ކުރިއަށް ގެންދާ ސްޕީޑް އަވަސްކަމުން ވެސް މުއިއްޒު ވަނީ ކޮންބޮޑުވުން ފާޅުކޮށްފަ އެވެ. މި މައްސަލާގައި ޝަރީއަތް ފަށާފައިވާއިރު އިސްތިއުނާފުގެ މުއްދަތު ވެސް އަދި ހަމައެއް ނުވެ އެވެެ.

މުުއިއްޒު ވިދާޅުވީ، ކޯޓުން ކުރާ ހުކުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ހުކުމަކަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް މި ހުކުމްގައިވާ ގޮތުން ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ގަވައިދުގައިވާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ. ކޯޓުން ކުރާ ހުކުމްތައް ވެސް އޮންނަން ވާނީ ޕާޓީގެ ގަވައިދުގެ ތަރަހައިގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ވެސް އެއްވެސް ޕާޓީއަކަށް އަސާސީ ގަވައިދާ ހިލާފެއް ނުވެވޭނެ އެވެ. އެހެންނަމަވެސް މި ހުކުމްގައިވާ ގޮތުން އަސާސީ ގަވައިދާ ހިލާފުވާން މަޖުބޫރުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގެ ރޫހަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅާއަށް ޕާޓީގެ ހިންގުން ހަވާލުނުކުރުން ކަމަށެވެ. އަދި، އަސާސީ ގަވައިދުގައިވާ ގޮތުން ކައުންސިލް ބައްދަލުވުމެއްގެ ރިޔާސަތެއް ވެސް މުސްތަޝާރަށް ނުބެލެހެއްޓޭނެ ކަމަށެވެ. ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭއިރު ނައިބު ރައީސްއަކު ނެތް ނަމަ އެކަން ކުރައްވަން ޖެހޭނީ ޕީޖީ ލީޑަރު ކަމަށް ވެސް އަސާސީ ގަވައިދުން އެނގޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިވިލް ކޯޓަށް ވެއްދި މައްސަލާގައި ދެ މެންބަރުން އެދިފައިނުވާ ކަންކަމަށް ކޯޓުން ގޮތެއް ނިންމާފައިވުމަކީ އެއްވެސް ގޮތަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. ސިވިލް ކޯޓަށް ވެއްދި މައްސަލާގައި އެދިފައިވަނީ ޕާޓީގެ ހިންގާ ގަވައިދާ އެއްގޮތަށް ކައުންސިލް ބައްދަލުވުންތައް މައުމޫން ކުރިއަށް ނުގެންދަވާތީ، އެ ގަވައިދާ އެއްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތެއް ނިންމައިދެއްވުމަށެވެ. އަދި މައުމޫން އެކުލަވާލި މަޝްވަރާގެ މަޖިލީހަކީ ބާތިލް މަޖިލީހެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ޕާޓީގެ ހިންގުން ވަކި ބޭފުޅަކަށް ހަވާލުކޮށްދިނުމަށް މައްސަލާގައި އެދިފައެއް ނުވެ އެވެ.

އަދި، ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާކޮށްފައިވަނީ ޕީޕީއެމް ކަމަށްވި ނަމަވެސް ދައުވާގައިވާ ކަންކަން ނިސްބަތްވަނީ މައުމޫނަށް ކަމަށާއި އެހެންކަމުން އެ ދައުވާއަކީ އުނި އަދި އައިބު ދައުވާއެއް ކަމަށް ގަބޫލުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މައްސަލައަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން މިއަދު މަޖިލިސް ވަނީ ކުރުކޮށްލާފަ އެވެ. އަދި މިއަދު މެންދުރުފަހު މި މައްސަލާގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ. މައްސަލަ ނިންމާލައްވަމުން ފަނޑިޔާރު ވިދާޅުވީ، މި މައްސަލާގެ ތެރެއަށް ޕީޕީއެމް ވެސް ވައްދަން ނިންމާފައިވާ ކަމަށެވެ.