ހަބަރު

ގާސިމާ ދެމެދު ނުތަނަވަސްކަން ފިލުވައިދެނީ އިލްހާމް، އެއީ ރިއަލިޓީ: ރައީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު އުފެދޭ ނުތަނަވަސްކަން ފިލުވައިދެއްވާ ބޭފުޅަކީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިލްހާމް، ޕީޕީއެމާ އަލުން މިރޭ ގުޅިވަޑައިގަތުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިލްހާމަކީ އަބަދުވެސް ޕީޕީއެމްގެ ގާތް އެކުވެރިއެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން ވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއި ގާސިމް އިބްރާހިމާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ގާސިމާއި އަޅުގަނޑާ ހިޔާލު އެއްގޮތް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑަށް އިލްހާމްގެ އެހީތެރިކަމާއި މަދަދު ވަނީ ލިބިފައި، އަދި ޖުމްހޫރީ ޕާޓީގައި ދިމާވާ ކަންކަމުގައި ނުވަތަ ސަރުކާރުން ހުށަހަޅާ ކަންކަމުގައި ތާއީދު ހޯދުމަށް ވެސް އަޅުގަނޑު ހުށަހަޅަނީ ގާސިމްގެ ބަދަލުގައި އިލްހާމަށް، އިލްހާމަކީ ގާސިމްގެ ޕާޓީގެ ވެސް ނުފޫޒު ގަދަ ނައިބު ރައީސްއެއް،" ރައީސް ވިދާޅުވި އެވެ.

"އިލްހާމް ވަނީ އަޅުގަނޑާއި ގާސިމާ ދެމެދު ދޭތެރެ ދޭތެރެއިން ޖެހޭ ނުތަނަވަސްކަމަށް ހަމަހިމޭކަން ގެނެސްދެއްވާފައި، އަދި އަޅުގަނޑުމެން ވޯޓް ހޯދުމަށް ބޭނުންވާއިރު އަޅުގަނޑުމެން ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދު ހޯއްދަވަން ބޭނުންވާ ހާލަތްތަކުގައި އިލްހާމް ވަނީ ވަަރަށް އިހްލާސްތެރި މަސައްކަތްތަކެއް ގާސިމަށް ދަންނަވައިގެން ގާސިމްގެ ރުހުން ހޯއްދަވައިގެން ޕާޓީގެ ތެރެއިން އަޅުގަނޑުމެންނަށް ކޮށްދެއްވާފައި،"

ރައީސް ވިދާޅުވީ، އިލްހާމް އަބަދުވެސް ވަނީ ސަރުކާރާ އެއްކޮޅަށް މަޖިލިސް ތެރޭގައި ވޯޓް ދެއްވާފައިވާ ކަމަށެވެ. އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

އިލްހާމަކީ އަބަދުވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިކުރަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނަށް އިލްހާމް މުހިންމު ވަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ.