- ހާރިޖީ ގުޅުންތައް ހީނަރުވުމުގެ ބިރެއް ނެތް
- އިގްތިސާދާއި ޓޫރިޒަމް އެރަވައިލްއަށް އަސަރެއް ނުކުރި
- ގެއްލުނު ފުރުސަތުތައް ހޯދަން މަސައްކަތްތަކެއް
ކޮމަންވެލްތްއޭ ބުނުމުން ހިތަށް އަންނަނީ ކޮން ކަމެއް ހެއްޔެވެ؟ އެ މީހުން ދިން ތައުލީމީ ފުރުސަތުތަކުގެ މަތިން ހެއްޔެވެ؟ ނޫނީ ކޮމަންވެލްތް ގޭމްސް ހެއްޔެވެ؟ ނޫނީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައި އަދަބު ދިން ގޮތް ހެއްޔެވެ؟
މި ސުވާލަށް އެކި މީހުން ދޭނީ އެކި ޖަވާބެވެ. މި ތިން ކަންތައްތަކަކީ ވެސް ދިވެހިންނާ ވަރަށް ގުޅޭ ދިވެހިން ވަރަށް ރައްޓެހި ކަންކަމެވެ. ކޮމަންވެލްތުން ދިން ތައުލީމީ ފުރުސަތުގައި އުނގެނި ރަނގަޅު ވަޒީފާތަކުގައި ތިބި މީހުން ރާއްޖޭގައި މަދެއް ނޫނެވެ. ކޮމަންވެލްތް ގޭމްސްގައި ބައިވެރިވެ، ރަންވަނަތަކެއް ވެސް ދިވެހިން ހޯދާފައި އެބަ ހުއްޓެވެ. އެކަމަކު އެ ހުރިހާ ވާހަކަޔަކަށް ވުރެ ބޮޑަށް ދިވެހިން ކޮމަންވެލްތް ދަންނަނީ، ރާއްޖެ އަށް ފިޔަވަޅު އަޅަން މަސައްކަތް ކުރާ ޖަމައަތެއްގެ ގޮތުގަ އެވެ. މިފަހުން ރާއްޖެއަށް ކުރިމަތިކުރި ބޭރުގެ އެންމެ ބޮޑެތި ފިއްތުންތައް އައީ މި ޖަމާއަތުގެ ތެރެއިންނެވެ. ސީމެގް ބަދަލުވެފައި އޮތީ ރާއްޖެއަށް ބިރަކަށެވެ.
ކޮމަންވެލްތާ ރާއްޖެ ގުޅުނީ 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ރައީސް މައުމޫން ވެރިކަމުން ދުރުވެ، ޑިމޮކްރަސީ ރާއްޖޭގައި ގާއިމުކުރެވުނު ފަހުން ސީމެގްގެ އެޖެންޑާއަކީ ދިވެހިންނަށް ވަރަށް ރައްޓެރި ނަމެކެވެ. އެ ސީމެގްގެ ބައްދަލުވުންތަކަށް ދިވެހި ހާރިޖީ ވަޒީރުން ހާޒިރުކޮށް، ޖަވާބުދާރީވުމަށް އަންގަން ފެށި އެވެ. އިސްލާހުކުރަންވީ ކަންކަން ކަނޑައަޅައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާއި ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ރާއްޖެއަށް އޮހެން ފެށި އެވެ. އެކަން ވަނީ ވެސް އެކަމުގެ އަޑީގައި ދިވެހިންގެ ބަޔަކު ތިބެގެން ކުރާ މަސައްކަތުން ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ.
ކޮމަންވެލްތަށް ރާއްޖެ ވެއްދި، ރައީސް މައުމޫނަށް ވެސް ކޮމަންވެލްތްގެ ފިއްތުންތައް އިހުސާސްކުރެވި އެ ޖަމިއްޔާއިން ވަކިވުމަށް އެދިވަޑައިގެންފައިވެ އެވެ.
"މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ، އަޅުގަނޑުމެންނަށް ކޮމަންވެލްތުން ލިބޭ މާ ބޮޑު ފައިދާއެއް ނެތް، ކޮމަންވެލްތުން އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހެނީއޭ، އަޅުގަނޑުމެންގެ ސިޔާސަތުތަކާ ކުޅެނީއޭ، އެކި ފަރާތްތަކަށް އެހީތައް ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގަނީއޭ،" ރައީސް މައުމޫން 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވި އެވެ. އެމަނިކުފާނު ވެސް އެ ދުވަހު އެދިވަޑައިގަތީ ދެން ރައީސްއަކަށް އަންނަ ބޭފުޅަކު ވެސް ވީހާ ވެސް އަވަހަކަށް ކޮމަންވެލްތުން ރާއްޖެ ނެރުމަށް ބާރު އެޅުމަށެވެ.
ކުޅިވަރު ފުރުސަތެއް ނޫނީ ތައުލީމީ ފުރުސަތަކެއް ލިބުނު ނަމަވެސް ރާއްޖޭގެ ދާހިލީ ކަންކަމާ އިންތިހާއަށް ބެހޭ ނަމަ އެކަމުގެ ބިރު ވަރަށް ވެސް ބޮޑެވެ. ފުރިހަމަ މިނިވަންކަމެއް ނެތި، ދިވެހި ދިދަ އެންމެ އުހުގައި ވިހުރުވޭކަށް ނެތެވެ. ކިޔަވައިގެން ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ވެސް ކުރެވޭކަށް ނެތެވެ. އެންމެ ފުރަތަމަ ކަމަކީ ގައުމުގައި ފުރިހަމަ މިނިވަންކަމެއް އޮވެ، ހަމަޖެހުން ވެސް އޮތުމެވެ. އަމާން ދިރިއުޅުމެއް އެންމެ އަސާސީ އެއް ކަމަކީ އެއީ އެވެ.
ކޮންމެއަކަސް ޗާޓަރުން ބޭރުން ރާއްޖެއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަރުކާރުން މިވަނީ ކޮމަންވެލްތުން ވަކިވެފަ އެވެ. އެކަމާ ދެން ބަހުސް ކުރުމުގެ މާނައެއް ނެތެވެ. މަޖިލީހުން ވެސް އެކަމަށް އެވަނީ ސިއްކަ ޖަހާފަ އެވެ. ދެން އަންނަ ސުވާލަކީ ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ކުރާނީ ކޮން އަސަރެއްތޯ އެވެ؟ އިހުސާސް ކުރެވޭނީ ކޮން ބަދަލުތަކެއްބާއޭ؟
އިގުތިސާދަށް އަސަރެއްކުރާނެތަ؟
މި ސުވާލަށް އިގްތިސޯދާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޖަވާބު ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ރާއްޖޭގެ އިގްތިސާދަށް އެއިން ނޭދެވޭ އެއްވެސް އަަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެއަކީ ވަރަށް ރަނގަޅަށް ވިޔަފާރީގެ މުއާމަލާތްތަކާއި ތަރައްގީގެ ހުރިހާ ކާމިޔާބީ ތަކެއް ހޯދަމުން ގެންދާ ގައުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް އަސަރެއް ނުކުރާނެ ކަމުގެ އެއް ހެއްކަކީ ވޯލްޑް ބޭންކު ފަދަ އިދާރާތަކުން ވެސް ރާއްޖޭގެ މާލީ ބާޒާރު ވަރުގަދަވެގެން އަންނާތީ، އެ ކަންކަމަށް މަރުހަބާ ކިޔުމެވެ.
"ދިވެހި ވިޔަފާރިވެރިނާއި ދިވެހި ރައްޔިތުން އެތައް ޒަމާނެއްގައި މި ގޮތަށް ކަންތައްތައް ކޮށްފައި އޮތީ، އެހެންވެ ދުނިޔޭގެ ފައިނޭންޝަލް މާކެޓުތަކުގައި އޮތް އިތުބާރު އަބަދު ވެސް އޮންނާނެ، ދުނިޔޭގެ ބޭންކުތަކުން ދެކޭ ގޮތް ބަދަލު ވެގެނެއް ނުދާނެ،" ސައީދު ވިދާޅުވި އެވެ."އައިއެމްއެފް، އޭޑީބީ ފަދަ ގައުމުތަކުން ގަބޫލުކުރޭ އަޅުގަނޑުމެންގެ ސިސްޓަމް މޮޑަނައިޒް ވަމުންދާކަން، އެހެންވެ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަމުން އެއްވެސް ނެގެޓިވް އިމްޕެކްޓެއް ނާންނާނެ،"
މިނިސްޓަރު ސައީދުގެ ވާހަކަތަކަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ތާއިދުކުރެއްވި އެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނީ ރަނގަޅު ސަބަބެއް ދެއްކުމަށްފަހު ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އެހެނަމަވެސް ކޮމަންވެލްތުން ރާއްޖެ ވަކިވެގެން އެހެން ގައުމުތަކުން ރާއްޖެއާ މެދު ފިޔަވަޅު އަޅާނަމަ ކޮންމެވެސް އަސަރެއް ކުރާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ގައުމަކުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިނުވާ ކަމަށެވެ. އަދި ކޮމަންވެލްތުން ވެސް އެ ޖަމިއްޔާއާ ރާއްޖެ އަލުން ގުޅުމަށް މަރުހަބާ ކިޔަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމާ އެކު، އިނގިރޭސި ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަން ނެރުއްވި ބަޔާނުގައި ވެސް ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވީތީ ހިތާމަ ކުރައްވާ ކަމަށާއި އެކަމަކު އިނގިރޭސިނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.
ޓޫރިޒަމް ހީނަރުވެދާނެތަ؟
"ކޮމަންވެލްތުން ވަކިވުމަކާ އަޅުގަނޑުމެންގެ އެރައިވަލްއާ އެއްވެސް ގުޅުމެއް ނެތް،" މިނިސްޓަރު ޒަމީރު މި ސުވާލަށް ދެއްވީ މި ޖަވާބެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައް އެގޮތަށް ކުރަމުންދާނަމަ ކޮމަންވެލްތުން ވަކިވިޔަސް، އޭގެ އަސަރެއް ފަތުރުވެރިކަމަށް ފޯރާނެ ކަމަށް އެއްވެސް ވަރަކަށް ނުބެލެވޭ ކަމަށެވެ. ކޮމަބްވެލްތުން ވަކިވުމާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިނގިރޭސި މާކެޓް ވެސް އަޅުގަނޑުމެންނަށް ހަމަ ރަނގަޅު، ގޯހެއް ނޫން، އިނގިރޭސިވިލާތުގައި އެވަރަށް ނެގަޓިވް ކެމްޕެއިން ކުރާ އިރު ވެސް ރާއްޖޭއަށް އޭގެ މާބޮޑު އަސަރެއް ނުކުރޭ، އެރައިވެލް ޑޭޓާއަކުން ނުދައްކާ އެކަމެއް، އެންމެންނަށް ވެސް އެނގޭ ރާއްޖެއާ ދޭތެރޭ މި އެޅޭ ފިޔަވަޅުތަކަކީ އެންމެ ހައްގުން އެޅޭ ފިޔަވަޅުތަކެއް ނޫންކަން،" ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ހާރިޖީ ގުޅުންތައް ބަލިކަށިވެދާނެތަ؟
ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވާލުމަށް ކޮމަންވެލްތުން އެހީވި ކަމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވި އެވެ. އެހެންކަމުން ކޮމަންވެލްތުން ވަކިވުމުން ހާރިޖީ ގުޅުންތަކަށް ބަދަލެއް އައިސްދާނެބާވަ އެވެ؟
މި ސުވާލުގެ ޖަވާބު ކޮންމެ ވެސް ވަރަކަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަންގެ ވާހަކައިން ލިބޭނެ އެވެ. އޭނާ ވިދާޅުވީ، ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެ އާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިނގިރޭސި ވިލާތުން އަދިވެސް ރާއްޖެއާއެކު މަސައްކަތް ކުރާނެ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތް ކޮށްދޭނެ ކަމަށެވެ.
ރާއްޖެއިން ވެސް ވަނީ މިމޭރަމުން ވާހަކަ ދައްކާފަ އެވެ. މިނިސްޓަރު އާސިމް ވިދާޅުވެފައިވަނީ އިނގިރޭސިވިލާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އަދިވެސް ދެމި އޮންނާނެ ކަމަށެވެ. އަދި އެހެން ގައުމުތަކާ އެކުވެސް އޮންނަ ހާރިޖީ ގުޅުންތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ދެ ގައުމުން ވެސް މިހެން ބުނެފައިވާއިރު ބައެއް ގުޅުންތަކަށް ކުޑަ ހީނަރު ކަމެއް އަތުވެދާނެ ކަމަށް ހާރިޖީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އެހެން ނަމަވެސް ދާހިލީ ގުޅުންތައް މުޅިން ކެނޑިގެންދާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވަ އެވެ. ހަމައެހެންމެ، ކޮމަންވެލްތްގެ އެއްވެސް ގައުމަކާ ގުޅުން ނުކަނޑާނެ ކަމަށް ރާއްޖެއިން ބުނެފައިވާއިރު، އެއިން އެއްވެސް ގައުމަކުން ވެސް ރާއްޖެއާ ގުޅުން ހީނަރުވާނެފަދަ ވާހަކައެއް ދައްކާފައެއް ނެތެވެ.
ތައުލީމާއި ކުޅިވަރުގެ ފުރުސަތުތައް ގެއްލުނީތަ؟
ކޮމަންވެލްތުން ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވަނީ މި ދެ ދާއިރާއިންނެވެ. އެހެންކަމުން ކޮމަންވެލްތުން ރާއްޖެ ވަކިވުމުން މި ދެ ދާއިރާއަށް ހީނަރުކަމެއް އަތުވެދާނެތީ ކަންބޮޑުވާ މީހުން ގިނަ އެވެ.
"ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާނީ ދިވެހި ކުޅިވަރަށް، ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭނެ ފައިދާއެއް އަޅުގަނޑަކަށް ނޭނގޭ، އަޅުގަނޑަށް އެނގެނީ ކުޅިވަރުގެ ވާހަކަ،" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގް (މަރޭ) ވިދާޅުވި އެވެ.
ތެދެކެވެ. ރާއްޖެއަށް ދެން ކޮމަންވެލްތް ގޭމްސްގައި ބައިވެރިނުވެވޭނެ އެވެ. އަދި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުންދޭ ތަމްރީނުގެ ފުރުސަތުތައް ވެސް ގެއްލުނީ އެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވުމުން ފުރުސަތުތަކެއް ގެއްލިފައިވާކަން ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެހެންނަމަވެސް އެކަމަނާ ވިދާޅުވީ، ގެއްލުނު ފުރުސަތުތައް އެހެން ގޮތްގޮތުން ހޯދައި ދެއްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކޮމަންވެލްތުން ވަކިވުމުން ކުޅިވަރަށް ލިބޭނެ ގެއްލުންތަކާ ގުޅޭ ގޮތުން ވެސް ކެބިނެޓްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ، ކޮމަންވެލްތް ގޭމްސްގައި ދެން ބައިވެރިނުވެވޭނެއިރު އެފަދަ ފުރުސަތުތައް ލިބޭ އެހެން ފެޑެރޭޝަނެއްގައި ނުވަތަ ޖަމާއަތެއްގައި ބައިވެރިވެ ފުރުސަތުތައް ހޯދުމަށް ކެބިނެޓްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"ކޮމަންވެލްތު ގޭމްސް އަށް ވުރެ ގިނަ ގައުމުތަކުން އޮލިމްޕިކްސްގައި ވާދަކުރޭ، އެ ފުރުސަތު ރާއްޖެ އަށް އަދިވެސް އެބައޮތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެސް އެބައޮތް، އެއީ ރާއްޖެ އަށް ކާމިޔާބު ހޯދޭނެ މުބާރާތެއް،" މިނިސްޓަރު ވިދާޅުވި އެވެ. "ކޮމަންވެލްތު ތެރެއިން ނުވިޔަސް ވަރަށް ގިނަ ފުރުސަތުތައް ރާއްޖެ އަށް އެހެން ގޮތްގޮތުން ހޯދާނެ، ކުރިއަށް އޮތްތަނުގައި ކުޅުންތެރިން އެހެން ގައުމުތަކަށް ފޮނުވައި ސްކޮލަޝިޕާއި ތަމްރީން ހޯދަން މަސައްކަތް ކުރާނަން،"
އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ، ފުރުސަތުތަކެއް ގެއްލުނު ނަމަވެސް އެހެން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން އެހެން ދިމާތަކުން ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައި، މިހާރު ލިބެމުން އަންނަ ސްކޮލަޝިޕްތައް އިތުރުކުރަން މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެގޮތުން އެންމެފަހުން ރައީސް އަބްދުﷲ ޔާމީން ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ގައުމުން މަތީ ތައުލީމުގެ 300 ސްކޮލަޝިޕް ރާއްޖެއަށް ދޭން ނިންމާފައިވާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
އަނެއްކާވެސް ކުރިން ކުރި ސުވާލަށް ޖެހިލަމާ ހެއްޔެވެ؟ ކޮމަންވެލްތުން ވަކިވުމަށްފަހު އިހުސާސް ކުރެވެނީ ކޮން ބަދަލެއް ހެއްޔެވެ؟ ބަދަލުވީ މިކަންކަމެވެ. ބިރުވެރިކަން ނެތުމެވެ. ފިޔަވަޅު އަޅައިދާނެ ކަމުގެ ބިރު ނެތުމެވެ. ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު ގެއްލުމެވެ. އެހެން ބަދަލެއް އަދި އިހުސާސްއެއް ނުކުރެވެ އެވެ.