ހަބަރު

ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓް ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތިލަފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ދެވެން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓާއި އެހެނިހެން ވެސް އަސާސީ ހިދުމަތްތައް ދިނުމަށް "ތިލަފުށި އެކްސެސް ރޯޑް ޕްރޮޖެކްޓް"ގެ އެއްބަސްވުންތަކުގައި ތިން ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަފުށި ކޯޕަރޭޝަނުން ސޮއިކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯ އެވެ. ސްޓެލްކޯއާ އެކު ސޮއިކުރީ ހިއްކާފައިވާ ސަރަހައްދުގައި އަލަށް ކަނޑައެޅި ޒޯންތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށެވެ. އެމްޑާބްލިޔުއެސްސީއާ އެކު އެއްބަސްވީ ފެނުގެ ނިޒާމެއް އެ ސަރަހައްދުގައި ގާއިމް ކުރުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް އެވެ. އެހެން ކުންފުނިތަކުގެ ފަރާތުން އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކާ ގުޅިގެން ތިލަފުށި ކޯޕަރޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ވަސީމް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ތިލަފުއްޓާއި އެތަނާއި ގުޅުވައިގެން ހިއްކާފައިވާ ޒޯންތައް އޮތީ ވަރަށް ބޮޑަށް ބާކީކޮށްލެވިފައި ކަމަށެވެ. އެންމެ ކުޑަމިނުން އަގުހެޔޮކޮށް ކަރަންޓު ލިބޭނެ ގޮތެއް ވެސް އެ ޒޯންތަކުގައި ގާއިމްކުރެވިފައި ނުވާތީ މިއަދު ފަށާ މަޝްރޫއުގެ ސަބަބުން ގިނަ ފައިދާތަކެއް މުސްތަގްބަލުގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ،

އެގޮތުން މުޅިން އަލަށް 127 ހެކްޓަރުގެ ބިމެއް ތިލަފުށި ކޯޕަރޭޝަންގެ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، މިހާރު ހިއްކާފައިވާ ޒޯންތަކުން އިތުރު ވިޔަފާރިވެރިންނަށް ބިން ދޫކުރުމަށް ތައްޔާރުވަމުން ދާއިރު އެ މަސައްކަތްތައް ފުރިހަމަ ކުރެވެން އޮތީ މަގުގެ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަގުގެ ސަބަބުން، އެ ސަރަހައްދަށް ގެންދަން ބޭނުންވާ ތަކެތި ގެންދިއުމަށް ފަސޭހަވާނެ އެވެ. ސްޓެލްކޯގެ ކަރަންޓު ގާއިމްވުމުގެ ސަބަބުން މުވައްޒަފުންނަށް ވެސް މަސައްކަތްތަކުގައި ކުރިއަށްދިއުން ފަސޭހަވެ، ފެނާއި ނަރުދަމާ ގާއިމްކުރެވުމުގެ ސަބަބުން އެތަނުގެ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ "ކޯޒްވޭގެ" ބަދަލުގައި އެތަނުގައި 820 މީޓަރު ދިގު، 30 މީޓަރު ފުޅާ އަދި 14 މީޓަރު ޕޭވްކޮށްގެން ތާރު އެޅި މަގެއް ހަދާނެ އެވެ. އަދި އެ މަގުގައި ރަނގަޅު ފެންވަރެއްގެ ޝޯ ޕްރޮޓެކްޝަނެއްވެސް ލާނެ އެވެ. ތިލަފުށި ކޯޕަރޭޝަންގެ އަމިއްލަ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ. އެ މަސައްކަތްތައް ކުރިއަށް އޮތް ދިހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނާސިފް ވިދާޅުވީ، ޒޯންތަކަށް އެކްސެސް ވުމަށް ހަދާފައި އޮންނަ ކޯސްވޭ ރަނގަޅު ފެންވަރަކަށް ހަދާފައި ނެތުމުން މިހާރު އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ. މިއަދު ފެށި ޕްރޮޖެކްޓްގެ ސަބަބުން ތިލަފުށީގެ މަސައްކަތްތައް ފުޅާވެ ތަރައްގީވެގެންދާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.