ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށިން ބިން ކުއްޔަށްދޭ އަގު ބޮޑުކުރަން ޖެހޭ: ނާސިފް

ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު "އަވަސް" އަށް މިއަދު އިންޓަވިއު ދެއްވަނީ. -- އަވަސް ފޮޓޯ: އަހުމަދު ޝައްފާފު
0%
0%
0%

ތިލަފުށީގެ ބިމުގެ ކުއްޔަކީ ފައިދާއެއް ނުލިބޭ މިންވަރަށް ދަށްކޮށްފައިވާ ކުއްޔެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަގު އަގު ބޮޑު ކުރުމަށް ވިސްނަމުންދާ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފި އެވެ.

ތިލަފުށީ މަޝްރޫއެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވީ، ތިލަފުއްޓާއި މާލެ ކައިރި ސަރަހައްދުތަކުން ބިން ދޫކުރާ ރޭޓަށް ބަލާއިރު ތިލަފުށީގެ ބިމުން އެއް ރުފިޔާ ނެގުމަކީ ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މާލެއާ ހުޅުމާލެ ފަދަ ތަންތަނުން ވިޔަފާރީގެ ބޭނުމަށް ނުވަތަ ގުދަން ކުރުމަށް ދޫކުރާ ތަންތަނުން 50ރ. 80ރ. އާ ދެމެދުގެ އަގެއް އަކަ ފޫޓަކަށް ނަގަމުންދާއިރު ތިލަފުށީގެ ކުލި އެއް ރުފިޔާގައި އޮތުމަކީ އެތަނުން ލިބެންޖެހޭ ހަގީގީ މަންފާ ހާސިލްކުރުމަށް އެޅިފައި އޮތް ބޮޑު ހުރަހެއް ކަމަށެވެ.

ތިލަފުށިން ވިޔަފާރިތަކަށް ދޫކުރާ ބިންތަކުން ފޫޓަކަށް ރުފިޔާއެއް ނަގަމުންދާއިރު މާލޭގައި އެ އަގު އާންމުކޮށް އުޅެނީ 50-80ރ އާ ދޭތެރޭގަ އެވެ. ހުޅުމާލޭގައި ނަމަ ވިޔަފާރިތަކަށް ދޫކުރާ ބިންތަކުން ސްކޮއާ ފޫޓަކަށް ނަގަނީ 8ރ އެވެ. ގުޅީފަޅުން އާންމުކޮށް މި ރޭޓް އުޅެނީ 3-5ރ. އާ ދޭތެރޭގަ އެވެ.

ނާސިފް ވިދާޅުވީ ތަރައްގީއާ އެކު ކުރިއަށްދާން ވިސްނާނަމަ އެ އަގު ކުޑަކޮށް ނަމަވެސް މަތިކުރަން ޖެހޭ ކަމަށެވެ.

"އެއް ރުފިޔާގައި ތިބެން ބޭނުންކަމަށް ވަންޏާ ތިބެންވީ. އެކަމަކު އެކަން އެގޮތުގައި ބާއްވައިގެނެއް ކުރިއެއް ނޭރޭނެ. ތަރައްގީއާއެކު ކުރިއަށްދާ ކަމަށް ވަންޏާ ވެލިއު އެޑެޑް ހިދުމަތްތަކެއް ތަނަށް ގެންނަން ޖެހޭ. ކުލި ވެސް އަގު ބޮޑު ކުރަން ޖެހޭ. އެންމެ ދަށް ވެގެން ސްކޮއާ ފޫޓަކަށް އެ ނަގާ އެއް ރުފިޔާ ތިން ރުފިޔާ އަށް ބަދަލު ކުރަންޖެހޭ،" ނާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ތިލަފުށި އޮތީ ވަރަށް ބޮޑަށް ބާކީ ކޮށްލެވިފައި ކަމަށެވެ. ނަމަވެސް އެތަން ތަރައްގީކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ އެތަނަކީ ވިޔަފާރިވެރިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް ތަރައްގީކުރާ ތަނަކަށް ހެދުމަށް ކަމަށެވެ.

"މިއަދުވެސް ފެންނަނީ ބައިވަރު ދަތިތަކެއް. ދަތި ފެންނަނީ ވިޔަފާރިވެރިންގެ ނަޒަރުން. ތިލަފުއްޓަކީ އަޅާ ނުލެވި އެތަނުން ލިބެންޖެހޭ އެންމެ ފުރިހަމަ މަންފާ ހޯދަން މިއަދާ ހަމަޔަށް ވެސް މަސައްކަތް ނުކުރެވި އޮތް ތަނެއް. ބައެއް ކަހަލަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި އެއާ ގުޅުންހުރި ހިދުމަތްތަކެއް ނެތް ކުރިއަށް ގެންގޮސްފަ އެއް. މިސާލަކަށް ޓީއައިޒެޑް ތަރައްގީކޮށް އެތަނުން ބިން ކުއްޔަށް ދިން އިރުވެސް އެތަނަކު ނެތް ފެނާއި ކަރަންޓު ލިބޭނެ ގޮތެއް،" ނާސިފް ވިދާޅުވި އެވެ.

ނާސިފް ވިދާޅުވީ ތިލަފުށީގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ކުރިން އަޅާ ނުލެވި ދޫކޮށްލެވިފައި ހުރި ކަންކަން ރަނގަޅު ކުރުމަށް ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން ވިޔަފާރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތިލަފުށީގެ އާންމު ގަވާއިދަށް ބަދަލުތަކެއް ގެނެސް، އެތަނުގައި ފުލުހުންގެ މަރުކަޒެއް ގާއިމްކޮށް ފުލުހުންނަށް އެތަނުގައި ހަރަކާތްތެރިވެ އުޅެވޭނެ ހަދައިދީފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށް ބޭނުންވާ ވަސީލަތްތައް އެމްއެންޑީއެފަށް ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތިލަފުއްޓަށް ދެން އެންމެ އަވަހަށް އަންނާނީ ބަލި މީހުން ބަލާ ކްލިނިކެއް ކަމަށެވެ. ތިލަފުށީގައި މިހާރުވެސް 4000 އެއްހާ މީހުން ދިރިއުޅެމުންދާއިރު އެ ރަށުގައި ބަލިތަކަށް ފަރުވާ ދެވޭ ކްލިނިކެއް ހުޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތް ދެ އަހަރަށް ރާވާފައިވާއިރު، އެތަނަށް އެމްޕީއެލްގެ ބަނދަރު ބަދަލުކޮށް ހިދުމަތް ފަށައިގަތުމާއެކު މިހާރު ލިބޭ އާމްދަނީ ހަތް ގުނައަށް އިތުރުވެގެންދާނެ ކަމަށް ނާސިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މިއަދު 50 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ކުންފުންޏެއް. މި ވަރުގެ ޕްރޮޖެކްޓްތަކެއް ނިމިގެންދާއިރު އެ އާމްދަނީ 400 މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ، އެވަރުގެ އާމްދަނީއެއް ތިލަފުށިން ނެރެވޭނެ،" ނާސިފް ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345