ޕެންޝަން އޮފީސް

ޕެންޝަން ސްކީމްގެ ގަވާއިދު އިސްލާހުކޮށް، ޖޫރިމަނާ ކުޑަކޮށްފި

ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ގަވާއިދު އިސްލާހުކޮށް އެ ގަވައިދުގެ ދަށުން ކުރަމުން އައި ޖޫރިމަނާތަކުގެ އަދަދުތައް ކުޑަކޮށްފި އެވެ. މިއީ މި ގަވައިދަށް އިސްލާހެއް ގެނައި ފުރަތަމަ ފަހަރެވެ. ގަވައިދުގައި އިސްލާހުކޮށްފައިވަނީ 31 ވަނަ މާއްދާއާއި 34 ވަނަ މާއްދާ އެވެ.

މިކަމާ ގުޅިގެން މިއަދު ޕެންޝަން އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އިސްލާހުގެ މަގުސަދަކީ އެކިއެކި ސަބަބުތަކާހުރެ، މި ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތައް ސްކީމުގައި ބައިވެރިވުމަށް ހުރި ދަތިތަކަށް އިދާރީ ގޮތުން ލުޔެއް ދިނުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާތަނަށް ސްކީމުގައި ބައިވެރިނުވެ ތިބި ފަރާތްތަކަށް ސްކީމުގައި ބައިވެރިވުމަށް ހިތްވަރު ދީ، ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަކީ ވެސް މި ސްކީމުން ފައިދާ ލިބެމުންދާ މުވައްޒަފުން ކަމުގައި ވުމަށް ބާރަކަށް ހެދުމަށް ކަމަށެވެ.

ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބައިވެރިނުވާ ފަރާތަކުން ބައިވެރިނުވެ ފާއިތުވެގެންދާ ކޮންމެ މަހަކަށް ނެގުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއެވެ. ނަމަވެސް، މިހާރު ގަވާއިދަށް މިގެނެވުނު އިސްލާހާ ގުޅިގެން ވަޒީފާދޭ ފަރާތްތައް މި ސްކީމުގައި ބައިވެރިނުވާ ނަމަ، ޖޫރިމަނާ ގޮތުގައި ނެގޭނީ ޖުމުލަ 500 ރުފިޔާއެވެ.

މީގެ އިތުރުން ވަޒީފާ ދޭ ފަރާތުން މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑުތައް ބަލަހައްޓަމުން ގެންގޮސްފައި ނުވާތީ، ކުރިން ޖޫރިމަނާ ކުރެވެމުން ދިޔަ އަދަދަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ކުރިން ޖޫރިމަނާ ކޮށްފައިވަނީ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، 500 ރުފިޔާއާއި 50,000 ރުފިޔާ ދެމެދު އަދަދެވެ. ނަމަވެސް، މިގެނައި އިސްލާހާ ގުޅިގެން ވަޒީފާ ދޭ ފަރާތް މިހާރު ޖޫރިމަނާ ކުރެވޭނީ ޖުމުލަ އަދަދަކީ 1,000 ރުފިޔާއެވެ.

ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ގަވާއިދަށް އިސްލާހު ގެނެސް އެ ގަވާއިދުގެ ދަށުން ކުރެވޭ ބައެއް ޖޫރިމަނާތައް ކުޑަކުރެވިފައިވީނަމަވެސް މިކަމުގެ ސަބަބުން މި ސްކީމުގެ ބައިވެރިން ކަމުގައިވާ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަމުގެ އެއްވެސް ގެއްލުމެއް ލިބެމެއް ނުވާނެ ކަމަށް ޕެޝަން އޮފީހުން ބުންޏެވެ. އެފަރާތްތަކަށް ހައްގުވާ މަންފާ އެފަރާތްތަކަށް މިހާރުވެސް ލިބެމުންދާ ގޮތުގެ މަތީން ބަރާބަރަށް ލިބެމުންދާނެ ކަމަށެވެ.