ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމް މައްސަލަ މައުމޫން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން މިއަދު އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މައްސަލާގައި ޝަރީއަތް ފެށިއިރު މައުމޫން ވަނީ މައްސަލާގެ ތެރެއަށް ތަދައްހުލްވެފަ އެވެ.

އެ މައްސަލާގައި ހައިކޯޓުން ނިންމީ، ސިވިލް ކޯޓުގެ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ގާނޫނާއި ޝަރުއީ ހަމަތަކާ އެއްގޮތް ކަމަށެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކުރުމާ ގުޅިގެން ހައިކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ހައިކޯޓުގެ ނިންމުމާމެދު ހިންހަމަނުޖެހޭ ކަމަށެވެ.