ރައީސް އަބްދުﷲ ޔާމީން

"އެމްޑީޕީއަކީ އަނިޔާވެރި ތިން އަހަރު، އަލުން އެބޭނުމެއް ނޫން"

  • އެމްޑީޕީއާއެކު މަސައްކަތް ކުރުން ގަބޫލެއް ނުކުރަން
  • އަދާލަތާއި ޖުމްހޫރީ ޕާޓީ ފިލާވަޅެއް ލިބިގަންނަން ޖެހޭ
  • އެމްޑީޕީއާއު އެއްވެސް އަލި މަގެއް ފެނިފައެއް ނެތް

އެމްޑީޕީން ރާއްޖޭގައި ވެރިކަންކުރި ތިން އަހަރަކީ އަނިޔާވެރި، ނުތަނަވަސް ތިން އަހަރު ކަމަށާއި އެ ތިން އަހަރު އަލުން ތަޖުރިބާ ކުރަން ރައްޔިތުން ބޭނުންނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

މަކުނުދޫގައި އަލަށް ހުޅުވި، މިސްކިތާއި ބަނދަރު ހުޅުވައިދެއްވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ ވެސް އަދި މަސައްކަތަކީ ވެސް އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެހެންނަމަވެސް ކުރިން ވެރިކަން ކުރި އެމްޑީޕީ ސަރުކާރުން ބައެއް ރަށްތައް ބާކީކޮށް، ރައްޔިތުން ހިތް ނުތަނަވަސްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި މިއަދު އޮތް ސިޔާސީ ހަލަބޮލިކަމާއެކު ވެސް ރައްޔިތުން އެއްބަސްވާނެ އެއް ކަމަކީ އެމްޑީޕީން ރާއްޖޭގައި ވެރިކަންކުރި ތިން އަހަރު އަލުން ތަޖުރިބާކުރަން ބޭނުން ނުވުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެއްބަސްވާނެ އެއްކަމަކީ އެ އަނިޔާވެރި އެއްވެސް ރަހުމެއް ނެތް އެ ތިން އަހަރު، އެ އުދުވާނާއެކީ އެކަހަލަ ތިން އަހަރެއް ތަކުރާރުވެގެން ދިޔުމަކީ ގިނަ ރައްޔިތުން އެދޭނެ ކަމެއް ނޫން، އޭގެ ޖިހާދުގައި އަޅުގަނޑުމެންގެ ގިނަ ޕާޓީތަކެއް އެ ދުވަހު ނިކުތީ، އޭގެ ތެރޭގައި އަދާލަތު ހިމެނޭ ޖުމްހޫރީ ޕާޓީ ހިމެނޭ އަޅުގަނޑުމެންގެ ޕާޓީ ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

"މުޅި ރާއްޖެއަށް އާންމުވެގެން ދިޔަ ތިން އަހަރުގެ ދުއްތުރާ... އެއާއެކު ހުރިހާ ތަހުޒީބެއް ހުރިހާ ކުރިއެރުމެއް އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީ، އިހުތިރާމާއި އަޅާލުމާއި މީހުންނަށް އޮންނަ ލޯތްބާއި ކުލުނާއި، މަރާމާތު ކުރުމާއި ތަރައްގީ ކުރުން މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ބީވެގެން ދިޔަ ތިން އަހަރު އަޅުގަނޑުމެން ތަޖުރިބާ ކޮށްފިން، ހިތި މާޒީއެއް އެބަ އޮތް،"

އެމްޑީޕީއާ އެއް މޭޒަކަށް އަރައިގެން ނުވާނެ

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ ރައްޔިތުންނަށް އެތައް ގިނަ ދުއްތުރާތަކެއް ކޮށްފައިވާ ޕާޓީއަކަށްވާއިރު އެ ޕާޓީއާއެކު ޕީޕީއެމް މަސައްކަތް ކުރުމަކީ ޕާޓީގެ އެއްވެސް މެންބަރަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، މުއައްސަސާއެއް ޖަވާބުދާރީ ކުރުވަން ކަމަށް ވިޔަސް އެމްޑީޕީއާ އެއް މޭޒަކަށް ޕީޕީއެމް އަރައިގެން ނުވާނެ ކަމަށެވެ. ރައީސް އިޝާރަތް ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ނުދޭ މައްސަލާގައި އެމްޑީޕީއާ ގުޅިގެން ޕީޕީއެމުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި މައްސަލައަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވަނީ އުސޫލުތަކެއްގެ މަތިން، އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ ކަމަކީ މި ދެންނެވި ޕާޓީއާއެކީ [އެމްޑީޕީއާއެކީ] ވާހަކަ ދައްކައިގެން ދިވެހި ރައްޔިތުންގެ ހައްގުގައި އިހުލާސްތެރި އެއްވެސް މަސައްކަތެއް ކުރެވިދާނެ ކަމަށް، ހަމަ ގައިމު ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މާޒީގައި އެކަން އަޅުގަނޑުމެންނަށް ފެނިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެކަމާ މެދު އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވިސްނައި ފިލާވަޅު ލިބިގަތުމަށް ވެސް ރައީސް ގޮވާލެއްވި އެވެ. ވިދާޅުވީ، އެމްޑީޕީގެ އަމަލުތައް އެމަނިކުފާނާއި އެމަނިކުފާނުގެ ވަޒީރުންނާއި މެންބަރުން ދުވަހަކު ވެސް ހަނދާނުން ނައްތާނުލާނެ ކަމަށެވެ.

އަދި ވިދާޅުވީ، އެމްޑީޕީއާއެކު އެކި ފަހަރު މަތިން ރައްޔިތުންގެ ހައްގުގާ މަޝްވަރާކުރަން މަސައްކަތްތަކެއް ކުރެވުން ކަމަށާއި ނަމަވެސް އެއިން އެއްވެސް ނަތީޖާއެއް ނުނެރުވުން ކަމަށެވެ. އަދި، ނަތީޖާއެއް ނެރުމަށް އެމްޑީޕީއިން މަގުވެސް ނުދެއްކި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސިޔާސީ ފެނުމުގެ ފުސްކަން އިތުރެގެން ދިޔަ ދިޔާނުން އަޅުގަނޑުމެންގެ ތެރެއިން ވެސް ގިނަ ބަޔަކު އެމީހުންނާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ތަން، އެއީ އަޅުގަނޑާއެކު މަސައްކަތްކުރާ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން ކުރާނެ ކަމެއް ނޫން، އެކި ފަހަރު މަތިން އަޅުގަނޑުމެން މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާކުރަން މޭޒު ދޮށުގައި އިށީނދެއްޖައިން، ކުރިއަށް ދާނެ މަގެއް އެއްވެސް ވަރަކަށް ނުފެނުނު، ނުވެސް ދެއްކި،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ދުވަހަކު ވެސް އެމްޑީޕީއާއެކު މަސައްކަތް ކުރުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކުރިއެރުމަށް އެ ޕާޓީއާއެކު މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލު ވެސް ނުކުރެއްވާ ކަމަށް ވިދާޅުވި އެވެ.