އެޗްޑީސީ

ސެންޓްރަލް ޕާކްގެ ޖިމް ޕްލެޓްފޯމްގެ މަސައްކަތް ނިމިއްޖެ

ހުޅުމާލެ ސެންޓްރަލް ޕާކް ޖިމް ސަރަހައްދުގެ ޕްލެޓްފޯމް ނިމިއްޖެ ކަމަށާއި އެތަނަށް ބޭނުންވާ އިކުއިޕްމަންޓް މި ހަފުތާގެ ތެރޭގައި އިންސްޓޯލްކުރާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހަތަރު ސެކްޓަރަކަށް ބަހާލައިގެން ތަރައްގީކުރާ ޕާކުގެ ރެކްރިއޭޝަނަލް ޒޯންގައި ޖިމް އޭރިއާއެއް ހަދަން ނިންމައި އެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. ސެންޓްރަލް ޕާކަކީ މިހާރުވެސް ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ކަސްރަތު ކުރުމަށް ގޮސް އުޅޭ މައިދާނެކެވެ.

އެޗްޑީސީން ބުނީ، ޖިމް އޭރިއާގައި ހަދާ ގްރައުން ސްލެބް މިހާރު ނިންމާފައިވާ ކަމަށާއި މި ހަފްތާގެ ތެރޭގައި ކަސްރަތު ކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް އެތަނުގައި ހަރުކުރާނެ ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން އެތަން ރަސްމީކޮށް ހުޅުވައިލާނެ ކަމަށެވެ.

ސެންޓްރަލް ޕާކުގެ ޖިމް ހަދަނީ އެތަނުގައި އެއްފަހަރާ 32 މީހުންނަށް ކަސްރަތު ކުރެވޭނެ ގޮތަށެވެ. ކަސްތަރުކުރަން ބޭނުންކުރާ ތަފާތު 18 އިކުއިޕްމަންޓް އެތަނުގައި އިންސްޓޯލް ކުރާއިރު، މުޅި ސަރަހައްދު ސަތޭކައެއްހާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް، ކަސްރަތު ކުރުމަށް ހާއްސަ ޑެކެއްގެ އިތުރުން އައުޓް ޑޯ ކުޅިވަރު ކުޅޭނެ ސަރަހައްދެއް ވެސް އެތަނުގައި ގާއިމްކުރާނެ އެވެ.