ރިޕޯޓް

ޖީއެމްއާރާ ނުލައި އެއާޕޯޓުގެ ތަރައްގީ ކިހިނެއް؟ ފައިދާވޭތަ؟

  • ޖީއެމްއާރު ހިންގި އިރު ސަރުކާރަށް 400 މިލިއަން ރުފިޔާ
  • މިހާރު ފައިދާ އެއް ބިލިއަނަށްވުރެ މަތި
  • ޖީއެމްއާރު އެދުނީ 1.4 ބިލިއަން ޑޮލަރަށް

ދެހާސް ދިހަ ވަނަ އަހަރުގެ މެދު ޖެހުނުތަނާ، އޭރުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުމުގެ ލަގަން، އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދޫކޮށްލި އެވެ. މިއާއެކު ދިވެހިން އެކަމާ ދެކޮޅަށް ތެދުވީ އެވެ. ދެކޮޅު ހަދަން ކަނޑުމަތީ މުޒާހަރާތަކާއެކު، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" އަންބާ ފެށި އެވެ.

އޭގެ ދެ އަހަރު ފަހުން ސަރުކާރު ބަދަލުވެ، ޖީއެމްއާރު އަތުން އެއާޕޯޓު ވެސް އަތުލައިފި އެވެ. ދެން ފެނުނީ، ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ ކުންފުނިން މައްސަލަ ވެއްދި ތަނެވެ. އެ މައްސަލަ ވައްދާފައިވަނީ ރާއްޖޭގެ އެއް އަހަރުގެ ބަޖެޓާ ގާތްގަނޑަކަށް އެއް ވަރުގެ އަދަދެއް ޖަހައިގެންނެވެ. އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (ގާތްގަނޑަަކަށް 21.5 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ނަމަވެސް ސަރުކާރުން އޭރު ވެސް ބުނަމުން ދިޔައީ އެވަރު ދޭން ނުޖެހޭނެ ކަމަށެވެ. ސަރުކާރުގެ ބައެއް ވެރިން 300 މިލިއަނެއްހާ ޑޮލަރު ދޭން ޖެހޭނެ ކަމަށް އޭރު ލަފާކުރި އެވެ. ހަތަރު އަހަރު ދުވަހު ސިންގަޕޫރު އާބިޓްރޭޝަންގެ މޭޒުމަތީގައި މައްސަލަ ތެޅުވުމަށްފަހު، އެ ވަނީ މައްސަލަ ނިންމާފަ އެވެ. ނިންމީ ދިވެހި ސަރުކާރުން ދައްކަން ޖެހެނީ 250 މިލިއަން ޑޮލަރު ކަމަށެވެ. ސުވާލަކީ އެ ކުންފުންޏާ ނުލައި އެއާޕޯޓްގެ މުސްތަގުބަލު އޮތީ ކިިހިނެއް ހެއްޔެވެ؟ މިފައިސާ ދެއްކޭނެ ހެއްޔެވެ؟

"ޖީއެމްއާރުން ހިންގިއިރު، 300-400 މިލިއަން ރުފިޔާ ލިބުނީ. ނަމަވެސް އަޅުގަނޑުމެން [އެމްއޭސީއެލް] އިން އެއާޕޯޓް ހިންގަން ފެށުމުން ޓެކުހާއި ހުރިހާ އެއްޗެއް ކެނޑުމަށްފަހު އެއް ބިލިއަނަށް ވުރެ ފައިދާ މަތި. އެހެންވެ އަދަދު ތަކުން އެނގެން ދެއްތޯ އެ ހުރީ ފައިދާވާ ވަރު؟،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވި އެވެ.

ރާއްޖޭގެ މައިދޮރާށި، ކަމަށްވާ އައިއެންއައިއޭ ހިންގުން ޖީއެމްއާރުގެ އަތުން ނެގުމާއެކު، އެ ކުންފުނިން އެދިފައިވަނީ ބަދަލުގެ ގޮތުގައި 21 ބިލިއަނެއްހާ ރުފިޔާ ހޯދުމަށެވެ. މިއީ ދައުލަތުގެ ބަޖެޓާވެސް ނުބައްދަލު އަދަދެކެވެ. ނަމަވެސް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އައީ އެ އަދަދު ދޭން ނުޖެހޭނެ ކަމަށެވެ.

ދެހާސް ސާދަ އެޕްރީލް 13، ވަނަ ދުވަހު ޖަޕާނަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން ރައީސް އަބަދުﷲ ޔާމީން ވިދާޅުވެފައިވަނީ ޖީއެމްއާރުން އެދެނީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެ ވަރުގެ ބަދަލެއް ދެވެން ނެތް ކަމަށެވެ.

"ޖީއެމްއާރުގެ ވިސްނުމުގައި ވަރަށް ބޮޑު ބަދަލަކަށް މި އަހަނީ. އެ ވަރުގެ ބަދަލެއް [1.4 ބިލިއަން ޑޮލަރު] ދެވިދާނެ ކަމަކަށް ވެސް އަދި ކޮންމެހެން ދޭންވާނެ ކަމަކަށް ވެސް އަޅުގަނޑުމެން ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑުމެން މި އުޅެނީ އަދަދު ދިމާނުވާތީ،" ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސްގެ މި ވާހަކަފުޅު ތަކަށް ބަލާއިރު، ޖީއެމްއާރުން އެދުނު 1.4 ބިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ނަގައިދޭން ނުޖެހޭނެ ކަމުގެ ޔަގީންކަން އެއިރު ވެސް ސަރުކާރަށް އޮތް ކަމަށް ބުނެވިދާނެ އެވެ. ސިންގަޕޫރު އާބިޓްރޭޝަންގެ ނިންމުން އެންމެ ފަހުން އައިސްފައި މިވަނީ 250 މިލިއަން ޑޮލަރަށް ކުޑަ ވެގެން ގޮސްފަ އެވެ. މީގެތެރޭގައި އެ ކުންފުނިން އެކްސިސް ބޭންކުން ނެގި 160 މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމަނާފައިވެ އެވެ. ސުވާލަކީ މި އަދަދު މަދުވުމަކީ ރާއްޖެ އަށް ލިބުނު ކާމިޔާބެއް ހެއްޔެވެ؟

"އަވަސް" ވާހަކަ ދައްކަވަމުން އެމްޑީ އާދިލް ވިދާޅުވީ އާބިޓްރޭޝަން މިގޮތަށް ނިންމުމަކީ ރާއްޖެ އަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އެއީ ރާއްޖެއިން ދޭން ޖެހުނީ ޖީއެމްއާރުން އެދުނު އަދަދަށް ވުރެ ކުޑަ އެއްޗަކަށް ވުމެވެ.

"އާބިޓްރޭޝަން ފެށީ 1.4 ބިލިއަން ޑޮލަރުން މި އަދަދު 250 މިލިއަން ޑޮލަރަށް ދިޔައުމަކީ ނިސްބަތުން ލިބުނު ކާމިޔާބީއެއްގެ ގޮތުގައި،" އާދިލް ވިދާޅުވި އެވެ.

ޖީއެމްއާރު އެއާޕޯޓް ޕްލޭންގައި ބާގަނޑުތަކެއް

އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަކީ އެއާޕޯޓު ހިންގުމުގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ގާބިލްކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތް ކުންފުންޏެއް ނޫނެވެ. ނަމަވެސް އައިއެންއައިއޭގައި އެ ކުންފުނިން ހަދާފައިވާ ޕްލޭންތަކުގައި ފޫނުބެދޭ އެތަށް ކަމެއް ހުރިކަން ފާހަގަ ކުރެވެ އެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ ޕެސެންޖަރު ޓާމިނަލް އެޅުމަށް ޖީއެމްއާރުން ނިންމާފައިވާ ސަރަހައްދަކީވެސް އެކަށީގެންވާ ސަރަހަދެއް ނޫން ކަމެވެ.

އެ ކުންފުނިން އާ ޕެސެންޖަރު ޓާމިނަލް އަޅަން ނިންމާފައި އޮތީ ކޮންޓްރޯލް ޓަވަރު ހުންނަ ސަރަހައްދުގަ އެވެ.

"އާ ޓާމިނަލް އަޅަން ހެދި ސަރަހައްދަށް ދޯނި ފަހަރު ކައިރިކޮށްގެން ޕެސެންޖާ މޫވްމެންޓް ހިންގަން ދަތިވާނެ ކަމަށް ބެލެވެނީ. އެ ޕްލޭންގައި އޮތީ ދޯނިން ފަސިންޖަރުން އައީމަ ބަހެއްގައި ގެންދާ ގޮތަށް. މިއީ ވަރަށް އިން-ކޮންވީނިއަންޓް ކަމެއްހެން ހީވަނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނެއް މައްސަލައަކީ ޖީއެމްއާރު ޕްލޭންގައި އާ ރަންވޭއެއް އެޅުމުގެ ޕްލޭން ނެތުމެވެ. އެކަމަކު ރާއްޖޭގެ އެއާޕޯޓަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ އާ ރަންވޭ އެކެވެ. އެއީ އެއާޕޯޓްގައި މިހާރު ބޭނުން ކުރާ ރަންވޭ މާ ބޮޑަށް ގިނަ ދުވަސްވެ ބާވެފައިވުމެވެ. އެކަމަކު އެކަމަށް ޖީއެމްއާރުގެ ޕްލޭންގައި ފަރުވާއެއް ދީފައެއް ނުވެ އެވެ.

"މި އެއާޕޯޓުގައި ރަންވޭއެއް މުހިންމު. މިހާރުވެސް މަތީގައި ބޯޓުތައް ހޯލްޑް ކުރަން ޖެހުމާއި، ފްލައިޓްތައް ފުރުމުގައިވެސް ނަގާ ޑިލޭއަކީ ސިންގަޕް ރަންވޭގެ މައްސަލަ. މި އެއާޕޯޓުގައި ހަތް މިލިއަން ޕެސެންޖަރު ޓާމިނަލްއެއް އެޅިނަމަވެސް އެހެންވެ މިއީ ސޮލިއުޝަނެއް ނޫން. އެހެންވެ ޕެސެންޖަރު ޓާމިނަލްއާއެކު އަންނަން ޖެހޭ ރަންވޭއެއް. އެހެންނޫނީ ޕެސެންޖަރުން އިތުރެއް ނުކުރެވޭނެ؟ ސުވާލަކީ އެހެންވެއްޖެނަމަ އިތުރުވާ ފްލައިޓްތަކަށް ހިދުމަތްދޭނީ ކިހިނެއްހޭ؟،" އާދިލް ވިދާޅުވި އެވެ.

"މިހާރުގެ އޮޕަރޭޝަންގައިވެސް ބޯޓުތައް ޑިލޭވެގެންދޭ. ފްލައިޓްތައް ހޯލްޑް ކުރަން ޖެހޭ. އެހެންވެ މުސްތަގުބަލުގައި ޓާމިނަލް ބޮޑުކޮށްފަ ހިދުމަތް ނުދެވޭނަމަ ކޮބައިތޯ ފައިދާއަކީ."

އެއާޕޯޓު ތަރައްގީ މިހާރު އޮތް ހިސާބަކީ ކޮބާ؟

"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ގޮވުމަށްފަހު، ޖީއެމްއާރު ފައްސާލާފައި، އެއާޕޯޓުގެ ތަރައްގީ މިހާރު އޮތީ ކޮން ހިސާބެއްގައި ހެއްޔެވެ؟ ޖީއެމްއާރަށްފަހު ދިވެހިން އެއާޕޯޓު ތަރައްގީ ކުރުމުގެ ހުވަފެން ދޫކޮށްލީއެއް ނޫނެވެ. ސަރުކާރުން މިހާރުވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލެއް އަޅާނެ އެވެ. އަދި އާ ރަންވޭއެއް އެޅުމުގެ އިތުރުން ތެޔޮ ރައްކާކުރާނެ ފިއުލް ފާމްއަކާއި ކާގޯ ޓާމިނަލެއް ވެސް ތަރައްގީ ކުރާނެ އެވެ. މި މަޝްރޫ އަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތެރޭގައި ކުވައިތު ފަންޑުން ދީފައިވާ 50 މިލިޔަން ޑޮލަރުގެ ލޯނަކާއި ސައުދީ ފަންޑް ދިން 100 މިލިޔަން ޑޮލަރުގެ ލޯނެއް ހިމެނެ އެވެ. އަދި ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން ވެސް 373 މިލިޔަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. މި ހުރިހާ ލޯނެއްވެސް ނަގާފައިވަނީ ކުޑަ އިންޓަރެސްޓް ރޭޓުގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށެވެ.

އެއާޕޯޓް ތަރައްގީގެ ހުލާސާ

  • އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
  • ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
  • އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
  • އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
  • އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
  • ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9

މި މަޝްރޫއުގެ ދަށުން އާ ޕެސެންޖަރު ޓާމިނަލް މިހާރުގެ ޓާމިނަލްއާ އިންވެގެން އެޅުމަށް ސައޫދީ ބިންދާލިން ގްރޫޕަށް 300 މިލިއަން ޑޮލަރަށް ވަނީ ހަވާލުކޮށްފަ އެވެ. އަދި އާ ރަންވޭ ހިއްކުމުގެ މަސައްކަތް ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ޔޫއޭއީގެ ގަލްފް ކޮބްލާ ކުންފުނިން ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭގެ 30 ޕަސެންޓް ބިން ހިއްކައި ނިމިފައިވާއިރު، މަސައްކަތް ހަލުވި ކުރުމަށް އިތުރު ދެ ޑްރެޖުރު ވަނީ ގެނެސްފަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވަނީ އެއާޕޯޓުގެ ބޮޑެތި މަސައްކަތްތައް 2018 ވަނަ އަހަރު ނިންމާލުމަށެވެ.

ކޮންމެއަކަސް ދިވެހިންގެ އެއާޕޯޓު މިހާރު ހިންގަނީ ދިވެހިންނެވެ. ސަރުކާރުން ރާވާފައި އޮތީ ޖީއެމްއާރަށް ދައްކަން ޖެހޭ އެއްޗެއް ވެސް އެއާޕޯޓަށް ލިބޭ ފައިދާއެއްގެ ތެރެއިން ދައްކާ ހަލާސްކުރާ ގޮތަށެވެ. އެ ފައިސާ ޖީއެމްއާރަށް ދައްކާނެ ގޮތަކާ މެދު ސަރުކާރުން މިހާރު ވެސް އަންނަނީ އެ ކުންފުންޏާ މެދު ވާހަކަ ދައްކަމުންނެވެ. އެ މަޝްވަރާތައް ނިމުމުން އެ ފައިސާ ދައްކާނެ މުއްދަތުތަކެއް ކަނޑައެޅޭނެ އެވެ. އެއާޕޯޓަށް މިހާރު ވެސް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބޭ އިރު ސަރުކާރުން ގަބޫލު ކުރަނީ އެއާޕޯޓްގެ ތަރައްގީ ނިމުމުން އެތަނުން މިހާރު ލިބޭ ފައިދާ ދެގުނަ ކުރެވޭނެ ކަމަށެވެ. އެއާޕޯޓަށް މިހާރު ލިބޭ ފައިދާއާ ބަލާއިރު ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ އަކީ ނުދެއްކޭނެ ވަރުގެ އަދަދެއް ނޫނެވެ. އެއާޕޯޓްގެ ތަރައްގީއަށް މިހާރު ނަގާ ލޯނުތައް ވެސް ދައްކަން ފަށަން ޖެހޭނީ އަދި އަހަރުތަކެއް ފަހުންނެވެ. އެހެން ކަމުން އެއާޕޯޓުން ލިބޭ އެއްޗަކުން ޖީއެމްއާރުގެ ލިބެން ޖެހޭ ފައިސާއެއް ދެއްކުމަކީ ފަސޭހަ ކަމެއް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ.