ހަބަރު

ސިއްހީ ނުރަނގަޅު އާދަތަކުން ދިވެހިންގެ ހާލު ދެރަވަނީ!

ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ސާދާ ކެއުމުގެ ސަގާފަތަކަށް އާދަވެފައިވާ ބައެކެވެ. ސިއްހަތާ ބީރައްޓެހި ވިސްނުމެއްގެ ތެރޭން ނުރަނގަޅު އާދަތަކެއް ހިފި މިއަދު މި ތިބީ އޭގައި ބަނދެވިފަ އެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް ހަތަރުލައްކައެއްހާ މީހުންގެ މި އާބާދީ ނުރައްކާތެރި ބަލިތަކުގެ ތެރެއަށް ގެނބެމުން ދެ އެވެ. ބައެއް މީހުން ނުބައި އާދަ ދޫކޮށް ނުލަނީ މީރު ބިލެތްގަނޑުގެ ރަހަ ހަނދާން ނެތިދާނެތީ އެވެ. ދުންފަތުގެ ދެވި ފިލައިދާނެތީ އެކަމާ ދުރަށްދާކަށް ބޭނުމެއް ނުވެއެވެ. ޕެރަމެޑިކް ފެސިލިޓީތަކާއި ފެންވަރު ރަނގަޅު ބޭހާއި އައިސީޔޫތައް ނެތިގެން މުޒާހަރާތަކަށް ނިކުންނަ ހިޔާލު ކުރާއިރު އައިސީޔޫ ތައްޔާރުކުރަން މިވަރަށް މި ހިފަނީ އެތަނަށް ވަންނަންޖެހޭ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް ބަލައިގެން ކަމަށް ވެސް ބައެއް ފަހަރާ ހީވެއެވެ.

ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔާއި، ޕްރެޝާ މައްސަލަތައް އަބަދުވެސް އާބާދީ ވަށައިލަ އެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ގިނަ އެވެ. ނަތީޖާއެއްގެ ގޮތުން އަނގަޔާއި ކަރާއި، ކަރުގެ އެތެރޭގެ ބައިތަކާއި ފުއްޕާމެއަށް ޖެހޭ ކެންސަރު ދިވެހިންގެ ތެރެއަށް އާންމުވެ، އާންމުކޮށް ފަސްދޮޅަހަށްވުރެ މައްޗަށް ދިއުމުން އެހެން ގައުމުތަކުން ފެންނަ ހިތުގެ ބަލިތައް ރާއްޖޭގައި ފެންނަ އުމުރުފުރާ 30 އަހަރާއި 35 އަހަރާ ދެމެދަށް ދަށްވެފައި ވެއެވެ. މިދިއަ ވިއްސަކަށް އަހަރު ތެރޭގައި ޅައުމުރުގައި ކައިވެނިކުރާ އަންހެންކުދިންނާއި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައިވީ ނަމަވެސް އަދި މެލޭރިއާ ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ އެވޯޑު ހޯދިޔަސް، އާންމު ސިއްހަތުގެ ދުޅަހެޔޮކަން އިތުރުވެއްޖެކަމަށް ބުނެވޭނެ ޗާންސެއް ނެތެވެ.

ހޭލުންތެރިކަން ނެތީތަ؟

ދިވެހިންނަކީ ޓެކްނޮލޮޖީއާ ދޯޅު ބައެކެވެ. އާ އީޖާދުތަކާއި އާ ވިސްނުންތަކަށް މަރުހަބާ ކިޔާބައެކެވެ. ގިނަ ކަންތައްތަކާބެހޭ ހަބަރު އޮޅުންފިލުވައި، ބަލައި ހޯދުމުގެ ޝައުގުވެރިކަން ބޮޑު ބައެކެވެ. ހާއްސަކޮށް އިންޓަނެޓްގެ ރަސްކަން ފެށިފައިވާ މި ޒަމާނުގައި އިނގިލިކުރީގެ ޖާދުލުން ބޭނުންވާ ކޮންމެ ކަމެއްގެ މައުލޫމާތު ހޯދައި ބަލާލެވޭއިރު، ސިއްހަތާ މެދު ތިބެވުނީ ކަނު އަނދިރީގައި ކަމަށް ބުނުމަކީ ބޭއިންސާފަކަށް ވާނެ އެވެ.

ދިވެހި ސިއްހީ މާހިރުން ވެސް ދެކިވަޑައިގަންނަވަނީ އެގޮތަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި އެތެރަހަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި 13 އަހަރު ހިދުމަތްކުރައްވާފައިވާ، އައިޖީއެމްއެޗްގެ ސީނިއާ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. އަލީ ނަޒީމް ދެކިވަޑައިގަންނަވާ ގޮތުގައި ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ސިއްހަތާމެދު ދިވެހިންގެ ސަމާލުކަން ފާހަގަކޮށްލެވޭ މިންވަރަކަށް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެ ސަމާލުކަން ބޮޑަށް އައިސްފައި އޮތީ ޑޮކްޓަރަށް ދެއްކުމާއި ޓެސްޓު ހެދުމުގެ ކަންކަމުގަ އެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އަދިވެސް ދިވެހިން އުޅެނީ ފަހަތުގަ އެވެ.

"އާންމުކޮށް ބުނާނަމަ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތަކަށް އަދިވެސް ހޭލުންތެރިކަމެއް ނާދޭ. ފަހަރެއްގަ ވެދާނެ ދިވެހިންނަށް އަދި ވަގުތު ބޭނުން ވަނީ ކަމަށް. މިސާލަކަށް ޓެސްޓް އެބަ ހަދާލާ. ހަދާފަ މި ބަލަނީ ޕްރެޝާ ކިހާވަރެއްތޯ، ކޮލެސްޓްރޯލް ނޫނީ ހަކުރު ކިހާ ވަރެއްތޯ ހުރީ، ދެން އެހިސާބުން ޑޮކްޓަރު ބޭސް ދިނަސް އަދި، ބޭސް ނުދީ ފަރުވާތެރިކަން ބެހެއްޓުމަށް ބުނުމުން އެއަށް ގިނަ ފަހަރަށް އަމަލެއް ނުކުރެވޭ. އަނެއްކާވެސް ތިން މަސް ހަތަރުމަސް ވީމަ ޓެސްޓު ހަދާނެ، އެކަމަކު ނަތީޖާއެއް ހޯދަން ނުހަދާ ޓެސްޓެއްގެ ފައިދާއެއް އޮންނާނެތޯ،" ޑރ ނަޒީމް ވިދާޅުވި އެވެ.

ގޯސްކޮށް ކުރެވެނީ ކޮންކަމެއް؟

ސިއްހީ ނަޒަރަކުން ބަލާނަމަ ރާއްޖޭގެ އާބާދީ ކަސްރަތަށް އަހުލުވެރިކުރުވަންޖެހޭ މިންވަރު ބޮޑެވެ. އަބަދު އަރާމު ކުރުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ދިވެހިންގެ ތެރެއަށް ފެތުރޭ ނިސްބަތް މަތިވަނީ އެވެ. އަދި ހަމަ އެހެންމެ ކެއުމުގައި ވަކި ހަމައެއް ނެތި ކާނާ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް މާއްދާތައް މިންވަރަށްވުރެ އިތުރަށް ހަށިގަނޑަށް އެތެރެވުމުން ހަށިގަނޑުގެ އެކި މަސައްކަތްތަކަށް އާދަޔާ ހިލާފު ބަދަލުތަކެއް އައުމުގެ ސަބަބުން ނިކުންނަ މައްސަލަތައް ވެސް އިތުރެވެ.

"އާންމުކޮށް މިހާރު އެންމެން ވެސް މި އުޅެނީ ސައިކަލުގަ. ގެއާ ޖެހިގެން ހުންނަ ގެއަށްވެސް ހިނގާފަ ދިއުން ވަނީ ބުރަ ކަމަކަށް. ގޮނޑީގައި އިނދެގެން މަސައްކަތް ކުރާ އާބާދީ އިތުރުވެފައިވީ ނަމަވެސް އޮފީހުން ގެއަށް ސައިކަލުގައި އައިސް ދެންވެސް ދެވެނީ ހަށިގަނޑަށް ރެސްޓެއް. ހިނގުމާއި ހެލިފެލިވެ އުޅުން އެއްގޮތަކަށްވެސް މި ޝެޑިއުލަކު ނުހިމެނޭ. ކެއުމަށް ބަލާއިރު، ތަރުކާރީ ދިވެހިންގެ ކެއުމުގެ ތެރެއަށް ވަދެފި، ނަމަވެސް ދިވެހިންނާއި ރައްޓެހިވީ ހަމައެކަނި ކެބެޖާއި ކެރެޓާ ކިއުކަމްބާ. އިތުރު އެއްޗެއް ބޮޑެތި މީހުންވެސް ނުކައި، ހާއްސަކޮށް ކުޑަކުދިންގެ ތެރޭ ތަރުކާރީ ނުކާ ކުދިން ގިނަ،" ބަލިތަކާ ރައްޓެހިވާ ގޮތަށް ގޯސްކޮށް ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތްތަކާ ބެހޭގޮތުން ޑރ. ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިތުގެ ބަލިތައް އިންތިހާއަށް އިތުރުވެ، ކެންސަރު ބަލީގައި ގޮތް ހުސްވެފައިވާ މީހުންގެ އަދަދު ހައިރާންވާހާ މިންވަރަށް އިތުރުވެފައިވާއިރު، މި ދެކަން އެންމެ ބޮޑަށް ގުޅި ލާމެހިގެން އަންނަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ އެވެ. ކުށްވެރިއަކީ ހަމައެކަނި ދުންފަތެއް ނޫނެވެ. އާދަކޮށް އަނގަ މީރުކޮށްލުމަށް ދުންފަތާ ނުލައި އަނގަޔަށްލާ ބޮޑު ބިލެތްގަނޑުގައި ވެސް ކެންސަރުގެ މާއްދާތައް އިންތިހާއަށް އެކުލެވެ އެވެ. މިއީ ޑަބްލިޔުއެޗްއޯ އިންވެސް އެއްބަސްވާ ހަގީގަތެކެވެ. އެހެންކަމުން ބަދަލުކުރަން ޖެހިފައިވަނީ ކަށީގައި ހަރުލާފައިވާ އާދަތަކެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންވެސް އެކަން ހުއްޓާލަންޖެހޭ ސަބަބަކީ އަމިިއްލަ ހަށިގަނޑުގެ އިތުރަށް އެމީހުންގެ ސަބަބުން މާހައުލުގައި ދިރިއުޅޭ ކުށެއްނެތް އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅޭތީ އެވެ.

ބަލިތަކަށް އިތުރުވުމެއް އައިސްފައިވޭތަ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ އެންމެ މަތީ ޕަސެންޓަކަށް ދިމާވެފައިވަނީ ލޭ މައްޗަށް ދިއުމުގެ މައްސަލައެވެ. ދެވަނައަށް ހިތުގެ ބައްޔާއި ހަކުރުބަލި ހިމެނޭއިރު، ކެންސަރު ވެސް ހިމެނެނީ މި ލިސްޓުގެ އެންމެ ކުރީގަ އެވެ. ހަކުރު ބައްޔަށް ބެލިނަމަވެސް މުޅި އާބާދީގެ 1.05 ޕަސެންޓަކީ ބަލި ތަހައްމަލުކުރަން ޖެހިފައިވާ މީހުންނެވެ. ދާދިފަހުން އާސަންދައިން ހާމަކުރި ތަފާސް ހިސާބަށް ބަލާއިރު ކެންސަރު ބަލި ރާއްޖޭގައި އިތުރުވެފައިވާ މިންވަރަކީ، އަހަރެއްގެ މައްޗަށް ކެންސަރަށް ފަރުވާ ކުރުމަށް އާސަންދައިން މިލިއަނެއްހާ ރުޔާ ހަރަދުކުރަންޖެހިފައިވުމެވެ. ހިތުގެ ބަލި ރާއްޖޭގައި ޖެހޭ އުމުރުފުރާ 32 އަހަރާއި 35 އަކާ ދެމެދަށް ބަދަލުވެވެފައި އެވެ.

"ދުނިޔޭގެ އެހެން ގައުމެއްގެ މީހަކު ގަބޫލެއްވެސް ނުކުރާނެ 32 އަހަރުގައި ހާޓް އެޓޭކެއް ޖެހިއްޖޭ ބުނުމުން. މިއީ ވަރަށް ދެރަ މައްސަލައެއް. އެ އުމުރަކީ އާންމުކޮށް މީހަކަށް ދިރިއުޅުމެއް ފަށައިގަނެވޭ އުމުރު. އެ އުމުރުގައި ނުރައްކާތެރި ބައްޔެއްގައި ބަނދެވެން ޖެހުމަކީ އުމުރަށް އުފުލަންޖެހޭ ހިތާމައެއް،" ޑރ ވިދާޅުވި އެވެ.

ގައިން ގަޔަށް އަރާ އެންމެ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ހިމެނޭ ނިސްބަތަށް ބަލާއިރު ހެޕަޓައިޓިސް ބީ އާއި އެޗްއައިވީ ފަދަ ބަލިތައް ރާއްޖޭގައި އެބަ އުޅެ އެވެ. ނިސްބަތުން ގިނައޭ ބުނުން އެންމެ އިންސާފުވެރިއެއް ނުވާނެ އެވެ. އެޗްއައިވީ އާއްޖެއިން އެންމެ ފުރަތަމަ ފާހަގަވީ 1991 ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި 25 ވަރަކަށް އަހަރު ތެރޭގައި އޭޑްސް ޖެހުނު މީހުންގެ އަދަދު އުޅޭނީ 19 ގަ އެވެ. އެ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ގާތްގަނޑަކަށް 10 ވަރަކަށް މީހުންނެވެ.

ހައްލަކީ ކޮބާ؟

ހައްލަކީ ރައްކާތެރިވުމެވެ. ޑޮކްޓަރީ ބޭހަށް ބަރޯސާވުމަށް ވުރެ ބޮޑަށް ވަގުތު އޮއްވައި ބަލިން ރައްކާތެރިވުމަށްވުރެ ބޮޑު އުފަލެއް ކޮބައިހެއްޔެވެ. ޑރ. ނަޒީމް ވިދާޅުވާ ގޮތުގައި ރާއްޖޭގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން މުސްތަގުބަލަށް ލަފާކުރާނަމަ އަދި އޮތީ ވަރަށް މާޔޫސީ ފައްތަރެއްގަ އެވެ. އެކަން ބަދަލުކުރަން މަސައްކަތް ކުރަންޖެހެނީ ވަގުތު ހޯދައިގެން އަމިއްލަ ސިއްހަތަށް ރަނގަޅު ގޮތްވުން އެދިގެން ކުރެވޭ މަސައްކަތްތަކަކުންނެވެ. އެއީ ކަސްރަތާއި ހެލިފެލިވެ އުޅުމަށް އަމިއްލަޔަށް އެދިގެން ހިއްވަރު ދީގެންނެވެ. މިކަމަށް އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުން ވެސް މުހިއްމެވެ. އެކަކު އަނެކަކަށް ކުރާ އިހުތިރާމް އިތުރުކޮށް މުޖުތަމައުގެ "މެންޓަލް ހެލްތު ލެވަލް" ވެސް އިތުރުކުރަން ޖެހެއެވެ. އޭގެ އެންމެ ބޮޑު މިސާލެއްގެ ގޮތުން ޑރ. ނާޒިމް އިޝާރާތްކުރެއްވީ ޗައިނާ ޖަޕާނާ ސިންގަޕޫރު ފަދަ ގައުމުތަކަށެވެ. މިކަމަށް މަސައްކަތް ކުރަންޖެހޭ ވަގުތަކީ މިހާރެވެ.