- ވޯޓު ކާމިޔާބުވާނެ ކަމަށް ނަމްބަރުން ނުދައްކާ
- ސަރުކާރަށް މަޖިލީހުގެ 55 ޕަސެންޓް ތާއީދު
- މީގެ ކުރިން ވެސް އެފަދަ ވޯޓެއް ކާމިޔާބެއް ނުވޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަކީ އިދިކޮޅު ފަރާތްތަކަށް މިވަގުތަށް އެންމެ މުހިންމު މަސައްކަތަށްވެ، އެކަމަށް ވަނީ އަތުކުރި އޮޅާލައިގެން މަސައްކަތްތަކެއް ފަށާފަ އެވެ. ސަރުކާރާ ހިޔާލު ތަފާތުވެފައިވާ މެންބަރުންގެ މަގުސަދަކަށްވެފައިވަނީ، މަސީހު މަގާމުން ދުރުކޮށް ސަރުކާރުގެ ކޮންޓްރޯލް މަޖިލިސް ތެރޭގައި ކުޑަކުރުމެވެ. އަނެއްހެން ބުނާ ނަމަ މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެޖޯރިޓީ އެކީ ދުއްވާލުމެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރަމުންދާ މެންބަރުންގެ ތެރޭގައި ހިމެނޭ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން އުޅެނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސީހު މަސައްކަތް ކުރައްވާތީ ކަމަށެވެ. އަދި، އެ މައްސަލަ ހުށަހަޅަނީ ވަކި ޕާޓީއަކުން ނޫން ކަމަށާއި މެންބަރުންތަކެއް އިސްނަގައިގެން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
މަސީހުގެ މައްސަލަ ވެއްދޭ ވަރަށް މިހާރު މެންބަރުންގެ ސޮއި ހޯދާފައިވާ ކަމަށް މުސްތޮފާ ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ ވައްދަން ބޭނުން ވަނީ 15 މެންބަރުންގެ ސޮޔެވެ. އެއީ އިދިކޮޅު ފަރާތްތަކަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރުމަށް މަސައްކަތް ފެށި މިދަނޑިވަޅަކީ ޕީޕީއެމް ދެފަޅިއަކަށް ބައިވެ، އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވެސް ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެކެވެ. މަޖިލީހުގެ ތެރޭގައި އޮތް ސަރުކާރުގެ މެޖޯރިޓީއަށް ގުޑުން އަރުވާލެވޭނެ ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ. މަސީހު މަގާމުން ވަކި ކުރުމަކީ މިއީ އެ ސިލްސިލާގެ ފުރަތަމަ ޓެސްޓް ކަމަށް ވެދާނެ އެވެ.
އެހެންނަމަވެސް އެމްޑީީއޭ އާއި ޕީޕީއެމްގެ އެކުވެގެން އުފައްދާފައިވާ ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބުނަނީ، އެ މަސައްކަތް ނާކާމިޔާބު ކޮށްލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީއަށް ގުޑުން އަރުވައި ނުލެވޭނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންގެ އެބަ އޮތެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް މިހާތަނަށް މަޖިލިސް ތެރެއިން އެއްވެސް ކަމެއް ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަކީ ވެސް ނުވާނެ ކަމެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ، ކުރިން އެކަމަށް ތާއިދު އޮތް މިންވަރަށް ވެސް މިހާރު ތާއިދު ނުލިބޭނެ ކަމަށެވެ. އަދި، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދުކުރައްވައި، އެމަނިކުފާނު ވިދާޅުވި ގޮތަށް އަމަލުކުރައްވާނެ މެންބަރުން ވެސް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒު އިޝާރަތްކުރައްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހަންމަދަށެވެ. އޭނާ ވަނީ މައުމޫނަށް ތާއިދުކުރައްވާކަން ހާމަކޮށް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެފަ އެވެ. ނަމަވެސް ފަހުން ވަނީ މައުމޫންއަށް ކުރެއްވި އެ ތާއީދު އަނބުރާ ގެންދަވައި، އޭނާ ހުންނެވީ ރައީސް އަބްދުﷲ ޔާމީނާއެކު ކަން ހާމަކުރައްވާފަ އެވެ. ލަތީފުގެ އިތުރަށް ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވެސް ވަނީ މައުމޫނަށް ކުރެއްވި ތާއިދު ގެންދަވައި، ރައީސް ޔާމީނާއެކު ހުންނެވިކަން ހާމަކުރައްވާފަ އެވެ.
ރިޔާޒު ރަޝީދު މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކިބިދޫ ދާއިރާގެ އަބުދުﷲ ރިޔާޒު ވިދާޅުވީ، މަޖިލީހުގެ މެންބަރުންތަކެއް ހައްޔަރުނުކޮށްފިނަމަ ވޯޓު ކާމިޔާބުކުރެވޭނެ ކަމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން މިހާރު ވެސް ލަސްވެފައިވާ ކަމަށާއި މިފަހަރު އެކަން ކުރާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިންތިހާއަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި އެވެ. އެކަމަކު އޭގެ ކޮންމެ ފަހަރަކު ވެސް އެ މަސައްކަތް ވަނީ ފެއިލްވެފަ އެވެ. ރިޔާޒަށް ކިތަންމެ ހަރުކަށިކޮށް ބަސް ވިދާޅުވި ނަމަވެސް އެއީ ސިޔާސީ ބޭފުޅުން ދައްކާ ސިޔާސީ ވާހަަކަ އެވެ. އެ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު ނަމްބަރުން ދައްކަނީ ކިހިނެތް ހެއްޔެވެ؟
އަގުލަބިއްޔަތު ލިބިދާނެތަ؟
މަސީހު މަގާމުން ދުރުކުރުމަށް މަސައްކަތްކުރަމުންދާ މެންބަރުން އެކަން ހާސިލުކުރެވޭނެ ކަމަށް ބުނަމުންދާއިރު، އެ މެންބަރުންނަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ނަމްބަރު ދައްކާ ގޮތުން އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ އަގުލަބިއްޔަތުން ހޯދުން އެއީ އަދި ފަސޭހަ ކަމެއް ނޫނެވެ.
އިދިކޮޅު މެންބަރުންގެ ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ބަލާއިރު މަސީހާ ދެކޮޅަށް އެމްޑީޕީގެ 21 މެންބަރުން ވޯޓު ދެއްވާނެކަން ކަށަވަރުވެ އެވެ. އޭގެ އިތުރަށް އަދާލަތު ޕާޓީގެ ހަމައެކަނި މަޖިލިސް މެންބަރު އަނާރާ ނައީމް ވެސް އެމްޑީޕީ މެންބަރުންނާ އެއްގޮތަށް މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެންބަރު ރީކޯ މޫސާ މަނިކް މަސީހާ ދެކޮޅަށް ވޯޓު ދޭނެ ކަމަކަށް ނުބެލެވެ އެވެ.
ދެން ތިއްބެވީ މިހާރު ސަރުކާރަށް އޮތް ތާއިދު ގެންދަވާފައިވާ މައުމޫނަށް ތާއިދުކުރައްވާ މެންބަރުންނެވެ. އެއީ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް އަދި ތިނަދޫ ދާއިރާގެ ސައުދުﷲ ހިލްމީ އެވެ. މީގެއިތުރުން އެމްޑީއޭގެ މެންބަރު ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ބެލެވެ އެވެ. އެއީ ޖުމްލަ ހަތް މެންބަރުންނެވެ.
އޭގެއިތުރަށް، މައުމޫނާއެކު މަސައްކަތް ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ބެލެވެ އެވެ. ޖުމްހޫރީ ޕާޓީގެ ހަތް މަޖިލިސް މެންބަރުން ތިއްބަ އެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކަށް އެންމެ ގިނަވެގެން ވެސް މަޖިލީހުގެ ތެރެއިން ހޯދޭނީ ޖުމްލަ 36 ވޯޓެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ ދެ ބައިކުޅަ އެއްބައި ސިމްޕަލް މެޖޯރިޓީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓުލައިފި ނަމަ އެވެ. މަޖިލީހުގެ ރައީސްއާ ނުލާ މަޖިލީހުގައި ޖުމްލަ 84 މެންބަރު ތިއްބަވާ އިރު، 47 މެންބަރުން ތިއްބެވީ އަދިވެސް ސަރުކާރުގެ ފަޅީގަ އެވެ. އެއީ ޖުމްލަ މަޖިލީހުގެ 55 ޕަސެންޓް މެންބަރުންގެ ތާއީދު އޮތީ އަދިވެސް ސަރުކާރަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން، 15 މެންބަރުންގެ ސޮޔާއެކު މައްސަލަ ވައްދާ އިރު ސަބަބުތައް ވެސް ބަޔާން ކުރަން ޖެހެ އެވެ. އަދި ނޯޓިސް ދިނުމަށް ފަހު މައްސަލަޔާ މެދު ބަހުސްކޮށް ވޯޓަށް އަހަންޖެހެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަސީހަށް ބައިވެރިނުވެވޭނެއިރު މަޖިލީހުގެ މެންބަރެއް ކަމަށްވާ އަހުމަދު މަހުލޫފް ޖަލުގައި ހުންނެވުމުން މި ވޯޓުގައި ބައިވެރިވެވޭނީ 83 މެންބަރުންނަށެވެ. އެ ވޯޓުގައި ހުރިހާ މެންބަރުން ބައިވެރިވާ ނަމަ، އަގުލަބިއްޔަތަކަށް ވާނީ 42 މެންބަރުންގެ ވޯޓެވެ. ނަމަވެސް އިދިކޮޅު މެންބަރުންގެ ޖުމްލަ އަދަދު އަދި އަރަނީ 36 ށެވެ. އެއީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އުނިކުރުމަށް ފަހު އެވެ.
އިދިކޮޅު މެންބަރުންގެ އަދަދު ފެންނަ ފެނުމަށް 36 އަކަށް އަރާއިރު، އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރައްވާ ކަމަށް މިހާރު ވިދާޅުވެ، އެމަނިކުފާނުގެ ފެކްޝަންގައި ހިމެނޭ ބައެއް މެންބަރުން ވެސް މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް، އެއީ ސިއްރު ވޯޓަކަށް ނުވާ އިރު އެއީ ސިޔާސީ ގޮތުން ބުރަދަނެއް ހުރި ވާހަކައެއް ކަމަކަށް ނުބެލެވެ އެވެ. އެއީ ފާޅުގައިލާ ވޯޓެއްގައި ވިޕްލައިނާ ހިލާފު ވުމަކީ މެންބަރުންނަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހާއްސަކޮށް ސަރުކާރު ކޯލިޝަންގެ މެންބަރުން އެގޮތަށް އަނބުރާލުން ވާނީ އުނދަގޫ ކަމަކަށެވެ.
މިހާތަނަށް މަޖިލިސް ތެރެއިން މި ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނިމިގެން ގޮސްފައިނުވާއިރު މި ވޯޓު ވެގެން ދާނީ މުހިންމު ވޯޓަކަށެވެ. މިއީ ޕީޕީއެމްގެ ރައީސް މައުމޫން ކުޅުއްވާނެ އެންމެ ބޮޑު އެއް ސިޔާސީ ގޭމް ކަމަށްވާނެ އެވެ. ޕީޕީއެމް ތެރެ ދެ ބައިވެފައިވާ ދަނޑިވަޅެއްގައި ނަގާ މި ވޯޓުން ގަދަ ފަޅި ފެނިގެންދާނެ އެވެ. އެކަމަކު މަންޒަރު ފެންނަ ގޮތަށް ބަލާ އިރު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.