ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށީގައި ކްލިނިކެއް ހިންގަން އަނެއްކާވެސް ހުޅުވާލައިފި

ސިނާއީ ރަށް، ތިލަފުށީގައި ސިއްހީ ހިދުމަތްދޭ ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން ތިލަފުށި ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ތިލަފުށި ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތިލަފުށީގައި ސިއްހީ ހިދުމަތް ދިނުމަށް ގާއިމްކުރަން ނިންމާފައިވާ މެޑިކަލް ކްލިނިކް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ވުމާއެކު އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު އަރުވާ ކަމަށެވެ.

އެކުންފުނިން ބުނީ، އިއުލާނަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ މައުލޫމާތު ކަރުދާސް ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަން ކަމަށާއި، ހުށަހަޅާ ބީލަން ބާތިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށެވެ.

ތިލަފުށީގައި ކްލިނިކެއް ހުޅުވުމަށް އިއުލާންކޮށްފައި ވާއިރު، ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވީ، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ތިލަފުށި އޮތީ ވަރަށް ބޮޑަށް ބާކީ ކޮށްލެވިފައި ކަމަށެވެ. ނަމަވެސް އެތަން ތަރައްގީކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ އެތަނަކީ ވިޔަފާރިވެރިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ، އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް ތަރައްގީކުރާ ތަނަކަށް ހެދުމަށް ކަމަށެވެ. އެގޮތުން ތިލަފުއްޓަށް ދެން އެންމެ އަވަހަށް އަންނާނީ ބަލި މީހުން ބަލާ ކްލިނިކެއް ކަމަށް ނާސިފް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ވިޔަފާރިވެރިންގެ އޮފީސްތައް ތިލަފުށީގައި ގާއިމްކޮށްފައިވާއިރު އެތަންތަނުގައި މަސައްކަތްކުރާ 4000 އެއްހާ މީހުން އެރަށުގައި ދިރިއުޅެމުންދެ އެވެ. ތިލަފުށި ކޯޕަރޭޝަނުން ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން އެތަނުގައި ދިރިއުޅެމުންދާއިރު އެ ރަށުގައި ބަލިތަކަށް ފަރުވާ ދެވޭ ކްލިނިކެއް ހުޅުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.