ރިޕޯޓް

ޒުވާނުންގެ އެވޯޑު ހާއްސަވާ ޝަހީދު ޖަވާދު އުމަރު އެނގޭ ތަ؟

  • ޖަވާދުގެ އުމުރަކީ އެންމެ 16 އަހަރު
  • ޝަހީދުވީ ބޮލަށް ވަޒަން އަރައިގެން
  • ރަހީނުންގެ ގޮތުގައި ބޭނުންކުރި ޒުވާނެއް

ޒުވާނުންގެ ދުވަހުގެ އެންމެ ހާއްސަ އެވޯޑު ދެނީ މި ނަމުގަ އެވެ. އެއީ "ޝަހީދު ޖަވާދު އުމަރު"ގެ ހަނދާނީ ފިލަ އެވެ. މިއީ ހިތްވަރުގަދަ އަމަލެއް ކުރާ ޒުވާނުން ނަށް ގައުމީ ފެންވަރުގައި ދޭ ހާއްސަ ފިލަ އެކެވެ. ނަމަވެސް ގިނަ ޒުވާނުންނަށް ޝަހީދު ޖަވާދު އުމަރަކީ ކާކު ކަމެއް އެނގޭނެ ހެން ހިޔެއް ނުވެ އެވެ. ޝަހީދު ޖަވާދު އުމަރު އެނގޭ ހެއްޔެވެ؟

ޖަވާދު އުމަރު އުފަން ރަށަކީ ތ. ދިޔަމިގިއްޔެވެ. ދިޔަމިގިލީ ކާމިނީގޭ، ޖަވާދު އުމަރަކީ 3، ނޮވެބަރު 1988 ވަނަ އަހަރު ރާއްޖެ އަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވި އެންމެ ހަނގު ކުއްޖާ އެވެ. އޭރު އޭނާގެ އުމުރުން 16 އަހަރެވެ. އޭނާއަކީ މާލެ އަށް ހަމަލާދިން ތަމަޅައިގެންގެ ތެރޭގައި ހިމެނޭ "ނިދީ" ގެ ގްރޫޕުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި ކުއްޖެކެވެ. އޭނާ ގެނެސްފައިވަނީ ދިޔަމިގިލިން މާލެ އައިސް ފަޅުތެރޭގައި އޮތް ދޯންޏަކުން ރަހީނުންގެ ގޮތުގަ އެވެ.

ޖަވާދު އުމަރު އެ ދުވަހު ގެނެސް ބަހައްޓާފައި ހުރީ ރަހީނުކޮށް ކަނީރު ހިނގުމަށް ޖަމާކުރި މީހުންގެ ތެރޭގަ އެވެ. އެ ދުވަހު ކަނީރު ހިނގުމުގައި ބައިތިއްބައިގެން އެމީހުންގެ ފަހަތުގައި ބަޑި ބަހައްޓައިގެން ތަމަޅައިގެން ބާގީން ދިޔައީ ސިފައިންގެ އަށް ހަމަލާ ދެމުންނެވެ. ޖަވާދުގެ އިތުރުން 15 މީހުންގެ ތިބީ ރަހީނުންގެ ތެރޭގައި އޭނަ އެ ދުވަހު ހުރީ ބިރުން ފިއްކަނޑައިގެންދާ ހާލަތުގަ އެވެ.

"ވަޒަން އެރީ ބޮލަށް، ގޮވާލީ އައްދިއްޔޯ އޭ"

ޖަވާދު، ޝަހީދުވީއިރު އޮތީ، ނައިޓްވިލާ، ތ. ދިޔަމިގިލީ، ހަސަން ވަހީދު ކައިރީގަ އެވެ. އުމުރުން ހަގުކަމާއެކު ޖަވާދު ބިރުން އުޅޭތީ، ހަސަން ވަހީދު އޮތީ އޭނާގެ ބޮލުގައި އަތް އަޅާލައިގެންނެވެ. މިހެން އޮއްވައި އައި ވަޒަނެއް ހުސެއިން ވަހީދުގެ އަތް ފޫއަޅުވާލައި ޖަވާދުގެ ބޮލަށް އެރީ އެވެ. ވަޒަންއަކީ ޖަވާދުގެ ފުރަގަހުން ބާގީން ޖަހަމުން ދިޔަ ބަޑިންނެވެ. ޖަވާދުގެ ބޮލުގެ ފުއް ކިބައިން އެރި ވަޒަން ނުކުތީ ނިއްކުރިންނެވެ. ވަޒަން އެރުމާއެކު، ކުޑަ، ކުޑަ މައުސޫމް ޖަވާދު ގޮވާލީ ކަމަށްވަނީ "އައްދިއްޔޯ ބޭބޭއޭ" މިހެންނެވެ. އޭގެ ފަހުން އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާ ޝަހީދު ވެގެން ބިމަށް މަޑުމަޑުން ތިރިވީ އެވެ. މުޅި ހިސާބު ގަނޑު މައުސޫމް ޖަވާދުގެ ލޭކޯރު ހެދިގެން ދިޔަ އެވެ.

ހުސެއިން ވަހީދު، ޖަވާދު އުމަރު ހޮސްޕިޓަލަށް ގެންދަން ބޭނުންވާ ވާހަކަ ޓެރަރިސްޓުންގެ ގާތުގައި ބުނުމުން، ޖަވާދު އެތަނުގައި ބާއްވާފައި ހުސެއިން ހޮސްޕިޓަލަށް ދާން ހުއްދަ ދިނެވެ.

ނޮވެމްބަރު ތިނެއްގައި ޝަހީދުވި އެންމެ 16 އަހަރުގެ މި ޒުވާނާގެ ހަނދާނުގައި ސަރުކާރުން ދަނީ ގައުމީ ފެންވަރުގެ އިނާމެއް ދެމުންނެވެ.