ރިޕޯޓް

ޒުވާން އުމުރު ފުރޮޅުލީ ގޮނޑީގައި: އަލުން ހިނގޭނެ ކަމުގެ އުއްމީދުގައި

އެންމެ ޝައުގުވެރިކަމާއެކު ސްކޫލް ދުވަސްވަރު ހަރަކާތްތެރިވީ ކެޑޭޓުގަ އެވެ. ކޭމްޕްތަކަށް ވެސް ދިޔައީ ދާހިތުންނެވެ. އަމީނިއްޔާ ސްކޫލުގައި ކިޔަވަމުން ފޭދޫ ފިނޮޅަށް ކޭމްޕަށް ދިޔަ އެވެ. ކޭމްޕްގައި އުޅެމުން ތަމްރީނެއްގައި ފުންމާލެވުނު ގޮތަކުން މުޅި ގަޔަށް އެރީ އައްސިގަނޑެކެވެ. އަތަށް ވެސް ތަދުވި އެވެ. ޑޮކްޓަރަށް ދެއްކުމުން އަތަށް ނޫން ތަނަކަށް އަނިޔާވި ކަމަށް ނުބުނެ އެވެ. ނަމަވެސް އެއީ ހައްވާ މިޒްނާގެ މުޅި ހަޔާތް ބަދަލުކޮށްލި ހާދިސާ އެވެ.

ޅަ އުމުރު ދުވެ ފުމެ، އުޅުމަށްފަހު ކުއްލިއަކަށް ނުހިނގޭ މީހަކަށްވުމުން ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ މުޅި ޒުވާން އުމުރު ފުރޮޅުލީ ގޮނޑިއެއްގައި ހޭދަކުރަން ޖެހުނީ ހިތަށް ކުރާނީ ކޮންހާ އަސަރެއް ހެއްޔެވެ؟

ހައްވާ މިޒްނާއަކީ މާލެއަށް އުފަން، ފާގަތި މުސްތަގުބަލެއްގައި އުއްމީދުގައި ގަދައަޅާ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ނަމަވެސް އެކަމަށް ހިޔަނި އެޅުނީ މިޒްނާގެ މައިބަދައަށް ލިބުނު ގެއްލުމެވެ. ކޭމްޕްގައި ފުންމާލި ވަގުތު އަނިޔާވިތާ ހަ މަސް ފަހުން މިޒްނާއަށް ހިނގަން އުނދަގޫވާން ފެށި އެވެ. އޭގެ ފަހުން އޭނާއަށް ހިނގެނީ އެއް ފައި އެއްލަމުންނެވެ.

އެގޮތަށް ހިނގަން ފެށިފަހުން، ކަޅުތުއްކަލާ ކޮށީގައި ޕެރޭޑަކަށް ތައްޔާރުވަނިކޮށް، ފައި އެއްގޮތަކަށް ވެސް ބިމުން ހިއްލައިނުލެވި، މިޒްނާ ވެއްޓުނެވެ. އޭރު މިޒްނާ އުޅެނީ ގުރޭޑް އަށެއްގަ އެވެ. އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އޭރު ބުނީ، އެއީ އުނަގަނޑު މަތީގެ ޑިސްކެއް ފިތޭތީވާ ގޮތެއް ކަމަށެވެ. އިންޑިއާއިން ދިން ބޭސް ކާން ފެށިފަހުން މިޒްނާ ރަނގަޅުވާން ފެށި އެވެ.

އެ ބޭސް ކާން ފެށިފަހުން މިޒްނާ އިންތިހާއަށް ފަލަވި އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު މިޒްނާއަށް ދިމާކުރި އެވެ. އެހެންވެ އެ ބޭސް ކެއުން މިޒްނާ ހުއްޓާލި އެވެ. ފަރުވާ ވެސް ހުއްޓުނީ އެވެ.

އެހެން ހުއްޓާ ހިނގުމުގެ ނިއުމަތުން މިޒްނާ އެއްކޮޅަށް ނުކުޅެދުނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން މަޖުބޫރުވި އެވެ. ތައުލީމުން ވެސް މަހުރޫމްވި އެވެ. ގުރޭޑް 10 ނިންމާލެވޭ ވަރެއް މިޒްނާއަކަށް ނުވި އެވެ. އެއީ 2004 ވަނަ އަހަރު އެވެ. އޭގެފަހުން ޑޮކްޓަރުން ބުނަމުން ދަނީ މިޒްނާއަށް ނުހިނގެނީ ވަނީ އުފެދުމުގައި މައިބަދައިގައި ހުރި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ހިނގުމުން އެއްކޮށް މަހުރޫމްވުމާ ގުޅިގެން މިޒްނާ ވަރަށް ބޮޑަށް ޑިޕްރޭޝަނަށް ދިޔަ އެވެ. ނަމަވެސް އެއީ ދިރިއުޅުމުގައި އޭނާއަށް އޮތް އިމްތިހާނު ކަމުގައި ދެކިގެން ހިތްވަރު ކުރީ އެވެ. އެގޮތުގައި މިޒްނާ ގޮނޑީގައި ނުހިނގި އިންނަތާ މިހާރު 12 އަހަރުވީ އެވެ.

މިޒްނާ މިހާރު ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. ހިނގޭނެ ކަމުގެ އުއްމީދެއް އޮތުމުން އެ އޮޕަރޭޝަން ކުރީ އައިޖީއެމްއެޗްގަ އެވެ. ނަމަވެސް އެއީ މިޒްނާއަށް މާބޮޑު ފައިދާއެއް ލިބުނު އޮޕަރޭޝަނެއް ނޫނެވެ. އެހެނަސް އިތުރު ދަތިތަކެއް އޭނާއަށް ކުރިމަތިވި އެވެ. ކުޑަކަމު ދިޔުމަށް އެ އޮޕަރޭޝަނަށްފަހު އަދިވެސް އޭނާއަށް އުނދަގުލެވެ. އެހެން ދިމާވި އޮޕަރޭޝަނުގައި ނާރެއް އައި ބަދަލެއްގެ ސަބަބުންނެވެ.

އެ އޮޕަރޭޝަނުން މިޒްނާއަށް އެއްވެސް ލުޔެއް ނުލިބުނުއިރު، އަދިވެސް ކުޑަ އުއްމީދެއް މިޒްނާއަށް އެބަ އޮތެވެ. އިންޑިއާއިން ވަނީ އެހެން ބުނެފަ އެވެ. އިންޑިއާގެ ޑޮކްޓަރުން ބުނަނީ އެވާނީ "މިރަކަލް"އަކަށް ކަމަށެވެ. ކުރަން ޖެހެނީ އިތުރު އޮޕަރޭޝަނެކެވެ. ބޮޑު ވެސް އޮޕަރޭޝަނެކެވެ. އަގު ވެސް ހަމަ އެހާ ބޮޑު އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކުރެވޭނެ ކަމަށް ބުނި އިންޑިއާގެ ހޮސްޕިޓަލުން އާސަންދަ ވެސް ނުލިބެ އެވެ.

މިޒްނާގެ ފައިގައި އަތްލިޔަސް ގިނަ ފަހަރަށް ނޭނގެ އެވެ. ފައިގައި ހިއްސު ހުންނަނީ ވަރަށް ކުޑަކޮށެވެ.

އުފެދުނު އިރު ވެސް ހުންނަ އުނި ކަމެއްގެ ސަބަބުން މިޒްނާއަށް ނުހިނގެނީ ކަމަށް ޑޮކްޓަރުން ބުނާއިރު މިޒްނާގެ މަންމަ ބުނީ މިޒްނާ ވަރަށް ކުޑައިރު ވެސް މައިބަދައިގެ ކަށިކޮޅެއް ބޭރަށް ހުންނަ ކަމަށެވެ. ޑޮކްޓަރުން ބުނަނީ އެ ކަށިކޮޅުގެ ސަބަބުން ނާރެއް ފިތޭ ކަމަށެވެ. އެ ކަށިކޮޅު އެއްކޮށް ސީދާކޮށްފިނަމަ ނޭވާލާން އުނދަގޫވާނެ ކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ވަނީ ދީފަ އެވެ.

ފުރޮޅުލީ ގޮނޑީގައި މިޒްނާއަށް އުޅެންޖެހިފައިވާއިރު، އޭނާގެ ގެއަކީ ކުޑަކުޑަ ކޮޓަރިއެކެވެ. ގެ ބަހައިގެން މަންމައަށް ލިބިފައިވާ ކުޑަ ގޮޅި އެކެވެ. ކައްކާ، ނިދާ ހަދަނީ އެތަން ކޮޅުގަ އެވެ. އެހެންކަމުން އެ ކުޑަ ތަންކޮޅުގައި ނުހިނގޭ މީހަކަށް އުޅުން ވަނީ ބޮޑު ވޭނަކަށް ވެސްވެފަ އެވެ. އެހެނަސް އެ ނޫން ގޮތެއް ނެތެވެ. މާލެ ބަޔެއް ކަމުން ރަށަކަށް ގޮސް، ހިތްފަސޭހައިގައި އުޅެވެން ވެސް ނެތެވެ.

އަތުންފައިން ކަމެއް ނުކޮށް އިންނަން ބޭނުން ނުވާތީ، އަދި ދިރިއުޅުމަށް އާމްދަނީއެއް ބޭނުންވާތީ މިޒްނާ މުޅި ދުވަހު ކުދިންނަށް ޓިއުޝަންދެ އެވެ. ވަރަށް ފަހުން މިޒްނާ ވެސް ވަނީ އަލުން ކިޔަވާފަ އެވެ. އޭގެފަހުން އޭނާ ދަނީ ގުރޭޑް އަށެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދެމުންނެވެ. މިޒްނާ އާއި މިޒްނާގެ މަންމަގެ ދިރިއުޅުން ބިނާވެފައިވަނީ އޮންނަނީ ޓިއުޝަން ދީގެން ލިބޭ އެއްޗަކަށެވެ. މިޒްނާއަށް ކުރަން ޖެހޭ ހަރަދުތައް ވެސް ވަރަށް ބޮޑެވެ. ގިނަ ތަކެތި އާސަންދައިން ނުލިބެ އެވެ.

ބާރަ އަހަރު ހިނގުމުން މަހުރޫމްވެފައި އިންނަން ޖެހުނު ނަމަވެސް މިޒްނާގެ މިހާރުގެ އުއްމީދަކީ އަލުން ހިނގުމެވެ. ޒުވާން އުމުރު ފާއިތުވެގެން ގޮސްފައިވާއިރު އޭނާ ބޭނުންވަނީ އަލުން ހިނގަން ފަށައި ރަނގަޅު ދިރިއުޅުމެއް ފަށާށެވެ. އެކަމަށް ބޭނުންވަނީ ދީލަތި އެހީ އެވެ. އިންޑިއާގެ ހޮސްޕިޓަލުން ނުވަތަ އެއަށްވުރެ ދުރަށް ގޮސްގެން ނަމަވެސް މިޒްނާގެ އުއްމީދަކީ ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކުރާށެވެ. އޭނާ ވަރަށް ކެތްކޮށްފި އެވެ. އެ ކެތްތެރިކަން ކޮޅުން ނުލަނީސް މިޒްނާގެ އުއްމީދުތަށް ހަގީގަތަކަށްވުމަކީ މިޒްނާގެ ދުވަސްވީ މަންމަގެ ވެސް އެންމެ ބޮޑު އެދުމެވެ. އެ މަންމަގެ ހަމައެކަނި ވެސް އެދުމެވެ.

ދަރީގެ ކަންކަން ބަލަމުންދާ މަންމަ މުސްކުޅިވެ، އެ މަންމަ ވެސް މިހާރު ވަނީ އަރާމްކުރަން ޖެހިފަ އެވެ. ކަކުލުގެ އޮޕަރޭޝަން ވެސް ވަނީ ކުރަން ޖެހިފަ އެވެ. ނެތީ ފައިސާ އެވެ. އެ ކުޑަ އާއިލާ އެދެނީ އެހީއަށެވެ. އުއްމީދުތައް ވީއެންމެ އަވަހަކަށް ހާސިލުވުމަކީ ދެކެމުން އަންނަ ހުވަފެނެވެ.

މިޒްނާއަށް އެހީއެއް ދޭން ބޭނުންނަމަ:
ފޯނު ނަންބަރު: 9919112
އެކައުންޓް ނަންބަރު: 7701110330101 Fathimath Waheedha