ވޯލްޑް ޓްރެވެލް މާކެޓްގެ ފެއާ ކަވަރު ކުރަން މިހުރީ އިނގިރޭސިވިލާތަށް އާދެވިފަ އެވެ. މާލެއިން ދޯހާއަށް ދެން ލަންޑަނަށް އާދެވުނީ ދިގު ދަތުރަކަށްފަހު އެވެ. ލަންޑަނުން މަރުހަބާކީ، މިތާނގެ ގަދަފަދަ ފިނި ކަމެވެ. ޓެމްޕަރޭޗާ ހުރީ ދެ ޑިގްރީ ސެލްސިއަސްގަ އެވެ. މި ފިނިގަނޑު ގަޔަށް އަރައިގަންނާނެކަން އެނގޭތީ މިހުރީ ރަޖާ ހެދުމުގެ ތެރެއަށް ވަދެ ފިލަ އެވެ. އެހެންވެ މާ ބޮޑު ދައްޗެއް ނެތެވެ.
ލަންޑަނަށް އައުމަށްފަހު ބޮޑު ފެއާގައި ރާއްޖޭގެ ސްޓޭންޑް ތަމްސީލް ކުރާ އެމްއެމްޕީއާރްސީގެ އޮފިޝަލުންނާއި ނޫސްވެރިޔަކާއެކު ހޮޓަލަށް އާދެވުނީ ޓެކްސީގައި އެއާޕޯޓުން ނައްޓާލިތާ ވެސް ގަޑިއެއްހާއިރު ފަހުންނެވެ. ދަތުރުމަތީ ފިނި ހެދުމުގެ ތެރެއިން ދެ ލޯ ނެރެ ބަލައިގެން އިން އިރު ލަންޑަނުން ފާހަގަވި އެއް ކަމަކީ ގިނަ ގޭގެ ހަދާފައި މިހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަމަ ގާތްގަނޑަކަށް ހުރިހާ ގެއެއް ވެސް އެއް ފާޑަކަށެވެ. އެންމެ އިހު ޒަމާނުންސުރެ އިނގިރޭސީން ގެތައް ފަރުމާކުރަމުން އައި ޑިޒައިނަކީ މިއީ އެވެ.
"އެއީ މި ރަށުގެ މީހުން ދިރިއުޅޭ ތޮށިގަނޑު ބޭރަށް ފެންނަ ގޮތް. އެތެރެ ވަރަށް ވެސް ޒަމާނީވެފައި މޮޑާންވާނެ،" ދަތުރު މަތީގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން މިރަށުގެ މީހަކު ބުންޏެވެ. އަދި މި ސިޓީގެ އެހެން ބައެއް މީހުން ވެސް އެހެން އެވާހަކަ ކިޔައިދިނެވެ. ބައެއް މީހުން ބުނި ގޮތުގައި އެއީ އެމީހުންގެ ސަގާފަތާއި ތާރީހު ދިރުވާފައި ބޭއްވުމަށް އަތްލައި ހަލާކުކޮށް ނުލައި ބާއްވާފައި އޮންނަ އުސޫލެއް އަދި އަދި ބާރުގަދަ ސަގާފަތެކެވެ.
މިހާރު މިހުރީ ހޮޓަލަށް އާދެވިފަ އެވެ؛ މިއީ އަޖައިބެއް ކަހަލަ ބޮޑު ހޮޓެލެކެވެ. މިތަނަށް މި ކިޔަނީ ބްރިޓޭނިއާ އިންޓަނޭޝަނަލް ހޮޓެލެވެ. ބިޔަ ހޮޓަލުން ނުކުމެ މޫސުމީ ގޮތުން ފިނިގަނޑަކަށް ވެފައިވާ ލަންޑަނުގެ މަގުމަތީގައި ހިނގާލައި "ސަބްވޭ" އިން ދަމައިގަތް ސަބެއް ކާލައިގެން ހިތްގައިމު މަންޒަރު ތަކުގެ ތެރެއިން އަޅާގައި މެޓްރޯގައި ބޭންކާ ދިމާއަށް ދަތުރު ފަށައިފީމެވެ. އެތަނަށް ނުގޮސް ވާން ހަމަ ނެތިގެނެވެ.
މިހާރު ނުކުމެވިފައި މިހުރީ ލަންޑަނުގެ މަދީޖީ މަގަށެވެ. ނޫނީ ބާޒާރު މައްޗަށެވެ -- ލޮލް!
މިތާނގެ ދެ ފަރާތަކުގައި ފިހާރަތައް ފުނި ޖެހިފަ އެވެ. "ވިންޑޯ ޝޮޕް ކުރަމުން" އެކަނި މާއެކަނި ފައިބައިގެން މިއޮށް ދެވެނީ އެވެ. އެތަކެއްހާސް މީހުން ހެލެފެލިވެ އުޅޭ "އޮކްސްފޯޑް ސްޓްރީޓް" ގެ މެދުހެން ހީވެ ބަލައިލި އިރު ހިސާބަކަށް ހައިރާންވެއްޖެ އެވެ. ތަފާތު ވައްތަރުގެ ކިތަންމެ ފިހާރައެއް ފެނުނަސް ކޮޅުކޮޅު މައްޗަށް ހިނގާ އެންމެންގެ އަތުން ވެސް ފެންނަނީ އެއް ފިހާރައެއްގެ ކޮތަޅެވެ. "ޕްރިމާކް" ގެ ނަމުގައިވާ ކޮތަޅުތަކެކެވެ.
މިހާ ގިނައިން "ޕްރިމާކް" ފެނުމުން އެ ފިހާރައިގެ ހަބަރު ބަލައިލަން މި ވަނީ އެވެ. ތިން ބުރިއަށް ހަދާފައިހުރި ބޮޑު ފިހާރައެކެވެ. އަންހެނުންނަށް ހާއްސަ ފްލޯއެއް، ފިރިހެނުންނަށް ފްލޯއެއް އަދި ކުޑަކުދިންނަށް ފްލޯއެކެވެ. ހަމަ ހުރިހާ އެއްޗެއްހެން ލިބެ އެވެ. އަގު ވެސް ގޯހެއް ނޫނެވެ. މިތަން ހާވައި ފުށުން ޖެހުމުގައި ވީވަރެއް ކޮށްފައި ނުކުތް އިރު އިރުފޮހިއްޖެ އެވެ. ލަންޑަނުގައި ތިން ހަތަރު ދުވަހު މަޑުކުރަންޖެހޭތީ މާބޮޑު ބާޒާރެއް ނުކޮށް "ޕްރިމާކް"އިން ނުކުތީ އެވެ. އެތާނގެ ކޮތަޅެއް ހިފައިގެން އެކަމަކު ޑޮލަރުކޮޅު މުށަށްލައި ބާރު ކޮށްލައިގެނެވެ.
ހައިވެފައި ހުރުމުން ދެން ވަނީ "ނަންޑޮސް" އަށެވެ.
"މިތާނގެ ބާގާ ވަރަށް މީރުވާނެ، ކޮންމެހެން ވެސް ރަހަ ބަލަން ވާނެ،" ނަންޑޮސް ގެ މުވައްޒަފަކު އެތާނގެ ބާގާ ތައާރަފުކޮށްދިނެވެ. އެއީ ދޮގެއް ނޫނެވެ. ހަމަ މީރެވެ. އެކަމަކު އެތަނުގެ ބާގާއެއް ކައިލިހާއިރުން ފިސާރިއަށް ލޮޑުވެއްޖެ އެވެ. އިތުރަށް ތަނަކަށް ދާނެ ހަކަތައެއް ނެތި ދެން ހަމަ ހުސްވީ އެވެ. އެ ގޮތަކުން މި ގޮތަކުން ދެން ބެލީ ހޮޓަލަށް ދެވޭތޯ އެވެ. ބްރިޓޭނިއާ އިންޓަނޭޝަނަލް ހޮޓަލްގެ ކޮޓަރިއަށް ވަދެވުމާއެކު ރަނގަޅަށް ނިދި އަރައި ރަނގަޅަށް ތަންޑާ ވެއްޖެ އެވެ. އެނދުވެސް މި ކޮޮޓަރި ވެސް ވަރަށް ޗާލުވެފައި ފައްކަލެވެ. އެހާ އަރާމެވެ. ނިދުނު ގޮތް ވެސް ނޭނގުނެވެ.
އަނެއްކާވެސް މިހުރީ ތެދުވެވިފަ އެވެ. މިއަދު މި އޮތީ "އަސްލު" މަސައްކަތް ފަށަން ވެފައެވެ. ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިވެ ތަން ފުރާލާނެ ވޯލްޑް ޓްރެވެލް މާކެޓްގައި ބަހައްޓާ ސްޓޭންޑް ތައްޔާރުކުރުން މިއަދު އޮންނާނެ އެވެ. އަހަންނަކީ އެކަން ބަލަން އައި މީހެކެވެ. އެމްއެމްޕީއާރްސީން ބުނާ ގޮތުގައި އެތާނގައި ހަދާ "މޯލްޑިވްސް ސްޓޭންޑް" ވެގެން ދާނީ ވަރަށް ތަފާތު އެހާމެ ހިތްގައިމު ސްޓޭންޑަކަށެވެ.
ރާއްޖޭގެ ސްޓޯލްގައި ބަހައްޓާ ސްކްރީނުން މި މާކެޓްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ 30 ސިކުންތުގެ ވީޑިއޯ ދައްކާލުމުގެ ފުރުސަތު ދޭނެ އެވެ. މީގެ އިތުރަށް ބައެއް ޓްރެވަލް އެޖެންސީތަކާއި ރާއްޖޭގައި ހިމެނޭ ރިސޯޓް ބްރޭންޑްތަކަށް އަހަރެމެންގެ ދިވެހި ސްޓޯލުން ވަނީ މުހިންމު ސަރަހައްދުތައް ކުއްޔަށް ވެސް ދީފަ އެވެ. އިތުރަށް އާންމު މައުލޫމާތުތައް ލިބޭނެ މޭޒެއް ވެސް ހުންނާނެ އެވެ.
"ވަރަށް ފުރިހަމަ ވާނެ މި ފަހަރު ރާއްޖޭގެ މަސައްކަތް، މީގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ސަމާލު ކަމެއް ލިބިގެންދާނެ،" އެމްއެމްޕީއާރްސީގެ އޮފިޝަލަކު ވިދާޅުވި އެވެ. މި ދުވަސް ވަރަށް ފިނިގަދަ މިރަށުގައި ފަށާ ފެއާގައި ދިވެހި ރާއްޖެ ތަމްސީލު ކުރާ އެންމެން ވެސް ތިބީ ވަރަށް ފޮނި އުންމީދަކާއެކު ރާއްޖެ އިޝްތިހާރުކޮށް ކުރި އަރުވަން ތައްޔާރުވެގެނެވެ.
އެނގިދާނެތާ އެވެ. މިހާރު މި ނައްޓާލަނީ އެ ދިމާއަށެވެ. ދިވެހި ސްޓޭންޑް ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތްތަކާއި ތަފްސީލުތަކެއް ވެސް "އަވަސް" މެދުވިކޮށް ލަންޑަނުން ގެނެސްދޭން މިހުރީ ކެތް މަދުވެފަ އެވެ.
ލަންޑަނުގެ އެކްސެލްގައި އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލްގައި ރާއްޖެއިން ގާއިމުކުރާ 276 ސްކޮޔާ މީޓަރުގެ ސްޓޭންޑްގައި މިފަހަރު ރާއްޖޭގެ 66 ކުންފުންޏެއް ތަމްސީލު ކުރާނެ އެވެ. ދިވެހިންގެ 168 ބައިވެރިން ރާއްޖެ އިޝްތިހާރު ކުރުމުގައި މަރުހަބާ ކިޔަން ތިބޭނެ އެވެ.
މި ބޮޑު ފެއާ ލަންޑަންގެ ފިނީގައި ފަށާނީ މާދަމާ އެވެ. ތިން ދުވަހަށް ފެއާ ކުރިއަށް ދާނެއިރު ފުރަތަމަ ދުވަހު ރާއްޖޭގެ ސްޓޭންޑްގައި ވަރަށް ހާއްސަ ތިން އިވެންޓެއް ވެސް ކުރިޔަށް ގެންދާނެ އެވެ. މިދާ ގޮތަށް ގޮސް އެތާނގެ ހަބަރު ބަލާފައި އައިސް މިބޮޑު ހޮޓަލުގައި އަހަރެން ގާއިމުކޮށްލި ކުޑަކުޑަ ނިއުސް ރޫމުން ހުރިހާ ހަބަރަކާއި މައުލޫމާތެއް ފޮނުވައި ދޭނަމަވެ. -- ލަންޑަނުން: ނާޒިމް ހަސަން