ރިޕޯޓް

ވޯލްޑް ޓްރެވެލް މާކެޓް: ރާއްޖޭގެ ސްޓޭންޑް ވަރަށް ފުރިހަމަ!

ބޮޑު މިނުގައި 276 ސްކޮޔާ މީޓަރު ހުންނަ މި ސްޓޭންޑް ފަރުމާކޮށްފައިވަނީ ފަނުން ހިޔާކޮށްފައިވާ ގެއެއްގެ ސިފައިގަ އެވެ. މިއީ ވޯލްޑް ޓްރަވަލް މާކެޓްގައި މިފަހަރު ރާއްޖޭގެ ސްޓޭންޑެވެ. ވަރަށް ފުރިހަމަ އަދި ތަފާތު ސްޓޭންޑެކެވެ.

ފުރިހަމައަށް ފަރުމާކޮށް، ރާއްޖޭގެ ރީތިކަމާއި އަމިއްލަ ވަންތަކަން ވެސް ފެންނާނެ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓޭންޑްގައި މި ފަހަރު ވަނީ ތަފާތު ކަމެއް ތައާރަފްކޮށްފަ އެވެ. ސްޓޭންޑްގައި ބަހައްޓާ ސްކްރީނުން މި މާކެޓްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ 30 ސިކުންތުގެ ވީޑިއޯ ދައްކާލުމުގެ ފުރުސަތު ދީފައި ވެއެވެ. މީގެ އިތުރަށް ބައެއް ޓްރެވަލް އެޖެންސީތަކާއި ރާއްޖޭގައި ހިމެނޭ ރިސޯޓް ބްރޭންޑްތަކަށް ދިވެހި ސްޓޯލުން ވަނީ މުހިންމު ސަރަހައްދުތައް ކުއްޔަށް ވެސް ދީފަ އެވެ. އަދި ވަގުތުން އެޕޮއިންޓްމެންޓް ހައްދާލައި، ވަގުތުން މީޓިންތައް ބޭއްވުމަށް ވެސް ހާއްސަ މޭޒުތަކެއް ވަނީ ބަހައްޓާފަ އެވެ. އޭގެ އިތުރަށް އާންމު މައުލޫމާތުތައް ލިބޭނެ މޭޒެއް ވެސް ބަހައްޓާފައި ވެއެވެ.

"ދިވެހި ރާއްޖެ ފަދައިން މި ފެއާގައި ދިވެހި ރާއްޖޭގެ ސްޓޭންޑް ވެސް ވަރަށް ރީތި، އަހަރެން ވަރަށް ގާޔާވެއްޖެ،" ސްޓޭންޑަށް ޒިޔާރަތްކުރި ޓޫރިސްޓަކު ބުންޏެވެ.

ލަންޑަނުގެ އެކްސެލްގައި އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލްގައި ރާއްޖެއިން ގާއިމުކޮށްފައިވާ ސްޓޭންޑްގައި މިފަހަރު ރާއްޖޭގެ 66 ކުންފުންޏެއް ތަމްސީލު ކުރެ އެވެ. ދިވެހިންގެ 168 ބައިވެރިން ރާއްޖެ އިޝްތިހާރު ކުރުމުގައި މަރުހަބާ ކިޔަން ތިބެ އެވެ.

މިއަދު ފެށި ފެއާގެ ރާއްޖޭގެ ސްޓޭންޑްގައި ހާއްސަ ތިން ކަމެއް ލޯންޗުކުރެވިގެންދާނެ އެވެ. އެއީ، އޮފިޝަލް މޯލްޑިވްސް އެކަމޮޑޭޝަން ގައިޑް ލޯންޗު ކުރުމާއި އައްޑޫ ސީ ޕްލޭން އޮޕަރޭޝަން ފެއްޓުން އިއުލާން ކުރުމާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު އަލުން އޮޕަރޭޓްކުރަން ފެށުމަށް ޕްރޮމޯޝަންތައް ލޯންޗު ކުރުމެވެ.