ރާއްޖެއިން ބޭރުގައި ބާއްވާ ޓޫރިޒަމް ފެއާތަކުންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑެތި ފައިދާއެއް ކުރަމުން އަންނަ ކަމަށާއި، ކުރިޔަށްވުރެ މާބޮޑަށް ރާއްޖެ ދުނިޔޭގައި އިސްތިހާރުވެފައިވާ ކަމަށާއި މާދަމާ ލަންޑަންގައި ފަށާއި ވޯލްޑް ޓްރެވަލް މާކެޓް ފެއާގައި ރާޖެ ވަރަށް ފުރިހަމައަށް އިސްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެފި އެވެ.
ރާއްޖެ އާއި ޓޫރިޒަމް އިސްތިހާރު ކުރުމަށް އެމްއެމްޕީއާރްސީއިން ބައިވެރިވާ ދެވަނަ އެންމެ ބޮޑު ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ ޑެޕިއުޓީ ޑައިރެކްޓަރު ފާތިމަތު ރާހިލް މިއަދު ވިދާޅުވީ، ފެއާތަކުގައި ބައިވެރިވަނީ ރާއްޖެއިން އަބަދުވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރިތައް އިސްތިހާރުކޮށް، ފަތުރުވެރިން އިތުރުކުރުމުގެ ފުރުސަތު ފެއާތަކުން ހޯދައި ދެވޭއިރު މި ފަހަރު ވަރަށް ފުރިހަމައަށް އެ ފުރުސަތު ހޯދައި ދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަރަށް މުހިންމު ކަމެއް މިފަދަ ފެއާތަކުގައި ބައިވެރިވުމަކީ، އެއީ ރާއްޖެއަށް ފަތުރުވެރިން ގެންނަން ހުޅުވޭ އިތުރު ފުރުސަތެއް މިއީ، އޭގެ އިތުރަށް އަޅުގަނޑުމެންގެ އޮޕަރޭޓަރުންނަށާއި އޭޖެންޓުންނަށް ވެސް ލިބޭ އޮޕްޗުނިޓީއެއް މިއީ ބޭރުގެ އޮޕަރޭޓަރުންނާއި އޭޖެންޓުންނާ ބައްދަލުވެ ވިޔަފާރި މުއާމަލާތް ކުރާނެ ފުރުސަތު ލިބިގެން ދާނެ، މި ފަހަރު އެކަން ވަރަށް ބޮޑަށް ވެސް ފުރިހަމަ ވާނެ،" ރާހިލް ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ހަދާ "މޯލްޑިވްސް ސްޓޭންޑް" ގެ ރާއްޖޭގެ ސްކްރީނުން މި މާކެޓްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ 30 ސިކުންތުގެ ވީޑިއޯ ދައްކާލުމުގެ ފުރުސަތު ދޭނެ އެވެ. މީގެ އިތުރަށް ބައެއް ޓްރެވަލް އެޖެންސީތަކާއި ރާއްޖޭގައި ހިމެނޭ ރިސޯޓް ބްރޭންޑްތަކަށް ދިވެހި ސްޓޯލުން ވަނީ މުހިންމު ސަރަހައްދުތައް ކުއްޔަށް ވެސް ދީފަ އެވެ. އިތުރަށް އާންމު މައުލޫމާތުތައް ލިބޭނެ މޭޒެއް ގާއިމުކޮށްފައިވާއިރު
ލަންޑަނުގެ އެކްސެލްގައި އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލްގައި ރާއްޖެއިން ގާއިމުކުރާ 276 ސްކޮޔާ މީޓަރުގެ ސްޓޭންޑްގައި މިފަހަރު ރާއްޖޭގެ 66 ކުންފުންޏެއް ތަމްސީލު ކުރާނެ އެވެ. ދިވެހިންގެ 168 ބައިވެރިން ރާއްޖެ އިޝްތިހާރު ކުރުމުގައި މަރުހަބާ ކިޔަން ތިބޭނެ އެވެ.
އެމްއެމްޕީއާރްސީއިން ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާއިރު ގިނަ ފެއާތަކެއް ވެސް ބައިވެރިވެ އެވެ. މި އަހަރު ވެސް ގިނަ ފެއާތަކެއްގައި ރާއްޖެ ބައިވެރިވެފައިވާއިރު އެ ފެއާތަކުގައި ބަހައްޓާ ރާއްޖޭގެ ސްޓޭންޑްތަކަށް ރަންވަނަތައް ވެސް ލިބިފައިވެ އެވެ.
މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓްގައި ރާއްޖެ ބައިވެރިވަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ އައިޓީބީގައި ވެސް ރާއްޖެ ދަނީ ބައިވެރިވަމުންނެވެ. -- އިނގިރޭސި ވިލާތުން: ނާޒިމް ހަސަން