ހަބަރު

ގަން އެއާޕޯޓްގެ ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ސީ ޕްލޭން ބޭސް ރަސްމީކޮށް ހުޅުވައި، މި މަހުގެ މެދެހާ ހިދުމަތް ފަށާނެކަން އެ ސީޕްލޭން ބޭސް، އޮޕަރޭޓް ކުރާ ޓީއެމްއޭ އިން އިއުލާންކޮށްފި އެވެ. އެކަން އިއުލާން ކުރީ އިނގިރޭސި ވެރިރަށް ލަންޑަންގައި ކުރިއަށް ދާ ވޯލްޑް ޓްރެވަލް މާކެޓްގެ ތެރެއިންނެވެ.

މި މަހުގެ ތެރޭގައި ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، އެ ހިދުމަތް ދޭނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިންނެވެ. އެ ކުންފުނީގެ ޗެއާމަން ރިޗާޑް އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދަށް ހިދުމަތް ލޯންޗުކުރުމުގެ ގޮތުން ނަމޫނާ ސީޕްލޭނެއް ހަދިޔާކޮށްފަ އެވެ.

ރިޗާޑް ވިދާޅުވީ، އައްޑޫ ސީ ޕްލޭންގެ ހިދުމަތް ތައާރަފްކުރެވިގެން ދިޔުމަކީ، އައްޑޫގެ ރީތިކަމާއި ސަގާފަތް ބަލާލުމަށް ލިބޭ ވަރަށް ފަހި ފުރުސަތެއް ކަމަށެވެ. އަދި އެ ސީ ޕްލޭން ބޭސްގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަށް އޭނާ އެދުނެވެ.

ސީ ޕްލޭންގެ ހިދުމަތްތައް މި މަހުގެ މެދެއްހާތާ ފެށިގެންދާނެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، ސީ ޕްލޭންގެ ދަތުރުތަކުގެ ސަބަބުން ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އޭނާ ވިދާޅުވީ ސީޕްލޭންގެ ހިދުމަތް އައްޑޫ އިން ފެށުމުން، ގަން އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމުގެ ބާރަކަށް ވާނެ އެވެ. އަދި އެ ސަރަހައްދާ ކައިރި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ކައިރި ރިސޯޓްތަކަށް ގެންދިޔުމަށް ބާރަކަށް ވާނެ ކަމަށާއި ޓޫރިސްޓުންނަށް ދަތުރުކުރުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އިބްތިޝާމާ ވިދާޅުވި އެވެ.

"މިހާރުގެ އޮޕަރޭޝަން އިންނަ ގޮތުންނަމަ އިންޓަނޭޝަނަލް ރޫޓުން މި އަންނަނީ މާލެ އަށް. މާލެ އިން ސީޕްލޭންގައި މިދަނީ ގއ. އަދި ގދ އަށް ދާ ޓޫރިސްޓުން އެންމެ ކައިރީ އިންނަ އެއާޕޯޓަކަށް. އެއާޕޯޓަކުން މި ދަނީ ރިސޯޓަށް. ނަމަވެސް މި ދަތުރުތައް ފެށުމުން ޓޫރިސްޓުންގެ ޓްރެވަލިން ޓައިމް ކުރުވެގެންދޭ. މިއީ ރަނގަޅު ބަދަލެއް،" އިބްތިޝާމާ ވިދާޅުވި އެވެ.

ސަރުކާރުން އޭއައިއޭ ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު ވަނީ ބޮޑު ކޮށްފަ އެވެ. މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގަކީ 45 މިލިއަން ޑޮލަރެވެ.