ޒަކާތް

މުދަލުގެ ޒަކާތަށް 11 މިލިއަން ރުފިޔާ ބަހާނެ، ބޮލަކަށް 900 ރުފިޔާ!

ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު 11 މިލިއަން ރުފިޔާ ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މިއަހަރު މުދަލުގެ ޒަކާތު ފައިސާ އިން ބޮލަކަށް ޖެހޭނީ 900ރ. އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާނީ ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ. ޒަކާތް ބެހުން މިމަހުގެ 21-24 އަށް ކުރިއަށްގެންދަން ނިންމާފައިވާއިރު ފައިސާ ދޫކުރަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 16:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މުދަލުގެ ޒަކާތް ލިބޭ ފަގީރުންގެ ގޮތުގައި މިއަހަރު ހިމެނިފައިވަނީ ޖުމްލަ 12335 ފަރާތެކެވެ. އެއީ މާލެ އޭރިއާއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 2399 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ރަޖިސްޓްރީކޮށްފައިވާ 9936 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭ އޭރިޔާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަގީރުންނަށް ފައިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. އެކަމަށްޓަކައި މިނިސްޓްރީގެ ހޯލުގައި 10 ކައުންޓަރެއް ބެހެއްޓިފައި ހުންނާނެ ކަމަށާއި ރަށްރަށުގެ މީހުންނަށް ފައިސާ ބެހުމުގެ އިންތިޒާމް އެރަށްރަށުގެ ކައުންސިލްތަކުން ހަމަޖައްސައިދޭނެ ކަމަށެވެ.