ރިޕޯޓް

ފްރޭމް ކުރުން: ސިޔާސީ ޑިކްޝަނަރީގެ އެންމެ ހިނގާ ބަސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލަޔާ އެކު މިހާރު ކުރިޔަށްދާ ސިޔާސީ އެޕިސޯޑުގައި އުފަންވީ ފްރޭމް ކުރުމެވެ. ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ހަނގުރާމަވެރި ހަތިޔާރާ ނާޒިމް އަދި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅަކާ ގުޅުމެއް ނެތް ކަމަށާއި އެއީ ނާޒިމް "ފްރޭމް ކުރުމަށް" ހިންގާފައިވާ ސިޔާސީ ކުޅިގަނޑެއް ކަމަށް އެކި ދިމަދިމާލުން ބުނަން ފެށި އެވެ.

ވަރަށް ފޯރީގައި ފޮޓޯ ފްރޭމްކުރި ޒަމާނެއް އަހަރެމެންގެ ތެރޭގައި ދިޔަ އެވެ. ޑިޖިޓަލް ފޮޓޯގެ ޒަމާން ފެށުމާ ހަމަޔަށް، ފޮޓޯ ބޮޑުކޮށް ޕްރިންޓްކޮށް ގޭގެ ފާރުތައް ފަޅުފިލުވި އެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް އެކަން ހިނގި ނަމަވެސް ކުރިއާ އަޅާބަލާއިރު ސުމެކެވެ. އެކަމަކު ސިޔާސީ ފްރޭމްކުރުން މި އޮތީ ކުރި ހޯދައިފަ އެވެ. މިއީ ސިޔާސީ ކަމެއްގެ ތެރޭގައި މީހަކު ނުހިމެނެނީސް، ކޮންމެވެސް ހީލަތްތެރި އުކުޅެއް ބޭނުންކޮށްގެން މީހަކު ނުވަތަ ބަޔަކު އެކަމުގައި ބައިވެރިވާ ކަމަށް އާންމުންނަށް ދެއްކުން ނުވަތަ ވިސްނައިދިނުމެވެ. އެކަމަކު ހާއްސަކޮށް މި ފްރޭމް ކުރުމަކީ ކުށެއްގެ ތެރޭގައި މީހަކު ތާށިކޮށްލުމަށް އެ މީހަކަށް ދިފާއުގައި ދެއްކޭނެ ވާހަކައެއް ނޯންނަ ވަރަށް އެ މީހަކަށް އެނގުމަކާ ނުލައި ކަމެއްގެ ތެރޭގައި ބައްދާލުމެވެ. ކުށެއް ނެތް މީހަކާ ދެކޮޅަށް ދޮގު ހެކި އުފެއްދުމެވެ. ތިލަކޮށްލާފައި ބުނަންޏާ މައްސަލައެއްގެ ތެރެއަށް ބާނާލުމެވެ.

ސިޔާސީ މިކަހަލަ ކޮންމެ ކަމެއްގައި ޓޫރިޒަމް މިނިސްޓަރު އަދީބުގެ ވާހަކަ އަންނާނެ އެވެ. ފްރޭމް ކުރުމުގެ މާސްޓަރަކީ އަދީބު ކަމަށް ބުނާ މީހުން ގިނަ އެވެ. އެކަމަކު އަދީބު މި ކަންކަމާ ދައްކަވާ ވާހަކަތަކުގެ ޖުމްލަ އަކީ "ވައި އޯލްވޭޒް މީ" އެވެ. އެ ސުވާލަށް ޖަވާބު ދެއްވާނީ ކިޔުންތެރިންނެވެ.

ނާޒިމު ވިދާޅުވާ ފްރޭމުގެ ރައްދުގައި އަދީބު ވެސް ދައްކަވަނީ ފްރޭމެއްގެ ވާހަކަ އެވެ. އެހެންވެ ފްރޭމްގެ ފޯރި ގަދަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ފްރޭމްގެ ވާހަކަ ވަރަށް ގަދަޔަށް ދައްކަވައިފަ އެވެ. މިއީ މީހުން ފްރޭމް ކުރުމުގެ ސަރުކާރެއް ކަމަށް އެމްޑީޕީއާ އެކު ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. އަދި ނާޒިމްގެ މައްސަލައިގެ ތެރޭގައި ގާސިމްގެ ވިލާ ކުންފުނީގެ ވާހަކަ އައުމުން ގާސިމް ފްރޭމްކުރަން އުޅޭ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ. އެކަމަކު ކުއްލިއަކަށް އެ އަޑުތައް ކެނޑިއްޖެ އެވެ. ފަހަރެއްގައި އެ ފްރޭމް ވެއްޓި ތެޅުނީ އެވެ. ނޫނީ އެ ފްރޭމްގައި އަޅުވާލަން ކަމުދާ ތަސްވީރެއް ނެތީ އެވެ.

މި ހުރިހާ ކަމަކާ ގުޅިގެން ސިޔާސީ އެކި ލީޑަރުން "ފްރޭމް ކުރުން ހުއްޓާލަން" ގޮވާލި އަޑުތަކުން މިހާރު މި ވަނީ ފްރޭމްކުރުން ކަންފަތުގައި ހަރުލައިފަ އެވެ. ސިޔާސީ ކަންކަމުގައި އުޅޭ މީހަކަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ އެކަމުގައި ހަގީގަތެއް އޮތަސް އަދި ނެތަސް މިހާރު ގޮވާނީ ފްރޭމް ފްރޭމް، ފްރޭމް ފްރޭމް އެވެ.

ނިންމާލާނީ "ސިޔާސީ" ފްރޭމްގެ އެހެން ކަމަކުންނެވެ. ސިޔާސީ މަގާމު ތަކާއި ސިޔާސީ މަސައްކަތާއި ސިޔާސީ ހަރަކާތްތެރިންނާއި މިހެން ގޮސް ސިޔާސީގެ ލަގަބު ވަރަށް ގިނަ ބަޔަކު އަމިއްލަ އަށް ލިބިގަނެގެން ވެސް އެބަ އުޅެ އެވެ. މި ލަގަބުގައި ހިމެނޭ މީހަކު ކިތަންމެ ފާޅުކަން ބޮޑު ކުށެއް ކުރަނިކޮށް ހައްޔަރުކޮށް އަދަބު ދިނަސް ވަނީ "ސިޔާސީ ކުށްވެރިން" ނަށެވެ. ސުވާލަކީ ކުށްވެރިވެފައި ހުއްޓަސް ސިޔާސީ ވެއްޖިއްޔާ މިނިވަންކުރަންވީތޯ އެވެ. ސިޔާސީ ވިޔަސް "ކުށެއް" ކަމަށްވާ ނަމަ އަދަބު ލިބެން ޖެހޭނެ އެވެ. އެހެންވެ "ސިޔާސީ ކުށްވެރިން"ނޭ މި ކިޔާ ބަހާ މެދު ވިސްނާލަމުން ނިންމާލަން ހިނގާ އެވެ. އެކަމަކު ސިޔާސީ ޑިކްޝަނަރީ މުއްސަނދި ކޮށްދެއްވި ބޭފުޅެއްގެ ނަން ނުގެނެސް ނިންމާލާކަށް ވެސް ނުވާނެ އެވެ. ދިވެހިންގެ ސިޔާސީ ޑިކްޝަނަރީ އަށް އެންމެ ގިނަ ބަސްތައް ތައާރަފްކޮށްދެއްވި ބޭފުޅަކަށް ވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވަޅުޖެހިފައި ވަނިކޮށް އެ މަނިކުފާނު ހިރަފުސް ފޮޅުއްވައި ދިވެހިންގެ ތެރެއަށް ފަރިތަކޮށްދެއްވި ބަސްތައް ގުނާ އަދަދު ނުކުރެ އެވެ. އެ ލިސްޓް ފަށައިފިއްޔާ އަވަހަކަށް ނުނިމޭނެ އެވެ.