އެޗްޑީސީ

އެޗްޑީސީގެ ހިދުމަތްތައް އޮންލައިންކޮށް ދޭ "މައި ހުޅުމާލެ" ތައާރަފްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިން ޕްލެޓްފޯމަކުން ލިބޭނެ ގޮތް ހެދުމަށް އެޗްޑީސީން ޑިޒައިންކޮށްފައިވާ "މައި ހުޅުމާލެ" ޕޯޓަލް އެ ކުންފުނިން މިއަދު ތައާރަފްކޮށްފި އެވެ.

މައި ހުޅުމާލެ ޕޯޓަލް އަކީ ޔުސާ ނޭމް އެއް ހަދައިގެން އެޗްޑީސީން ކަސްޓަމަރުންނަށް ލިބެން ހުންނަ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. އެ ޕޯޓަލް ތައާރަފްކޮށްފައިވަނީ މިއަދު އެޗްޑީސީން ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު، އަދި ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު އެވެ.

އެޗްޑީސީގެ މައި އިމާރާތުގައި މިއަދު ހުޅުވި އާ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ، އެޗްޑީސީ މިއަދު ތަރައްގީވަމުން ދާ ގޮތަށް ބަލާއިރު މާޒީއާއި މިއަދާ ހުރި ތަފާތު ފާހަގަވާކަމަށާއި ފާއިތުވި ތިން އަހަރުގެ ތެރޭގައި ހުޅުމާލެއަށް އައިސްފައިވަނީ ހައިރާންކުރުވަނިވި ތަރައްގީއެއް ކަމަށެވެ. އެ މަސައްކަތްތައް ކުރުމުގައި އެޗްޑީސީން އަދާކުރަމުންދަނީ ވަރަށް ހިކްމަތްތެރި ދައުރެއް ކަމަށް ޒުހޫރު ވިދާޅުވީ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، މިއަދު ފެށިގެން މިދާ މަސައްކަތަކީ ހުޅުމާލެއަށާއި ހުޅުމާލޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ. އެޗްޑީސީން ހޯދަން ބޭނުންވާ ހިދުމަތްތައް ހުޅުމާލެއަށް، ނުވަތަ އެޗްޑީސީއަށް ދަތުރު ނުކޮށް ކުރެވޭނެ މަގު މައި ހުޅުމާލެ ޕޯޓަލްގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

މައި ހުޅުމާލެ ޕޯޓަލް މިއަދު ތައާރަފްކޮށްފައިވާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މައި ހުޅުމާލެ އެޕްލިކޭޝަން ފޯނުތަކުގެ ޕްލޭސްޓޯރަށް ގެންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދުން ފެށިގެން އެ ކުންފުނީގެ ވެބްސައިޓުން މައި ހުޅުމާލެ ޕޯޓަލްގެ ހިދުމަތް ހޯދޭނެ އެވެ.