ގަތާލެވިފައިވާ އެކި ފަންތީގެ އުސް އިމާރާތްތަކާއި ހިތްގައިމު ޔޮޓް މެރީނާއެއްގެ އިތުރުން ބޮޑު ކްރޫޒްލައިނާ ޓާމިނަލެއް ދައްކުވައިދޭ މަތީގައި އެވާ ފޮޓޯ އަކީ ތަރައްގީވަމުންދާ ހުޅުމާލޭގެ ކުރިމަގު ދައްކުވައިދޭ "ތްރީޑީ ތަސައްވުރެ" ވެ. އެއީ ސަރުކާރުން ހުޅުމާލެ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ މާސްޓާޕްލޭންގެ ފުރިހަމަ މޮޑެލެވެ. އެ މޮޑެލް މިހާރު އެވަނީ އެޗްޑީސީގެ މައި އިމާރާތުގައި މުޅިން އާ "އެގްޒިބިޝަން ސެންޓަރ" އެއް ހަދައި، ހުޅުމާލެއާ މެދު ޝައުގުވެރިވާ އިންވެސްޓަރުންނާއި، ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް ދައްކާލުމަށް މައުރަޒްކޮށްފަ އެވެ.
ހުޅުމާލޭގައި އެޗްޑީސީގެ ކުރީގެ އެގްޒިބިޝަން ސެންޓަރަށް ބޮޑު ބަދަލެއް ގެނެސް އެތަން މިއަދު ހުޅުވާލާފައިވާއިރު، އެ އިމާރާތަށް ވަންނަ މައި ދޮރުގެ ކަނާތް ފަރާތުން ފެންނަ އެ ބޮޑު މޮޑެލްއިން ދައްކުވައިދެނީ މީގެ ފަސް ވަރަކަށް އަހަރު ފަހުން ހުޅުމާލެ އޮންނާނެ ގޮތުގެ ސާފު ތަސްވީރެކެވެ. އެ މޮޑެލްއާ އެއްގޮތަށް މިހާރު ހިއްކާފައިވާ ފޭސް ދޭކާއި އެކެއްގެ ބޮޑުބައި ނިންމަން އެޗްޑީސީން އަމާޒު ހިފާފައިވަނީ 2018ގެ ނިޔަލަށެވެ.
ހުޅުމާލޭގެ "ކޮމްޕްލީޓް" މޮޑެލްއާއެކު، މިއަދު ހުޅުވި އެ ސެންޓަރުގައި ވަނީ "ވާޗުއަލް ރިއަލިޓީ ހެޑްސެޓް" ބޭނުންކޮށްގެން "ފިއުޗާ ހުޅުމާލެ" ބަލާލެވޭނެ އިންތިޒާމްވެސް ގާއިމްކޮށްފަ އެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، އެގްޒިބިޝަން ސެންޓަރު އިންވެސްޓަރުންނާއި ރައްޓެހި ތަނެއްގެ ގޮތުގައި ތަރައްގީކޮށްފައިވަނީ، ބޭރުގެ އެކި ހިސާބުތަކުން ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ހުޅުމާލޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ދައްކާލައި، އިންވެސްޓަރުން ޝައުގުވެރިވާ ފުރުސަތުތަކަކީ ކޮބައިކަން ދެނެގަތުމަށް ކަމަށެވެ.
"ބޭރުގެ އެކި ހިސާބުތަކުން ރާއްޖެއަށް އަންނަ ފަރާތްތަކަށް އަޅުގަނޑުމެން އެބަ ޖެހޭ ވެލްކަމިން މާހައުލެއް ދައްކަދޭން. ހަމަ އެއާއެކު އިންވެސްޓާ ފްރައިންޑްލީ ތަނަކަށް ހުޅުމާލެ ހަދަން އެބަ ޖެހޭ. އެ ފަރާތްތަކަށް ވަރަށް ސާފުކޮށް އެބަ އެނގެންޖެހޭ ހުޅުމާލެ ތަރައްގީކުރަން ހުރި ފުރުސަތުތަކަކީ ކޮބައިކަން، އެގޮތުން ތްރީޑީ މޮޑެލް އެއް ތައްޔާރުކުރުމަކީ އެންމެ މުހިއްމު އެއް މަސައްކަތް ކަމުގައި އަޅުގަނޑުމެން ދެކުނިން،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެގްޒިބިޝަން ސެންޓަރު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް، މާސްޓާޕްލޭންގެ މޮޑެލް "ވީއާރް" މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމާއެކު ހުޅުމާލެއަށް އަންނަ އިންވެސްޓަރުންނަށް ހުޅުމާލޭގެ މަޝްރޫއުތައް ޝޯކޭސް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ސައިމަން ވިދާޅުވި ގޮތުގައި ހަފްތާއެއްގެ މައްޗަށް ތިން ހަތަރު ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރުން ހުޅުމާލެއަށް ޒިޔާރަތްކުރެ އެވެ. އެހެންކަމުން އިންވެސްޓަރުންގެ މެދުގައި ހުޅުމާލޭގެ ޝައުގުވެރިކަން މީގެ ކުރިން ދުވަހަކު ނެތް ވަރަށް މިހާރު އިތުރުވެފައިވާ ކަމަށާއި އެކަން އެގޮތަށް ބަދަލުވެފައި ވަނީ މި ސަރުކާރުން އިގްތިސާދީ އެޖެންޑާއަށް ގެނައި މުހިއްމު ބަދަލުތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ އަކީ ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ މަގްބޫލުކަން އެންމެ ބޮޑަށް ލިބެމުންދާ އެއް ތަނަށް ވެފައިވާއިރު، ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރުންނަށް ލިބެންހުރި ފުރުސަތުތަކަކީ ކޮބައިކަން އަޅުގަނޑުމެން ދައްކާލަން އެބަޖެހޭ ޒަމާނީ ފެންވަރެއްގައި،" އެޗްޑީސީން މިހާރު މަސައްކަތުގެ އަމާޒު ހިފާފައިވަނީ އެ ފެންވަރު ދެމެހެއްޓުމަށް ކަމަށް ސައިމަން ވިދާޅުވި އެވެ.