ހަބަރު

"ރާއްޖެ ކުރިޔަށް ގެންދަން ބޭނުމީ ފުއްލާގެ ދުވެލީގައި"

މުސްކުޅި ސާރިދޯޅެއްގެ ދުވެލީގައި ކުރިއަށް ދާން ރާއްޖެއަށް ވަގުތު ނެތް ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ޒުވާން ފުއްލާއެއްގެ ދުވެލީގެ ކުރިއެރުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"އަސްލު ރ. އަތޮޅު ބޮޑު ޖަލްސާ" ގެ ނަމުގައި މިރޭ ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަރައްގީގެ މަސައްކަތުގައި މުސްކުޅި ސާރިދޯޅެއްގެ ދުވެލީގައި އެމަނިކުފާނަށް ދެވެން ނެތް ކަމަށެވެ. އަދި އެ ދުވެލީގައި ރާއްޖެ ކުރިއެރުމަކީ ޒުވާނުން ދެކޭނެ ހުވަފެނެއް ނޫން ކަމަށެވެ. ޒުވާނުން ބޭނުންވަނީ ރާއްޖެ އަވަސް ދުވަލީގައި ކުރިއަރައި ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދަކު ނެތް މި ބަވަނަވެފައި އޮތް ދުނިޔެއަކު ނެތް ދުވަސްވެފައި އޮތް ސާރިދޯޅެއް ނޫނީ އެ ހިނގުމުގެ ނުވަތަ އެ ދުވެލީގެ ލަސްކަން މަތީ ތިބެވޭކަށް އަޅުގަނޑުމެންނަށް ނެތް، އަޅުގަނޑުމެން ޖާގަ ހޯދަން މި ޖެހެނީ ޅަދޮޅު ފުއްލާގެ ބާރު ސްޕީޑުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެފަދަ ލަސް ދުވެލީގައި ގައުމުގެ ތަރައްގީ ކުރިއަށް ގެންދަން ޖެހޭނަމަ ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށްވުރެ ކުރިއަރާ ގޮސް، ރާއްޖެ ސަފުން ބާކީވެ، "ޝިކާރަ"ވެގެން ދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށްވުމަކީ އެމަނިކުފާނު އެދޭ ގޮތް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ޝިކާރަވާކަށް، އަޅުގަނޑުމެން ބޭނުން ވަނީ އެހެން ތަންތަނުން ފަހަތުން ގޮސް ޝިކާރަކުރަން،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓް ވެސް ވާން ޖެހޭނީ ފުރުސަތުތައް ތަނަސްވަންކޮށްދޭ ޖާގަދޭ ބަޖެޓަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަބަދު "ބަލި ކުކުޅަކަށް" އިންޖެކްޝަން ޖަހާހެން އިންޖެކްޝަން ޖަހަޖަހަ ނުތިބެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ބަވަނަވެފައިވާ ދުނިޔެއެއްގަ މި އަންނަ ތަރައްގީން ބާކީވެފައި އޮންނަ ގައުމަކަށް ރާއްޖެ ވާކަށް، އަޅުގަނޑުމެން ބޭނުންވަނީ ކުޑަ ނަމަވެސް މުސްތަގިއްލު ފަހުރުވެރި ގައުމަކަށްވާތީ އަޅުގަނޑުމެންގެ އިގުތިސޯދަކީ ވެސް އަޅުގަނޑުމެންގެ ވިސްނުމާ ފައިތިލަ ހަމަކުރާ އިގުތިސޯދަކަށް ވެގެން ދާން، ބަޖެޓުން މިކަހަލަ ކަންކަމަށް ޖާގަ ހޯދަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުރިއަށް ދެވޭނީ އުއްމީދެއް އޮވެގެން ކަމަށާއި އުއްމީދުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ސަރުކާރުން އުއްމީދުކުރުމަށް ބާރު އަޅާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިހާރު އުއްމީދުތައް ސްކޫލްގައި ކުލާސް ރޫމެއް އަޅައިގެން ނުފުދޭ ކަމަށާއި މިހާރުގެ އުއްމީދުތައް ހުރީ އެއާޕޯޓް އެޅުންފަދަ ބިޔަ މަޝްރޫއުތަކަށް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު މިކުރަނީ ޒުވާނުންނާއެކު ދާން އޮތް ރާއްޖެއެކޭ މިއަކީ، އުއްމީދުކުރަނީ އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހެއޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ޖިންސެއް ގިންތިއެއް ތަފާތު ނުކޮށް ރައްޔިތުންގެ ހުރި އުއްމީދުތައް ފުރިހަމަ ކޮށްދެވޭނެ ގޮތެއް ހަދައިދިނުން،"

ރައީސްގެ ވިސްނުން ހުރީ މީހުންނަށް ތަނަވަސް ދިރިއުޅެއް އުޅެވޭނެ ޖާގަ ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މާލޭގައި ރައްޔިތުން ތޮއްޖެހި ދަތިހާލުގައި އުޅޭއިރު ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި އެކަމުން ދިވެހި ޅަ ދަރިން ސަލާމަތްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބިން ނެތް މާލެއިން ޖާގަ ހޯދައި، ބަގީޗާތައް މި ސަރުކާރުން ހަދަނީ ވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އުއްމީދުކުރުމަކީ ހުވަފެން ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑު ޒައާމަތުގައި އެއީ ކުށެއް ނޫން، އަދި އެއީ ކުރަން ވެސް ޖެހޭ ކަމެއް، އެކަންކަން ހާސިލުކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ،"