ތިމާވެށި

ގްރީން ފަންޑުން ރާއްޖެއަށް 23 މިލިއަން ޑޮލަރު ލިބޭނެ: މިނިސްޓަރު

ކްލައިމެޓް ގްރީން ފަންޑުން ރާއްޖެއަށް 23 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮޕް 22 ގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް ފުރާވަޑައިގަތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކުގެ ހިމާޔަތަށް ކުރަންޖެހޭ ކަންކަމަށް ތަރައްގީވެފައިވާ ގައުމުތަކުން ދޭން ވައުދު ވެފައިވާ ފައިސާ އަވަހަށް ލިބޭނޭ ގޮތެއް ތަނަވަސް ކުރަން ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

ކޮޕް 22 ޖަލްސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރު ޑިސެމްބަރު މަހު ޕެރިހުގައި ބޭއްވި ޖަލްސާއަށްފަހު މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ބާއްވާ އެންމެ ބޮޑުު ބައްދަލުވުމެވެ. މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޕެރިސް އެގްރިމެންޓުގައި ހުރި މުހިއްމު ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރަން ކަމަށެވެ.

"އެ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށްފަހު މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މި މަހު 20 ވަނަ ދުވަހު އެވެ.