- ބިޑްގައި ހަތަރު ފަރާތަކުން ވާދަކުރި
- 161.8 މިލިއަން ރުފިޔާގެ މަޝްރޫއެއް އެއީ
- 18 މަސްދުވަހުން މަޝްރޫއު ނިމޭނެ
![](https://images-01.avas.mv/post/big_HJAr2k4Mz1pxDz5.jpg)
އައްޑޫ ކޮންވެންޝަން ސެންޓަރު، އީސީސީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމަށް އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހައުސިން މިނިސްޓްރީން އިން މިއަދު ހަވާލުކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެލިއާގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު އަތޯއު އަލީ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ސާކް ސަމިޓަށް ބިނާކުރި ކޮނެވެންޝަން ސެންޓަރަކީ ކުރީގެ ރައީސް ނަޝިދު ކުރެއްވި ބޭކާރު ހަރަދެއް ކަމަށެވެ. ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމީ، އެތަން އެހެން ހުރެ ހަލާކުވިޔަ ނުދީ ފައިދާހުރި ގޮތެއްގައި އެތަނުގެ ބޭނުންކުރުމަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަށް ބަދަލު ކުރަނީ، އައްޑޫގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ނުކުރެވި ދިގުލައިގެން ދާތީ އާއާ އިމާރާތެއް އަޅާ ނަމަ އިތުރު ވަގުތާއި ހަރަދު ދާނެތީ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް އެޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ގަބޫލުކުރެވިގެން ކަމަށެވެ.
އަލުން ޑިޒައިންކޮށް، މިހާރު ހުރި ކޮންވެންޝަން ސެންޓަރު އިމާރާތަށް ބޮޑު ބަދަލުތަކެއް ގެނެސް ދެ ބުރިއަށް އަޅާ އެ އިމާރާތުގެ މަޝްރޫއަށް 161.8 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ. ހޮސްޕިޓަލް އިމާރާތްކޮށް ނިންމަން އެލިއާ އަށް ދީފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.
![](https://images-01.avas.mv/post/big_Cp0LKERAroQtfVx.jpg)
އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމައި އެ ހޮސްޕިޓަލް ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އެކަމަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. މިނިސްޓަރު ވިދާޅުވީ، ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް އެކަމަށް ކުރިން އަމާޒުވީ ނަމަވެސް، މަސައްކަތުގެ ފައިދާ އާއި މުހިއްމުކަމަށް ބަލާއިރު އެކަމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭ ކަމަށެވެ.
އެލިއާއިން ބުނީ، މަޝްރޫއަށް ހުށަހަޅާފައިވާ އަގުގެ ތެރޭގައި ހޮސްޕިޓަލަށް ގަންނަން ބޭނުންވާ މެޝިނަރީތައް ގަތުން ފިޔަވައި އެހެން ހުރިހާ ހަރަދެއް ހިމެނޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލް އިމާރާތްކޮށް ނިންމާނެ ކަމުގެ ޔަގީންކަން އެ ކުނފުނިން ވަނީ ދީފަ އެވެ.
ކޮންވެންޝަން ސެންޓަރު އެޅުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެލިއާގެ އިތުރުން ހަތަރު ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހައުސިން އިން ބުންޏެވެ.