ޝަރުއީ ދާއިރާ

އަންނަ އަހަރު ބަޖެޓުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ ހަމަނުޖެއްސޭނެ: ޝަރުއީ ދާއިރާ

ފަނޑިޔާރުންތަކެއް: އަންނަ އަހަރުގެ ބަޖެޓް ޝަރުއީ ދާއިރާއަށް ކުޑަ ކަމަށް ވަނީ ބުނެފަ - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

އަންނަ އަހަރު ޝަރުއީ ދާއިރާއަށް ލަފާކޮށް، ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ ހަމަނުޖެއްސޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ. ޝަރުއީ ދާއިރާއަށް ލަފާކޮށްފައިވަނީ 367 މިލިއަން ރުފިޔާ އެވެ.

ޑީޖޭއޭއިން މިއަދު އާންމުކުރި ޝަރުއީ ދާއިރާގެ ބަޖެޓް ރިޕޯޓްގައިވާ ގޮތުން، އެ ޑިޕާޓްމެންޓުން އަންނަ އަހަރަށް އަންދާޒާކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވީ 475 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ، މިދިޔަ އަހަރުގެ ބަޖެޓަށްވުރެ ހަ މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަމަވެސް މިނިސްޓްރީން އެ ޑިޕާޓްމަންޓަށް ބަޖެޓް ކަނޑަޅާފައިވަނީ، އެ ޑިޕާޓްމެންޓުން އެދުނު އަދަދަށްވުރެ 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑުމަށްފަހު އެވެ.

"2017 ވަނަ އަހަރަށް ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބެޖެޓް ސީލިންއަށް ޝަރުއީ ދާއިރާއިން ބަޖެޓް ހުށަހަޅާފައިވަނީ ފާއިތުވި އަހަރުތަކުގައި ޝަރުއީ ދާއިރާއަށް ފާސް ކޮށްދެއްވާފައިވާ ބެޖެޓްތަކުގެ ތެރެއިން ކުރެވިފައިވާ ރިކަރަންޓް ހަރަދުތަކަށް ރިއާޔަތްކޮށް ހަރަދު ކުޑަ ކުރެވެން ހުރި ދާއިރާތަކުން ހަރަދު ކުޑަކުރެވޭނެ ގޮތްތައް ދެނެގަނެ، 2017 ވަނަ އަހަރު ނަތީޖާ ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ދުރާލާ ޕްރޮގްރާމް ކުރެވިގެން،" ޑީޖޭއޭއިން ބުންޏެވެ.

ބަޖެޓުން ބޮޑު އަދަދެއް އުނިވެގެން ދިޔުމުގެ ސަބަބުން މިހާރު ޝަރުއީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ހަމަނުޖެއްސޭނެ ކަމަށް އެ ޑިޕާޓްމެންޓުން ބުނާއިރު އަންނަ އަހަރަކީ އިންތިހާބީ އަހަރަކަށްވެފައި ކޯޓުތައް އިންތިހާބީ އަހަރުތަކުގައި ތައްޔާރީ ހާލަތުގައި ތިބެންޖެހޭކަން ވެސް އެ ޑިޕާޓްމެންޓުން ވަނީ ފާހަގަކޮށްފަ އެވެ.

"މިހާރު ޝަރުއީ ކޯޓުތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން އަލަށް ގާއިމުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ސަރަހައްދީ ގޮފިތަކަށާއި ޖުޑީޝަލް އެކަޑަމީއަށާއި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސިވިލް ކޯޓުގެ މާކެންޓައިލް އެންޑް އެޑްމިރަލްޓީ ޑިވިޒަންއަށް ހަމަޖައްސާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 378 މިލިއަން ރުފިޔާ ބޭނުންވޭ،" އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައި ޑީޖޭއޭއިން ބުނެފައިވަނީ އަންނަ އަހަރުގެ ބެޖެޓްގެ ތެރެއިން ޝަރުއީ ދާއިރާއިން އަންދާޒާކޮށްފައިވާ ބެޖެޓުން ބޮޑު ބައެއް އުނިކޮށްފައިވުމުގެ ސަބަބުން ދާއިރާގެ ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށް ދެކޭ ކަމަށެވެ. މި އަހަރުން ފެށިގެން ފަނޑިޔާރުންގެ ހެލްތް އިންޝުއަރެންސްގެ ޕްރީމިއަމް ބޮޑު ކުރުމާ ގުޅިގެން އެކަމަށް އުތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބެޖެޓްގައި ހިމަނާފައި ނެތުމަކީ ފަނޑިޔާރުންގެ އިންޝުއަރެންސް ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

"މި ހިނގާ 2016 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވިއިރު އޭރު ޝަރުއީ ދާއިރާގައ މަސައްކަތް ކުރައްވަމުން ގެންދެވި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ބަޖެޓް ދެއްވާފައިނުވުމުގެ ސަބަބުން މިހިނގާ 2016 ވަނަ އަހަރު ވެސް ތިން މިލިއަން ރުފިޔާގެ ޝޯޓްފްލޯއެއް ޝަރުއީ ދާއިރާގެ ބަޖެޓަށް ވަނީ ކުރިމަތިވެފަ،" ޑީޖޭއޭއިން ބުންޏެވެ.

އޭގެއިތުރަށް މިހާރު އޮތް މިންވަރަށް ބެޖެޓް ފާސްވެއްޖެނަމަ ދާއިރާ ހިންގުމަށް ބޭނުންވާ ސްޓޭޝަނަރީޒް އާއި ޓެލެފޯނާއި އިންޓަނެޓާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އެހެންވެސް މުހިންމު ހިދުމަތްތައް ހޯދުން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ފަނޑިޔާރުން ގާނޫނަށް އަހުލުވެރިކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ވެސް އެ ބަޖެޓުން ނުހިންގޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އުމްރާނީ ވަސީލަތްތައް ފަހިކޮށްދިނުމަކީ ވެސް ނާދިރުކަމެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މިހާރު ބަޖެޓް ފާސްވެއްޖެނަމަ ޝަރީއަތްތައް އަވަސްކުރުމުގެ ގޮތުން ރަށްރަށް ފަނޑިޔާރުން ވަޑައިގެން ކުރައްވާ ޝަރީއަތްތައް ވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

  • ކަމާލް

    ޙުކުމް ކުރަނީވެސް ކުރާނެ ގޮތަަކަށް. ބަޖެޓް ހަދާނީ އެހަދާމީހުން ބޭނުން ގޮތަކަށް. މަދުވާ ބައި ކޮރަޕްޝަނުގެ ގޮތުގައި ހަމަޖެހޭނެ ކަމަށް ބަޖެޓް ކޮމެޓީން ލަފާކޮށްފަ އެއިނީ . ކުރާ ޙުކުމަކަށް މުސާރަ މިމީހުންނަށް ދޭންވީ. މައްސަލައެއް ހުށައަޅާ މީހާ މަރުވާއިރުވެސް ޙުކުމް ނީއްވޭ. ކޮރަޕްޝަނުގެ ޙުކުމެއް ވިއްޔާ ދަންވަރު ކޯޓުހުޅުވައިގެން ކޮންމެ ދުވަހަކު މައްސަލަ ތާވަލުކޮށްގެން ޓެރަރިޒަމްގެ ދައުވާތައް އެބަނިންމޭ ދެދުވަހުން.

    REPLY
    CLOSE
  • ޏ އައިކު

    ކީއްކުރާ މުސާރައެއް؟

    REPLY
    CLOSE
  • އަލީ

    މުސާރައާއި އެލަވަންސްތައް ކުޑަކޮށްބަލަ. ތި ފަނޑިޔާރުންގެ. އަދި ރިޓަޔަރ ވުމަށްފަހު އެއޮންނަނީވެސް ހާދަ ބޮޑު މުސާރައެކޭ ފަނޑިޔާރު ކިޔައިފިއްޔާ!

    REPLY
    CLOSE

ފަހުގެ ޚަބަރު