ވަޒީފާގެ ފުރަތަމަ ދުވަހު އޭނާއަށް ޖެހުނީ ފޮތް ގުނާށެވެ. ވަންނަން ޖެހުނީ ފޮތް ގުދަނަ ކަށެވެ. ބުރަކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެއީ އޭނާގެ އުމުރުން ގާތްގަނޑަކަށް ވިއްސަކަށް އަހަރުގަ އެވެ. މިއީ އެލައިޑް އިންޝުއަރެންސްގެ ގާބިލް މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލްގެ، ވާހަކައިގެ ފެށުން އަންނަ ހިސާބެވެ.
"އެލައިޑަށް ވަނީ އިންޝުއަރެންސުގެ އެންމެ ދަށް މަގާމަށް. އަންޑަ ރައިޓިން އޮފިސަރަކަށް. އޭރު ޖެހޭ ހުރިހާ ކަމެއް ކުރަން. ފުރަތަމަ ޕްރޮޕޯސަލް ފޯމު ވެސް ފުރިން. އޭރު މުޅި ކުންފުނީގައި ތިބެނީ ވެސް އެންމެ ހަތަރު ވަރަކަށް މީހުން،" އެލައިޑު ވަޒީފާއަށް ވަދެ ފުރަތަމަ ކުރި ތަޖުރިބާ އަމީލް "އަވަސް" އާ ހިއްސާ ކުރެއްވި އެވެ.
އަމީލް އެލައިޑާ ގުޅުނީ ސްކޫލް ނިންމި ގޮތަށެވެ. އެ ދުވަސްވަރަކީ ސަރުކާރުން އެލައިޑް ފުޅާ ކުރުމުގެ ސައްލާތައް ކުރަމުން ދިޔަ ދުވަސްވަރެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ވަޒީފާއަށް ނުކުތް ދުވަހަކީ ތަފާތު ދުވަހެކެވެ.
"އޮފީހަށް ފުރަތަމަ ނުކުތް ދުވަހު ހިތަށް އެރި ހަފުތާއެއް ފަހުން ކެނޑޭނީއްޔޭ! ފަހުން ހިތައް އެރީ އުޅެލާނީޔޭ؟ އެންމެ ބޮޑަށް ހިތްހަމަޖެހުނީ މީހުން މަދުވީމަ. އުޅެލީމަ މަޑުމަޑުން ހޭނުނީ،" މަޑުމައިތިރި، ހިތްހެޔޮ މިޒާޖެއްގެ ވެރި، އަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެލައިޑުގެ ވަޒީފާއަށް ފުރަތަމަ ނުކުތް ދުވަހު ނުކެނޑެވުނު ކަން ނަސީބެވެ. އޭގެ ފަހުން އޭނާގެ ހުވަފެނުގައި ކުލަ ޖެހެން ފެށުނެވެ.
އިންޝުއަރެންސަކީ ކޮން އެއްޗެއްކަން ނޭނގޭ ޒަމާނެއްގައި ދާއިރާއިން މަތީ ތައުލީމަށް ކިޔަވަން ފުރުސަތު ލިބުމަކީ ކުޑަ ނަސީބެއް ނޫނެވެ.
"އަޅުގަނޑުމެން ވަން ދުވަހުން ފެށިގެން އަޅުގަނޑުމެންނަށް ޓްރެއިން ދެވުނު. އެއިރު މި ތަނުގައި ހުރި ޔޫއެންގެ އެކްސްޕާޓެއް. އެ ބޭފުޅާއާއެކު ޓްރެއިންވީ. އޭގެ ފަހުން މަސައްކަތައް ނުކުތުމުން ދަތިކަމަކާ ދިމަލެއް ނުވޭ،" އިންޝުއަރެންސުގެ ދާއިރާގެ އެންމެ މަތީ ފާސް ނަގައިގެން ރާއްޖޭގައި ތިބި މަދު މީހުންގެ ތެރޭގައި ހިމެނޭ އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެލައިޑު "ބޮޑުވީ" ކުންފުނީގެ ހިންގުންތެރި، ވެރިންގެ ހިކުމަތުން ނެވެ. އަމީލަށް ކުރިއެރުން ލިބުނީ އެކި ޒަމާންތަކުގައި ކުންފުނީގައި ތިއްބެވި ވެރިންގެ އެއްބާރުލުމާއިއެކުގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާ ހިސާބަށް އައިސްފައިވަނީ އެލައިޑާއި އެސްޓީއޯގެ މެނޭޖުމަންޓްތަކުން ކުރެއްވި މަސައްކަތުން. އެ ބޭފުޅުންގެ ތަސައްވަރަކީ އެލައިޑް ޑިވްލޮޕްވާން ޖެހެނީ އެލައިޑްގެ ތެރެއިން ނޭ. އެ ފިލޯސަފީ އަޅުގަނޑުމެން އަބަދު ވެސް ދަމަހައްޓަމުން މި ގެންދަނީ،" ޝުކުރުވެރިކަމާއެކު، އަމީލް ފާހަގަ ކުރެއްވި އެވެ.
އަމީލް އެލައިޑް އިންޝުއަރެންސާ ގުޅުނުއިރު "އިންޝުއަރެންސް" މި ބަސް ދިވެހިންނަކަށް ނޭނގެއެވެ. އެ ދުވަސްވަރު އިންޝުއަ ކޮށްގެން ތިބި ވިޔަފާރިތަކެއް ނުހުރެ އެވެ. އަމީލް ވިދާޅުވި ގޮތުގައި އިންޝުއަރެންސް ފުޅާވީ ސުނާމީގެ ފަހުންނެވެ.
"އޭރު ހަމައެކަނި އިންޝުއަރެންސް ނަގާނީ ބޭންކްތަކުން. އޭގެ ޓެކްނިކަލްޓީ އޭރަކު ނޯންނާނެ. ކޮންމެ ވެސް ބޭންކެއް ބޭނުން ވެގެން ނަގާނީ. ނޫނީ ބޭންކުން ބުނެގެން ނަގާނީ. އޭރު ބޮޑެތި ރިސޯޓުތަކަށް ވެސް ވިސްނިމިފައި އޮންނަނީ މިއީ މާބޮޑު ކަމެއް ނޫނޭ. ސުނާމީގެ ފަހުން މި ޑިވްލޮޕްމަންޓް އައީ. ބޮޑު ގްރޯތެއް ފެނުނީ. ލޯ ހުޅުވިގެން ދިޔައީ އޭގެ ފަހުން،" އެލައިޑުގެ މެނޭޖިން ޑިރެކްޓަރުކަން 2013 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން ގެންދަވާ އަމީލް ވިދާޅުވި އެވެ.
އަމީލް ވިދާޅުވި ގޮތުގައި އެލައިޑް އިންޝުއަރެންސުގެ އެންމެ އާދައިގެ މަގާމުން ފެށި، މުވައްޒަފަކު ކުންފުނި ހިންގުމާ ހަވާލުވާން ޖެހިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
" އެއިރު ހިތަށް އެރީ ވަކި ހިސާބަކަށް އައިސް ހުއްޓޭނެ ކަމަށް. މި ހިސާބަށް އަންނާނެ ކަމަށް ވިސްނުމަކަށް ނާދެ،" އަމީލު ވިދާޅުވި އެވެ.
އަމީލް މިހާރުގެ މަގާމަށް ގެނެސް ދިނީ އެލައިޑު އިންޝުއަރެންސުންކަން އޭނާ އަބަދު ވެސް ހަނދާން ކުރެ އެވެ. އެކަމާ ޝުކުރުވެރިވެ އެވެ.
"އަޅުގަނޑު މިހާ ހިސާބަށް އާދެވުނީ އެލައިޑްގެ ސަބަބުން. އެކަމަށް މާތްﷲ އަށް ޝުކުރުވެރިވަން. އެލައިޑުން އެންމެ ފުރަތަމަ ދަސްވި އެއްޗަކީ މަސައްކަތް ދެކެ ލޯބި ވެވިގެންނޭ ކުރިއަށް ދެވޭނީ. އެ ފުރުސަތު ހުޅުވާލަ ދިނީ އެލައިޑުން،" އަމީލް ވިދާޅުވި އެވެ.
އަމީލަށް ދުނިޔޭގެ އެކި ގައުމުތަކުން ވަޒީފާގެ ފުރުސަތުތައް އޮހުނެވެ. އެކަމަކު އެ ހުށަހެޅުންތައް އޭނާ ދިނީ ބީރު ކަންފަތެކެވެ. ސަބަބަކީ ގައުމަށް ހިދުމަތް ކުރުމުގެ މާތް އަޒުމު ހިތުގައި އޮތުމެވެ.
"އަޅުގަނޑު ޔޫކޭގައި މާސްޓާ ހަދަން އުޅުނުއިރު ފުރުސަތު ލިބުނު އިނގިރޭސިވިލާތުގައި ވަޒީފާ އަދާކުރަން. އެކަމަކު އަޅުގަނޑު ބޭނުން ނުވީ އެގޮތް. ބޭނުންވީ ގައުމަށް ހިދުމަތް ކުރަން. އެލައިޑަކީ އަޅުގަނޑުމެން މިހާ ހިސާބަށް ގެނައި ކުންފުނި. އެހެންވެ ލޯބި ހުރޭ. އަޅުގަނޑު ގަސްތަކީ މި ތަނުގައި ހުރެ ރިޓަޔާ ކުރުން. އެކަމަކު ވާނެ ގޮތެއް ނޭނގެ،" އަމީލް ވިދާޅުވި އެވެ.
އަމީލްގެ ނިޔަމިކަމުގައި އެލައިޑުގެ ވިޔަފާރި ވޭތުވެދިޔަ ފަސް އަހަރުވަނީ 20 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިދީފަ އެވެ. މިހާރު ރާއްޖޭގެ އިންޝުއަރެންސުގެ ބާޒާރުގެ ރަސްކަން އެލައިޑު ކުރަމުން ދާއިރު، އެ ކުންފުނިން ދަނީ ރާއްޖެއަށް ބޭނުންވާ "ސްޓައިލް" ގެ އިންޝުއަރެންސްތައް ތައާރަފު ކުރަމުންނެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް ބޭނުންވާ އިންޝުއަރެންސްތަކާއި އާއްމު ފަރުދުންނަށް ބޭނުންކުރެވޭ އިންޝުއަރެންސްތައް ހިމެނެ އެވެ. މި ކުރިއެރުންތަކާއިއެކު އަމީލްގެ އަމާޒު މިހާރު ހުރީ އެލައިޑުގެ ވިޔަފާރި ރާއްޖޭން ބޭރަށް ފުޅާ ކުރުމަށެވެ. އެގޮތުން މި އަހަރުތެރޭގައި ދުބާއީގައި ވިޔަފާރި ފަށަން ދަނީ ތައްޔާރުވަމުންނެވެ.
އަމީލް ވިދާޅުވި ގޮތުގައި އެލައިޑްގެ އިސްލާމިކް އިންޝުއަރެންސް "އަޔާދީ ތަކަފުލް" މި ސަރަހައްދަށް ފުޅާ ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"މިއީ އެލައިޑްގެ ތާރީހުގައި ވެސް ނަގާ ވަރަށް ބޮޑު ސްޓެޕެއް. އަޅުގަނޑުމެން މި އަޅަނީ. މިއީ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިހާރު ތައާރަފުކޮށް ވިއްކުން ގެންދާ އިސްލާމިކް އިންޝުއަރެންސް އަޔާދީ ތަކާފުލް ދުބާއީގައި ވިއްކަން ފެށުމަށް،" އަމީލް ވިދާޅުވި އެވެ.
އަމީލް ވިދާޅުވި ގޮތުގައި އިންޝުއަރެންސުގެ ދާއިރާއަކީ ފުރުސަތުތައް ގިނަ ދާއިރާ އެކެވެ. މި ދާއިރާގައި އަދާކުރެވިދާނެ ގިނަ ވަޒީފާތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ދެކެން ބޭނުންވަނީ ވެސް ގިނަ އަދަދެއްގެ ދިވެހިން މި ދާއިރާގައި މަސައްކަތް ކުރާ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުންވަނީ މި ދާއިރާއަށް އާ ކުދިން ވަނުން. މި އިންޑަސްޓްރީއަކީ އެހެން އިންޑަސްޓްރީތަކާ ހިލާފަށް އަމިލައަށް މަސައްކަތް ކޮށްގެން ލާރި ހޯދޭނެ ދާއިރާއެއް. މި ދާއިރާގައި ބްރޯކަރުންނަށް ވެވޭނެ. ސާވޭއަރުންނަށް ވެވޭނެ. މި ގޮތަށް ގިނަ ދާއިރާތަކެއް އެބަހުރި. ފުރުސަތުތައް ގިނަ. ގިނަ ޒުވާނުން މި ދާއިރާއަށް ވަންނަންވީ،" އަމީލްގެ ވާހަކަ ނިންމަވާ ލެއްވީ ޒުވާނުންނަށް ދެއްވި މެސެޖަކުންނެވެ.