މަރު

ލަންކާގައި އެކްސިޑެންޓެއްވެ ދިވެއްސަކާއި އޭނާގެ ދަރިފުޅު މަރުވެއްޖެ

Nov 16, 2016

ސްރީލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކާއި އޭނާގެ ދަރިފުޅު މަރުވެއްޖެ އެވެ. މި އެކްސިޑެންޓުގައި މަރުވީ ކުޅުދުއްފުށީ ބަބޫގެ، އުމުރުން 29 އަހަރުގެ ހަސަން އަލީ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން އެ ދެބަފައިންގެ އާއިލާ މީހަކު ބުނީ އެ ހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެކްސިޑެންޓް ހިނގީ އާއިލާއާއެކު އެކު ދުއްވާލަން ނިކުތް ގަޑީގައި ކަމަށެވެ. އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އާއިލާއިން ހިއްސާއެއް ނުކުރެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ވެހިކަލްގައި އިން ހަސަންގެ އަނބިމީހާއާއި ހަގު ދަރިފުޅު ސަލާމަތްވި އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ އެފަދަ ހާދިސާއެއް ހިނގައިފަވާ ކަން ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ ހާދިސާއާ ގުޅޭ މައުލޫމާތު ހޯދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވެސް ވިދާޅުވީ އެފަދަ ހާދިސާއެއް އުޅޭކަން އެނގިފައި ނުވާ ކަމަށެވެ. އަދި އާއިލާއިން އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ވެސް އަދި ހިއްސާކޮށްފައި ނުވާކަމަށް ވެއެވެ.

މީގެ ދެ މަސް ކުރިން ލަންކާގައި ދިވެހި ޒުވާނަކު ވަނީ ރޭލެއްގެ ދަށުވެގެން ވެސް މަރުވެފަ އެވެ. އަދި އޭގެ ކުރިން 18 އަހަރުގެ ދިވެހި ޒުވާނަކު ކަރަންޓްގައި ޖެހިގެން ވެސް ލަންކާގައި މަރުވެފައިވެއެވެ. ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް ދިރިއުޅެ އެވެ.