ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކޮށް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގެ ކުނި އުފުލަން ގަންނަން ބޭނުންވި ހުރިހާ ވެހިކަލެއް ކުރިއަށް އޮތް ތިންމަހުގެ ތެރޭގައި ލިބޭނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯއިން މިއަދު ވަނީ މާލެ ސަރަހައްދުގެ ކުނި އުފުލުމުގެ ހިދުމަތަށް ބޭނުންވާ 20 ޕިކަޕާއި ތިން ލޮރީއާ ދެ އެސްކަވޭޓާ ގަތުމަށް ދެ ކުންފުންޏާކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. ވެހިކަލް ގަތުމަށް ހަވާލުކޮށްފައިވަނީ ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ނަމަކަށް ކިޔާ ކުންފުންޏަކަށާއި، ގްރީސް މޮންކީޒް ކިޔާ ދިވެހި ކުންފުންފުންޏަކަށެވެ. އެ ދެ ކުންފުންޏާއެކު އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ގިނަ އަދަދެއްގެ ވެހިކަލް ގައުމަށް މިއަދު ސޮއިކުރި އެއްބަސްވުންތަކާ ގުޅިގެން ފުއާދު ވިދާޅުވީ، ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ކުރަން ބޭނުންވާ ވަރަށް ގިނަ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިންވެސް މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ޓްރައި ސައިކަލާއި އެނޫންވެސް ގިނަ އަދަދެއްގެ ވެހިކަލް ގަތުމަށް އެކި ކުންފުނިތަކަށް ދީފައިވާއިރު، މާލެ ސަރަހައްދުގެ ކުނި އުފުލާ ވެހިކަލް ގަތުމަށް އެކަނިވެސް މިހާތަނަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު މާލެ ސަރަހައްދަށް ބޭނުންވާ ކުނި އުފުލާ ވެހިކަލްތައް ގަނެ ނިމުނީ ކަމަށެވެ. ބޭރުން ގަންނަ އެ ހުރިހާ ވެހިކަލްތަކެއް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މާލެއަށް އަންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މި މަޝްރޫއުތަކަކީ ވަރަށް ދިގުލައިގެންދާ ޕްރޮޖެކްޓް ތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން މި ވެހިކަލްތަކަކީ ބޭރު ގައުމުތަކުން ގަންނަންޖެހޭ ވެހިކަލްތަކެއް. ދެން އަޅުގަނޑުމެން މި ގެންނަނީ ސީދާ ކުނި މެނޭޖްކުރުމަށް ތައްޔާރުކޮށްފައިވާ ވެހިކަލްތަކެއް. މީގެ ސަބަބުން މާލޭގައި މިހާރު ކުނި އުފުލުމަށް ދިމާވާ ގޮންޖެހުންތައް ވަރަށް ބޮޑަށް ކުޑަ ކުރެވިގެންދާނެ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ޑިސެމްބަރު މަހު ހަތަރު ޒޯނަކަށް މާލެ ބަހާލުމަށްފަހު އެކަށޭނަ ގޮތެއްގައި ކުނި އުފުލުމުގެ ހިދުމަތް ފަށައިގަންނާނެ އެވެ.
"ޑިސެމްބަރު މަހުފަށައިގަންނާނެ ކަމުގެ ޔަގީންކަން ދެން. އެކަމަކު ފަށައިގަންނަ އިރު އެންމެ ހިތްހަމަޖެހޭ ފެންވަރުގައި މިކަން ނުގޮސްދާނެ. އެހެންނަމަވެސް ހިދުމަތް ޑިވޮލޮޕް ކުރަމުން ތަރައްގީކުރަމުން އަޅުގަނޑުމެން ގެންދާނީ. އަޅުގަނޑުމެންގެ ޕްލޭން އޮތް ގޮތުން ޑިސެމްބަރު މަހު ފައްޓާފަ ހަމަސް ދުވަހުގެ ތެރޭގައި މުޅި މާލެއަށް ފުޅާކުރުމަށް ވިސްނާފަ އޮތީ. ފޭސް ތަކަކަށް މި ބަހާލަނީ އެއްފަހަރާ އެންމެ އެކަށޭނަ ގޮތަކަށް ހިދުމަތް ނުދެވޭނެތީ،" ފުއާދު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ކުނި އުފުލުމުގެ މަސައްކަތް އާ އުސޫލެއްގެ ދަށުން ޑިސެމްބަރު މަހު ފަށާއިރު، އިންޑަސްޓްރިއަލް ވިލެޖުން ވެމްކޯއަށް ލިބޭ ބިން އަދިވެސް ނުލިބި އޮތުމާއެކު، ކުނި އުފުލުމަށް ގެންނަ ވެހިކަލްތައް މާލެ އައުމާ ދެމެދު ދުވަސްތަކެއް ހޭދަ ވުމަކީ މިވަގުތަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް ޑިސެމްބަރު މަހާ ހަމަޔަށް ލިބޭ ވެހިކަލްތަކާއެކު ހިދުމަތް ފަށާނެކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.