ހަތަރު ލައްކައާ ގާތްވެފައިވާ ރާއްޖޭގެ އާބަދީގެ ބޮޑު އިންސައްތައެއް ވަނީ ބައްޔެއްގެ އަވާގައި ޖެހި ފަނާވެފަ އެވެ. އެ ބަލީގެ ހާލި ދުވަހެއް ދުވަހެއް މި ކުޑަ ރާއްޖޭގައި ދަނީ ބޮޑުވަމުންނެވެ. އެ ބަލީގެ ޝިކާރައަކަށްވެފައިވާ މެންބަރެއް ނެތް އާއިލާއެއް ވަރަށް މަދެވެ. އެ ބައްޔަކީ މަސްތުވާތަކެތީގެ ވަބާ އެވެ. އެ ވަބާގެ ހާއްޔެވެ.
މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ގިނަ މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މިކަން ދަނީ އިތުރުވަމުންނެވެ. ކޮންޓްރޯލުވުމާ ގާތަށް ވެސް މިކަން ނުދެ އެވެ. އެ ވަބާގައި ޖެހިފައިވާ މީހުން އިތުރުވާކަމުގެ މިއީ ވެސް ހެއްކެކެވެ. ޑްރަގް ކޯޓަށް މިދިޔަ އަހަރަށްވުރެ މި އަހަރު ހުށަހެޅުނު މައްސަލަތައް އިތުރެވެ. ބޮޑުތަނުން އިތުރެވެ.
މަސްތުވާތަކެތީގެ ވަބާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު މި ކަމުގައި ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިން ޝާމިލުވާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އަށް އަހަރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރި މައްސަލަތައް ވެސް މި ރާއްޖޭގައި ހިނގާފައި އެބަ ހުއްޓެވެ. އެފަދަ ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ބަލަބަލައި ތިއްބާ ޅަ ދަރިން ނުބައި ގޯޅިއަށް އަޅައިގެން މިދަނީ ކީއްވެ ހެއްޔެވެ؟
"ގިނަ ފަހަރަށް އާއިލާއަށް ދަރިންނާއެކު ދިރިއުޅުން ތަޖުރިބާއެއް ނުކުރެވޭ، އެ ކުއްޖާގެ ކާމިޔާބީތައް ފާހަގައެއް ނުކުރޭ، ކުއްޖާގެ މޮޅުކަމެއް ފާހަގަކޮށް ކުއްޖާއަށް މަގާމެއް ނުދެވޭ، އާއިލާގެ ތެރެއިިން މައިންބަފައިންނާއެކު ދިރިއުޅުމުގެ ފޮނި މީރުކަމާއި އުޖާލާ ކަމެއް އެ ކުދިންނަކަށް ނުލިބޭ، ދެން ފެންނަނީ ރައްޓެހިން، ރައްޓެހިން ތެރޭގައި އެ ކުއްޖާގެ ހުރިހާ ކަމެއް މި ފާހަގަކުރަނީ، އެ ކުއްޖާގެ ގަޓްހުރި ކަމާއި ޒުވާންކަން މި އިހުސާސްކޮށްދެނީ ވަށައިގެންވާ މާހައުލް،" ޅަ ކުދިން މަސްތުވާތަކެއްޗާ ދިމާލަށްދާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ނޭޝަނަލް ޑްރަގު އެޖެންސީގެ ކައުންސިލާއެއް ކަމަށްވާ އަހުމަދު ހިލްމީ ވިދާޅުވި އެވެ.
ތެދެކެވެ. އާއިލާއަކީ ދަރިން ގޯޅި އެޅުމުގައި ބޮޑު ރޯލެއް އަދާކުރާ ފަރާތެކެވެ. ހެޔޮގޮތުގައި ދަރިންނަށް އަޅައިނުލެވިދާނަމަ ގޯޅިއަޅާލެއް އަވަހެވެ. ދަރިންނަށް މާބޮޑު މިނިވަންކަމެއް ދިނުމަކީ ވެސް ގޯހެކެވެ. ދެން ފަހުން ދަރިން ހިފަހައްޓަން މަސައްކަތްކުރުމުން އެ ދަރިން ވަނީ އިތުރަށް ގޯހެވެ. އެކަމަކު އާއިލާގެ ބޮލުގައި އެކަނި މިކަމުގެ ޒިންމާ އަޅުވައިގެންވާކަށް ނެތެވެ. އަމިއްލަ ޒިންމާއެއް ވެސް މިކަމުގައި އޮންނަންވާނެ އެވެ.
"ފެމިލީ އެއްކޮށް ބްލޭމް ކުރެވޭކަން ނޯންނާނެ، އެމީހާ ބޮޑުވެގެން އަންނައިރު އެމީހާގެ އަމިއްލަ ޒިންމާ ނަގަން ނޭނގުން އެއީ ވަރަށް ބޮޑަށް އެޑިކްޝަނަށްދާ ސަބަބެއް، އެޑިކްޝަންގައި ހުންނަ މީހެއް ޒިންމާދާރުނުވެ އެމީހާ ރަނގަޅެއް ވެސް ނުކުރެވޭނެ،" ޑްރަގް އެޖެންސީގެ އެސިސްޓެންޑް ޑިރެކްޓަރެއް ކަމަށް މުހައްމަދު ފިޒްނީ ވިދާޅުވި އެވެ.
އެވޭލިބިލިޓީ، އެންވާރަމެންޓް، އެކްސްޕްލޯ
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ނުވިވެގެން އުޅޭ މިއީ ވެސް ތިން ސަބަބެވެ. މަސްތުވާތަކެއްޗަކީ މިހާރު ރާއްޖޭގެ ކޮންމެ ގޯޅިއަކުން ވެސް ލިބޭ އެހާ "އެވޭލަބަލް" އެއްޗެކެވެ. މިހާ ފަސޭހައިން ލިބޭ އެއްޗެއް ބޭނުންކުރާ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. ހަމައެހެންމެ، އެންވާރަމެންޓް ނުވަތަ ތިމާ ދިރިއުޅޭ މާހައުލަކީ ވެސް މަސްތުވާތަކެތީގެ ވަބާއަށް މީހުން ހާއްސަކޮށް ފުރާވަރުގެ ކުދިން ދިޔުމަށް ބާރު އަޅާ ކަމެކެވެ. އެގޮތުން އާއިލާ ތެރޭގައި މައްސަލަތައް އިތުރުވެ، ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ ވެސް ގިނަ ކުދިންނަށް މަގު މައްޗަށް ނިކުމެ މަގު އޮޅެން ދިމާވާ ސަބެބެކެވެ.
"ގިނަ އާއިލާތައް މި އުޅެނީ ވަރަށް ބިޒީ ދިރިއުޅުމެއް، ގިނަ ފަހަރަށް އަޅާލަން ޖެހޭ މިންވަރަށް އަޅާ ވެސް ނުލެވޭ، ދެން ކުއްޖާ ވަނީ އެކަނިވެރި، އެފަދަ ހާލަތްތަކުގައި މީހަކާ ވާހަކަ ދައްކާލަން ބޭނުންވެއްޖެނަމަ ނޫނީ މުނިފޫހިފިލުވާލަން ބޭނުންވެއްޖެނަމަ މި ހޯދެނީ ރައްޓެހި ކުއްޖާ، ގިނަ ފަހަރަށް މި މުޖުތަމައުގައި ރައްޓެއްސެއްގެ ގޮތަށް ވެސް މި ލިބެނީ އެފަދަ ވަބާއެއްގެ ތެރޭގައި އުޅޭ ކުއްޖެއް،" ޑްރަގް އެޖެންސީގެ ސޯޝަލް ވޯކާ ފާތިމަތު ފަޒުނާ ވިދާޅުވި އެވެ.
އެކްސްޕެރިމެންޓްކޮށްލައި އެކްސްޕްލޯކުރަން ނުވަތަ އަޖުމަ ބަލާލުމަށް މަސްތުވާތަކެތި ބޭނުންކޮށް "ކޫލް" ވެލަން ވެސް ބައެއް ކުދިން ދަނީ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވަންނަމުންނެވެ. ވަގުތީ އުފަލެއް ނުވަތަ ހިތްހަމަ ޖެހުމެއް ލިބިގަތުމަށް މަސްތުވާތަކެތި ބޭނުންކުރާ ކުދިން ވަރަށް ގިނަ އެވެ.
މި ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ މުހައްމަދު ފިޒްނީ ވިދާޅުވީ، ޖެހޭ މައްސަލަތަކުގައި ބޯ ގޮވައިގެން ނުވަތަ އެ ނޫން ވެސް ހާލަތެއްގައި ވެސް ބޯ ހަމަ ޖައްސާލަން ނުވަތަ މަސްތުވާތަކެއްޗަކީ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ އެއްޗެއް ކަމަށް ގަބޫލުކުރެވިގެން ވެސް އެ ވަބާގެ ތެރެއަށް ކުދިން ވަރަށް ގިނައިން ވަންނަމުންދާ ކަމަށެވެ. އަދި ބައެއް މަސްތުވާތަކެތި ކުދިން ބޭނުން ކުރަނީ އެއީ ދާއިމީ ހައްލެއް ލިބޭ، ގެއްލުން ކުޑަ އެއްޗެއް ކަމަށް ހީކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމައެހެންމެ ދިރިއުޅުމުގެ ހުނަރުތައް ކުދިންގެ ގައިގަ ނެތުމަކީ ވެސް މިކަމަށްދާ ކުދިން އިތުރުވާން ދިމާވާ ސަބަބެކެވެ. އިހު ޒަމާނުގައި ގޭތެރޭގެ މަސައްކަތްތައް ދަރިން ލައްވާ ކުރިވި ނަމަވެސް އެ ސަގާފަތް މިހާރު ރާއްޖޭގައި ދަނީ އުވެމުންނެވެ. ދަރިން ބައިތިއްބަނީ ކިޔަވަންށޭ ކިޔާފައި އެއްވެސް މަސައްކަތެއް ނުޖައްސަ އެވެ. އޭގެ ނަތީޖާއަކީ އެއްވެސް ހުނަރެއް ދަރީގެ ގައިގާ އަށަނުގަތުމެވެ. އެއީ، މީހާގެ ޒިންމާދާރުކަން ކުޑަވެގެންދާ ކަމެކެވެ.
"ގްރޭޑް 10 ނިންމާއިރު ކުދިންނަށް ނޭނގޭ އަމިއްލަ ދަބަސް އަޅުވައި ސެޓް ކޮށްލަން، މަންމަ އެ ހުރިހާ ދުވަހު ދަބަސް އުފުލައިދިނީ، ދެން އޭނާ ސްކޫލް ނިންމާފައި އޭނާ ބޭނުން ވަނީ ފިރިހެން ވަންތަ ސްޓައިލްގަ އުޅެން އެކަމަކު އޭނާގެ ނެތް އެ ހުނަރެއް، އޭނާ ބޭނުންވޭ ކްރައުޑް އޭނާ ކައިރީގައި ބާއްވަން، އެކަމަކު އެ ތަޖުރިބާއެއް އެ ހުނަރެއް އޭނާގެ ނެތް، ދެން އެ ކްރައުޑް ކައިރީގަ ބާއްވަން އެމީހުން ބުނިހާ ކަމެއް ކުރަނީ،" ހިލްމީ ވިދާޅުވި އެވެ.
ރޭވުންތެރި، ބޮޑު ވިޔަފާރީއެއް
ފުރާވަރުގެ ކުދިން މަސްތުވާތަކެއްޗާ އިންތިހާއަށް ގާތްވެފައިވަނީ "ބޯ ރަނގަޅު" ވިޔަފާރިވެރިންގެ ބުރަ މަސައްކަތުންނެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނެވެ. އޭގެ ބޭނުން އެމީހުން ނުކޮށް އެ ނުބައި ވަބާއަށް އެހެން މީހުން ވައްދައި މާލީ މަންފާ ހޯދަމުން އަންނަ މީހުންނެވެ. މިފަދަ މީހުން އެންމެ ދޯޅު ވަނީ ކުޑަ ކުދިންނާ އެވެ. އެއީ އެ ކުދިންގެ ސިކުނޑިތައް ފަސޭހައިން ދޮވެލެވޭތީ އެވެ.
"ވަރަށް ޅަ ދުވަހުން ވެސް އެ ކުއްޖަކީ ޓާގެޓަކަށް ހަދައިގެން މިތިބެނީ، ސްކޫލް ދައުރުން ފަށައިގެން ވެސް، ފުރަތަމަ އެ ކުއްޖާ ބޭނުންވާ ކުދިކުދި އެއްޗެހި ދެނީ، މިސާލަކަށް ފަރުގާލު ފޮށި ކަހަލަ އެއްޗެހި، ސެންޓް ފުޅި ކަހަލަ އެއްޗެހި، އޭނާއަށް ސިފަވަނީ އެއީ އޭނާއަށް އެހީތެރިވާ ބްރަދާގެ ގޮތުގައި، އެހެންވާމަ އޭނާގެ ބްރަދާ ދެރަ ގޮތެއް ނަހަދާނެ، އެންމެފަހުން އެ ފޯކަސްކުރާ ކުއްޖާ މީގެ ތެރެއަށް ވައްދަނީ، އޭނާއެކު އިތުރު 10 ، 12 ކުދިން ވެސް މިކަމުގެ ތެރެއަށް ވަންނަނީ،" ހިލްމީ ވިދާޅުވި އެވެ.
ޅަ ކުދިންގެ ހިތްތާ ގާތްވެގެން މަސްތުވާތަކެއްޗަށް އެ ކުދިންގެ ހިތް ލަންބުވާ ބޮޑެތި އަދަދު ފައިދާ ހޯދަމުން އެތައް ގިނަ ދިވެހިނެއްދާއިރު މި ވިޔަފާރީ ވެސް މިހާރު ވަނީ ވަރަށް ރޭވުންތެރިކަމާއެކު ވަރަށް ބޮޑަށް ކުރިއަރާފަ އެވެ. ސޯޝަލް ވޯކާ ފާތިމަތު ފަޒްނާ ވެސް ވިދާޅުވީ، މަސްތުވާތަކެތި ކޮންޓްރޯލުކުރުމަށް ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް ރާއްޖޭގައި މަސްތުވާތަކެތި ވިއްކާ މިންވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެވޭލިބިލިޓީ މަދުނުވާ ކަމަށެވެ.
އެ އެޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރެއް ކަމަށްވާ ހުނާނާ ވިދާޅުވީ، މިހާރު މަސްތުވާތަކެތި ވިއްކަމުން ދަނީ އޭގެ ބައެއް ބާވަތްތަކީ އެހާ ބޮޑަށް ގެއްލުންނުވާ ތަކެތި ކަމަށް އިސްތިހާރުކޮށްގެން ކަމަށެވެ. އެގޮތުން ކެނެބިސްގެ ބާވަތްތައް ނުވަތަ ތެޔޮ ބިޑިއޭ ކިޔައިގެން މަސްތުވާތަކެތި ވިއްކަމުންދަނީ އެއީ ސްޓްރެސް ފިލުވާލަދޭ، ގެއްލުން ކުޑަ މަސްތުވާތަކެއްޗެއް ކަމަށް ބުނެ ކަމަށް ހުނާނާ ވިދާޅުވި އެވެ. އެގޮތުން ބައެއް ކުޑަ ކުދިން ކެނެބިސްގެ ބާވަތްތައް ބޭނުންކޮށްފައިވަނީ އެއީ ހަށިގަނޑަށް ގެއްލުން ކުޑަ، ކިޔަވައި ތަކެތި ގިނައިރު ހަނދާން ހުންނަ އެއްޗެއް ކަމަށް ހީކޮށް ކަމަށް ވިދާޅުވި އެވެ. ބައެއް ކުދިން ޓެސްޓް ހަދަން ދާން ވެސް ކެނެބިސް ފަދަ ތަކެތި ބޭނުންކޮށްފައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރޮމޯޓްކުރަން އުޅޭ މީހުން ގިނަ ފަހަރަށް ކުދިން ގާތު މަސްތުވާތަކެތީގެ ވާހަކަ މި ދައްކަނީ، ސޯޝަލް މިޑިއާގައި ވެސް ކުދިންނަށް މި ފެންނަނީ މަސްތުވާތެކެތި ޕްރޮމޯޓްކުރާ ތަން، އެގޮތުން ކެނެބިސްއަކީ ހީލްވާ އެއްޗެކޭ ކިޔައިގެން ވަރަށް ބޮޑަށް ޕްރޮމޯޓްކުރޭ، އެއްވެސް ރިސާޗެއް ހެދިގެން އަންނަ އެއްޗެއް ނޫން، އެ އެއްކަލަ ކުއްޖާ ވެސް އެބަ ކިޔާ،" ހުނާނާ ވިދާޅުވި އެވެ.
ހައްލެއް އެބަ އޮތްތަ؟
ބޮޑު ސުވާލަކީ މިއީ އެވެ. މިކަމަށް ހައްލެއް އެބަ އޮތް ހެއްޔެވެ؟ ޅަ ދަރިން ސަލާމަތް ކުރިދާނެ ހެއްޔެވެ؟ އާނއެކެވެ. ހައްލު އެބަ އޮތެވެ. މުޖުތަމައު އިސްލާހުވާންވީ އެވެ. ފުރާވަރުގެ ކުދިން މި ވަބާގެ ތެރެއަށް ވަނުމުގެ އެންމެ ބޮޑު ރޯލެއް މުޖުތަމައު އަދާކުރާއިރު އާއިލާތައް މިހާރަށްވުރެ ޒިންމާދާރުވެ ދަރިން ޒިންމާދާރުކުރުވަން އެބަ ޖެހެ އެވެ.
ހަމައެހެންމެ މުއައްސަސާތައް ވެސް ހަރުދަނާވެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހެ އެވެ. މަސްތުވާތަކެތީގެ ވަބާގެ ކޮންޓްރޯލްކުރޭވޭނީ މަސްތުވާތަކެތި ދައުރުން ވެސް ހުއްޓިވިގެންނެވެ. މުޅި ރާއްޖޭގައި މަސްތުވާތަކެތީގެ ނެޓްވޯކް އަޅާފައިވާއިރު އެ ނެޓްވޯކް މުގުރާލަން އެބަ ޖެހެ އެވެ. އެފަދަ މީހުންގެ އަތް ދަށުން ދަރިން ސަލާމަތްކުރަން ވެސް އެބަ ޖެހެ އެވެ.
ހުނާނާ ވިދާޅުވީ، މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މީހުން ހޭލުންތެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުއްޖަކު އެފަދަ މަގަކަށް އެޅުމުން ދެން ކަންކުރަންވީ ގޮތް މައިންބަފައިންނަށް އެނގެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެފަދަ ހާލަތަކަށް ދަރިން ދިޔަ ނުދިނުމަށް ދަރިންނާ އޮންނަ ގުޅުން ގާތް ކުރުމަށް ވެސް އޭނާ އިލްތިމާސްކުރި އެވެ.
އޭގެއިތުރަށް ރާއްޖޭގައި މިފަދަ ކަންކަމުގައި އަދަބު ދިނުމަށް އޮންނަ ސިސްޓަމަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފިޒްނީ ވިދާޅުވި އެވެ. އެގޮތުން މަސްތުވާތަކެތި އަލަށް ބޭނުންކުރާ މީހެއް ނުވަތަ އެޑިކްޓަކަށް ނުވާ މީހެއް ވެސް ހައްޔަރުވެއްޖެނަމަ އޭނާގެ މައްސަލަ ދިގުލައިގެން ގޮސް، ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހުންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން އޭނާ އެ ވަބާއަށް ދުރަށް ދިޔުމުގެ ބަދަލުގައި ބޮޑަށް އެއާ ދިމާލަށްދާ ގޮތް މެދުވެރިވާ ކަމަށް ފިޒްނީ ވިދާޅުވި އެވެ.
ކޮންމެއަކަސް މިކަމުން ރާއްޖެ ސަލާމަތްކުރުމަކީ ފަސޭހަ ކަންކަމަކަށް ވެގެނެއް ނުދާނެ އެވެ. މިކަން ހައްލު ނުވެފައިމިވަނީ ވެސް އެހެންވެ އެވެ. ނަމަވެސް ހޭލުންތެރިވެ މިކަމުން ރާއްޖެ ސަލާމަތްކުރުމަށް އެންމެންގެ ޒިންމާ ވެސް އެބަ އޮތެވެ. އަންނަން އޮތް ޖީލުތައް ސަލާމަތްކުރަން ޖެހެ އެވެ.