ހަބަރު

މުޅި މާލެއަށް ބޭނުންވާނެ ފެން ރައްކާ ކުރެވޭނެ ބޮޑު ރިޒާވެއް ހަދަން ނިންމައިފި

ކުއްލި ހާލަތެއް ކުރިމަތި ވެއްޖެ ނަމަ މެދުނުކެޑި މުޅި މާލެއަށް ތިން ދުވަހަށް ބޭނުންވާނެ ފެން ފޯރުކޮށްދެވޭނެ ވަރުގެ ފެން ރައްކާ ކުރާނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އުފައްދަވާފައިވާ ޓާސްކް ފޯސް އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރައީސް މިއަދު ނިންމަވާފައި ވަނީ 20،000 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ވަރުގެ ފެނުގެ ސްޓްރެޓެޖިކް ރިޒާވެއް އުފެއްދުމަށް ކަމަށެވެ. އެކަމަށް ޓަކައި މާލޭގެ އެކި ސަރަހައްދުތަކުގައި 5،000 ޓަނުގެ ހަތަރު ތާންގިއެއް ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރިޒާވް ގާއިމް ކުރެވުމުން ކުއްލި ހާލަތެއްގައި މެދުނުކެޑި ތިން ދުވަހު މުޅި މާލެއަށް ފެން ދެވޭނެ ވަރުގެ ގާބިލްކަން ލިބިގެން ދާނެ އެވެ.

"މިކަމަށް ހަރަދު ކުރާނީ ފަންޑުން ލިބޭ ފައިސާއިން. ރައީސް އެގޮތަށް ނިންމެވީ ކުއްލި ހާލަތެއްގައި މާލޭގެ ރައްޔިތުންނަށް ފެން ދަތި ނުވެ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް. މިއީ ރައީސްގެ ވަރަށް މުހިންމު ނިންމުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނުގެ މައްސަލަ ހައްލު ކުރަން ހުޅުވާފައިވާ ފަންޑުން އެމްޑަބްލިއުއެސްސީ އަށް ލިބުނު ބައެއް ގެއްލުންތައް މަރާމާތު ކުރުމަށް ހަރަދު ކުރާނެ ކަމަށެވެ. އަދި އެކަން ކުރާނީ އިންޝްއަރެންސްގެ ފައިސާ ލިބެންދެން ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިމާވެފައިވާ ސާފު ބޯފެން ނުލިބުމުގެ މައްސަލަ ހައްލު ކުރަން ވެސް އެ ފަންޑުން ހަރަދު ކުރާނެ އެވެ. ފަންޑްގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ހުޅުވާލެވިގެން ދެ ފުށްފެންނަ ގޮތެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ފަންޑަށް ލިބޭ ފައިސާގެ މިންވަރާއި ހަރަދު ކުރާ ގޮތާ މިހުރިހާ ކަމެއް ރައީސް އޮފީހުން ބައްލަވާނެ. އަދި އެކަން ކުރިއަށް ގެންދާނީ މައުލޫމާތުތައް ހަމަ މީޑިއާތަކަށް ވެސް ނުފޮރުވާ ހާމަ ކުރަމުން ގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފަންޑްގެ އެއްވެސް ފައިސާއެއް ނާޖާއިޒު ގޮތެއްގައި ހޭދަ ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓަރު ވިދާޅުވީ އެމްޑަބްލިއުއެސްސީއަށް ބޭރުން ގެންނަން ޖެހޭ އެކި ތަކެތި ވެސް ގެންނަނީ ސީދާ އެ ކުންފުނީގެ ފައިސާއިންނެވެ. އަދި އެކަމަށް ސަރުކާރުގެ ބަޖެޓުން ހަރަދު ނުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފޯކަސް އަކީ މިފަދަ ހާދިސާއެއް މެދުވެރި ދެން ނުވާނެ ގޮތަކަށް ކަންތައްތައް ރޭވުމެވެ.

"މީގެ ޓެކްނިކަލް ވާހަކަ ދެއްކުމަށް ވުރެ އަޅުގަނޑުމެން މި ބަލަނީ ދެން މިކަން ހައްލު ކުރެވޭނެ ގޮތަކަށް. އޭރުން އަޅުގަނޑުމެންނަށް ދެން މިފަދަ ކަމެއް ތަކުރާރު ނުވެ ކުރިއަށް ދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.